English Edition
Dhivehi Edition

ކްރޮސިން އައްޑޫ އިވެންޓް އަކީ ރާއްޖޭގައި މިވީތަނަށް ބޭއްވުނު ރަށުން ރަށަށް ފެތުމުގެ އެންމެ ދިގު ރާސްތާއެއް ފެތި އިވެންޓް އެވެ. ރަމަޟާން މަހުގެ ކުރީގައި ބޭއްވުނު މި ފެސްޓިވަލް އަށް އެތައް ބަޔަކު ތައްޔާރު ވެފައި ވާއިރު، 4 މޭއި 2019 ވީ ދުވަހު އެންޑިއުރެންސް އެތްލީޓް އަހުމަދު އާތިފް ވަނީ އައްޑޫސިޓީގެ ހުޅުމީދޫ އާއި ހިތަދޫ އާއި ދެމެދުގައިވާ ގާތްގަނޑަކަށް 18 ކިލޯމީޓަރުގެ ދިގުމިން ހުރި ކަނޑުގެ ރާސްތާ ކަޑައްތު ކުރުމަށް އޭނާގެ އަމިއްލަ ނަފްސަށް ޗެލެންޖް ކޮށް އެކަމުގައި ވަނީ ކާމިޔާބު ވެފައެވެ.

އާތިފް އަދި މި އިވެންޓް ރޭވި ޑިސްކަވާރ އައްޑޫގެ ފަރާތުން ބުނެފައިވާގޮތުން މި އިވެންޓްގެ މައިގަނޑު މަގުސަދަކީ މުޅި ދުނިޔެއަށްވެސް ދިމާވެފައިވާ ކަނޑުތައް ތަޣައްޔަރުވުމުގެ މައްސަލަ އާންމުންގެ ސަމާލުކަމަށް ގެނައުމާއި، ކަނޑުގެ ދިރުންތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމެވެ.

4 މޭއި 2019 ވީ ހޮނިހިރު ދުވަހު ވަނީ އައްޑޫ ސިޓީ މީދޫގައި އެރަށުގެ ތަރައްޤީ އަށް މަސައްކަތް ކުރާ އަމިއްލަ ޖަމިއްޔާއެއް ކަމުގައިވާ ނަލަފެހި މީދޫއާއި މި އިވެންޓްގެ ބައިވެރިންނާއި ގުޅިގެން ސްކޫލްތަކުގެ ދަރިވަރުންނަށް އެއްވުމެއް ބާއްވައި ކަނޑުގެ ދިރުންތަކަށް ކަނޑުގެ ލޮނުގަނޑު ތަޣައްޔަރުވެ ކުނި ގިނަވުމުގެ ސަބަބުން ދިމާވެފައިވާ ނުރައްކާތަކާއި ގުޅޭގޮތުން މައުލޫމާތު ހިއްސާ ކޮށްފައެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު 7:45 ގައި މީދޫ ބަނދަރު ސަރަހައްދުން ފެށުނު ފެތުން ނިމިފައިވަނީ 8 ގަޑިއިރާއި 55 މިނެޓްގެ ދިގު ރާސްތާ އަކަށްފަހު ހިތަދޫ ޓްރެކް ސަރަހައްދުންނެވެ. މި އިވެންޓް ފަށްޓަވައިދެއްވި އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ސޯދިޤް ވަނީ އިވެންޓްގެ ބައިވެރިންނާއި އެކީ ފެތުމުގައި ބައިވެރިވެފައެވެ. އާތިފްގެ އިތުރުން ރާއްޖޭގެ އޯޕެން ވޯޓަރ ފެތުމުގެ ދާއިރާއިން ގިނަގުނަ ތަޖުރިބާ ލިބިފައިވާ ފެތުންތެރިއެއް ކަމުގައިވާ އަންވަރު ހުސެއިން ވަނީ ކާމިޔާބު ކަމާއިއެކު މި އިވެންޓް ފުރިހަމަ ކޮށްފައެވެ. އައްޑޫގެ ޒުވާން އެތްލީޓުން ކަމުގައިވާ މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަންގެ އާއިޝް، ނަތޫފް، އިބާން، ޝަހާ، މާވީ އަދި ސްވިމް އައްޑޫގެ ފަރާތުން ޒައުލް، ޔާމީން، ޖާވީޝް، މިންހާލް، ރަމްސާ އަދި ޔަޒްކާ ވަނީ މި އިވެންޓްގައި ފެތުންތެރިންގެ ގޮތުގައި ބައިވެރި ވެފައެވެ.

ފެތުން ނިމެން 3 ކިލޯމީޓަރަށް ވެފައި ވަނިކޮށް 28 ކުޑަ ކުދިން ވަނީ ފެތުންތެރިންނާއި ބައިވެރިވެ އެކީގައި އިވެންޓް ނިންމާފައެވެ. މިއީ ރާއްޖޭގައި ފެތުމުގެ ރިކޯރޑެއް ގާއިމް ކުރި އިވެންޓް އެއްކަން ފާހަގަ ކޮށްލެވެއެވެ. ފެތުން ފުރިހަމަ ކުރި އާތިފް އާއި އަންވަރު ވަނީ ގިނަ ގުނަ ދަތިތަކެއް ކަޑައްތުކުރުމަށްފަހު ކާމިޔާބު ކަމާއެކު އިވެންޓްގެ މަގުސަދު ޙާސިލުކޮށްފައެވެ.

ޑިސްކަވާ އައްޑޫގެ ފަރާތުން ރޭވި މި އިވެންޓް ބޭއްވުމުގައި އައި.ސީ.އެމް މޯލްޑިވްސް، އައްޑޫ ސިޓީ ކައުންސިލް، ޕެބްލްސް އިން އަދި އީހަބް އައިރަނާރސް ސްވިމް މޯލްޑިވްސް، މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަން، ކޮންޓްރޯލް ޕީ އައްޑޫ، ސުވާދިވް ކެފޭ، އީކުއޭޓަރ ހޯމްސްޓޭ، ރޯވިން އެސޯސިއޭޝަން އޮފް މޯލްޑިވްސް، ސްވިމް އައްޑޫ، މަލްޓި ސުޕަމާރޓް، އަކުއަވެންޗާރ ޑައިވް ސެންޓަރ، ނަލަފެހި މީދޫ އަދި ޗާރމިން ހޮލިޑޭ ލޮޖްގެ އެހީތެރިކަން ވަރަށް ބޮޑަށް ފޯރުކޮށްދެއްވާފައިވާ ކަމަށް މި އިވެންޓް އޮގަނައިޒް ކުރި ޑިސްކަވާ އައްޑޫ ޑޮޓްކޮމް އިންބުނެއެވެ.