English Edition
Dhivehi Edition

ގާފަރު ކަޅު އިބްރާހީމަކީ ކާކު؟

ގާފަރު ކަޅު އިބްރާހީމް (ކަޅު އުނބުށޭމް) އަކީ ބުރަކި ރަނިންގެ އާއިލީ ޚާއްސަ ޚައްދާމެއް ކަމަށްވެއެވެ. އެހެން ކަމުން އޭނާއާ ބުރަކިރަނިންނާ ދެމެދު ވަރަށް ގާތް ކަމެއް އޮންނަ ކަމަށްވެއެވެ.

އެދުވަސްވަރު ބުރަކި ރަނިން ހިތްޕުޅާވެގެން އުޅުއްވި ކަމަށްވަނީ މާލޭ ރަށްދެބައިގޭ ކަޅު މުހައްމަދާއެވެ. އެހެންނަމަވެސް ކަޅު މުހައްމަދުގެ މަންމަ އެކަމާ ނުރުހޭތީ އޭނާ ގދ. ވާދުއަށް އަރުވައިލީއެވެ.

އޭރު ދިވެހި ތަޚުތުގައި އިންނެވީ ސުލްތާން އަލީ (ފަސްވަނަ) ނުވަތަ ފަސްވަނަ އަލީ ރަސްގެފާނެވެ. އެއީ މަޝްހޫރު ދޮންބުޅާ ފާށަނާއެވެ. ބުރަކިރަނިން އަކީ މި ރަސްގެފާނުގެ ދައިތާ ކަމަނާއެވެ. އެހެންނަމަވެސް އެކަމަނާގެ ލޯބިވެރިޔާ ކަޅު މުހައްމަދަށް ރަސްކަން ހޯއްދަވައިދެއްވަން ޕޯޗުގީޒުންގެ އެހީއާއެކު ދޮންބުޅާ ފާށާނާ އަވަހާރަކޮށްލީ އޭނާގެ މޭސްތިރި ކަމުގެ ދަށުން ކަމަށް ތާރީޚު ބުނެއެވެ. މިކަމުގައި އަމަލީ ގޮތުން އެންމެ ބޮޑުއެހީތެރި ކަމެއް ފޯރުކޮށްދިން ކަމަށްވަނީ ކަޅު އުނބަށޭމާއި އޭނާގެ ދޮން ބައްޕަ ހުޅުދެލީ ދޮން ޔޫސެވެ. އޭނާއަކީ ރަދުންގެ ހަށިފާރަވެރިއެކެވެ.

ކަޅު އުނބުށޭމަކީ އޭރުވެސް ދައުލަތުގެ ބާރުގަދަ މީހެކެވެ. ބޭނުންވަގުތަކު ބޭނުން ކަމެއް ކުރުމުގެ ބާރު އޭނާއަށް ލިބިފައިވެއެވެ. ކާންޒީ ކަމަނާގެ ނަވަށް ދިޔައީވެސް އެބާރުގެ ދަށުން ކަމަށްވެއެވެ.

ކަޅު އުނބުށޭމަކީ އައްޑުއަތޮޅާއި، ފުވައްމުލަކާއި، ހުވަދު އަތޮޅުގައި އަމިއްލަ ގޮތުން އަތޮޅުވެރިކަންވެސް ކުރި މީހެއް ކަމަށް ބައެއް ލިޔުންތަކުން ފެންނަން އެބަހުއްޓެވެ. އޭނާ ކާންޒީ ކަމަނާއާ ކައިވެނިކޮށްގެން އައްޑޫގައި އުޅުމަށްފަހު މާލެ ބަދަލުވިއެވެ. އަނދިރިއަނދިރިން ފިލައިގެން ރާއްޖެއިން ބޭރަށް ދިޔައީ އެ އާއިލާ މާލެ ބަދަލުވި ފަހުންނެވެ. އަނދިރިއަނދިރިން ފިލައިގެން ދިޔައީ މާލޭގައި އަހަރުތަކެއް ހޭދަކުރުމަށްފަހުގައި ކަމަށްވެއެވެ. އޭނާ ފިލައިގެން ދިޔައީ އެއްބަނޑު ކޮއްކޮ މަތުއްކަލާ ގަތުލު ކޮށްފައި ކަމަށް ބައެއް ފޮތްތަކުގައި ލިޔެފައިވެއެވެ. އޭނާ ފިލީ މައިގަނޑު ދެ ބޭނުމެއްގައި ކަމަށްވެދާނެއެވެ. އެއީ ރަސްކަމުގެ ބޭނުމުގައްޔާއި، އޭނާގެ ބައްޕަގެ މަރުގެ ބަދަލު ހިފުމެވެ.

މި ހާދިސާގެ ކުރީކޮޅުގައި ލިޔެފައިވާނީ ކަޅު އިބްރާހީމާއި، ކާންޒީ ކަމަނާ (ޚާދުޖުޒީ) އަށް ލިބުނު ދަރިފުޅަށް ނަމަކަށް ކިޔައިފައިވަނީ މުހައްމަދު ކަމަށެވެ. އެގޮތަށް ލިޔުނީ ބައެއް މީހުން އެގޮތަށްވެސް ކިޔައިދީފައިވާތީއެވެ. ބައެއް ލިޔުންތަކުން ފެންނަންހުރި ގޮތުގައި ހަގީގަތުގައި މުހައްމަދަކީ އަނދިރިއަނދިރީންނެވެ.

ކާންޒީ ކަމަނާއާ ބެހޭ ވާހަކަ އެހެން ގޮތަކަށް

ކާންޒީ ކަމަނާ ދަތުރު ކުރެއްވި ނައު އުރުނީ ހުވަދުއަތޮޅަށް ކަމަށް ބުނާ މީހުންވެސް އެބައުޅެއެވެ. އަދި އޭނާ ރާއްޖެއިން ކައިވެނި ބައްލަވައިގަތީ އެޒަމާނުގައި ގދ. ހޯޑެއްދޫގައިތިބި ހޮޅިންގެ ތެރެއިން މީހަކާ ކަމަށްވެސް ވާހަކަ ދެކެވެއެވެ. ހޯޑެއްދޫއިން ހޮޅިން (މަލަބާރި ކަރައިގެ މުސްލިމުން) ގެ މީހަކާ ކައިވެނި ބައްލަވައިގެން ލިބިވަޑައިގެންނެވި ދަރިފުޅަށް އޮޅަކަލޯ (އެޅެ ކަލޯ) ކިޔައި އުޅުނު ކަމަށްވެސް ވެއެވެ. ހޯޑެއްދޫގައި އުޅުއްވުމަށްފަހު ކާންޒީ ކަމަނާވަނީ އެ އަތޮޅު ވާދުއަށް ބަދަލުވެފައި ކަމަށްވެސް ވާހަކަ ކިޔައިދޭ މީހުން ބުނެއެވެ.

ކާންޒީގެ (ކާންޒީ ކަމަނާގެ) އެޅަކަލޯ އަކީ ވަރަށް އަޑުގަދަ މީހެއް ކަމަށްވެސް ވެއެވެ. މާ އަޑުގަދަ މީހަކާ ދިމާވެއްޖެނަމަ އެމީހެއްގެ އަޑު ކާންޒީގެ “އޮޅަކަލޯ” އަށްވުރެ ގަދައޭ، ހުވަދޫ މީހުން މިހާރުވެސް ކިޔައެވެ. ކާންޒީގެ ނަމުން ނަންދީފައިވާ ބޯޓެއް ވަރަށް ފަހަކާ ޖެހެންދެން ގދ. ވާދޫގައި ދުއްވިއެވެ. އެ ބޯޓަށް އެނަން ދެވުނީ ކާންޒީ ކަމަނާ ވާދޫގައި އުޅުއްވީތީ އެކަމަނާއަށް ނިސްބަތްކޮށް ކަމަށްވުމަކީ އެކަށީގެންވާ ކަމެކެވެ.

އެނައު އުރުނީ އައްޑުއަށް ކަމަށް ބުނާމީހުން ބުނެފައިވަނީ ނައު ފަރަށް އެރުމުން އައްޑޫގައި އަހަރުތަކެއް ވަންދެން ކަމަށެވެ. އެ މުއްދަތުގައި އައްޑޫ ބަހުރުވަވެސް ދަސްކުރެއްވި ކަމަށްވެއެވެ. އެހެންކަމުން އޭނާ ހުވަދުއަށް ބަދަލުވެ މީހަކާ ކައިވެނި ބައްލަވައިގެން ލިބުނު ދަރިފުޅަށް ލޯބިން ކިޔައި އުޅުނު ކަމަށްވަނީ އެޅެކަލޯ” އެވެ. ހުވަދުއަށް އޭނާގޮސް ވާހަކަ ދައްކައި އުޅުނީވެސް އައްޑޫ ބަހުން ކަމަށްވެއެވެ.

ކާންޒީ ކަމަނާ ދަތުރު ކުރެއްވި ނައު އުރުނީ އައްޑޫއަށް ކަމަށްވާނަމަ އައްޑޫގައި ގަނޑުވަރުތައް އަޅުއްވައި ދިރިއުޅުން ފެށްޓެވުމަށްފަހު ހުވަދުއަށް ވަޑައިގެންނެވީ ކީއްވޭބާއެވެ؟ މީގެ ސީދާ ޖާވާބެއް ނޭނގެއެވެ. އެހެންނަމަވެސް ހިތަދުއަކީ ހަތްފަހަރު ފަޅުވެފައިވާ ރަށެއް ކަމަށްވާނަމަ ފަޅުވި ފަހަރެއްގައި ކާންޒީ ކަމަނާ ހުވަދުއަށް ވަޑައިގެންނެވީ ކަމަށް ވެދާނެއެވެ. އެހެނީ ހިތަދޫ ފަޅުވުމުމުން ފުވައްމުލަކާއި ހުވަދުއަށް ވަރަށްގިނަ މީހުން ދިޔަ ކަމަށްވެއެވެ.

އަނެއް ވާހަކައަކީ މި ނައު އުރުނު އިރު އެކަމަނާ ކައިވެނި ބައްލަވައިގެން އިންނެވީ ޕްރިންސަކާ ހެއްޔެވެ؟ ނުވަތަ ނަވުގެ ކެޕްޓަނާ ހެއްޔެވެ؟ ނަވުގެ ކެޕްޓަނަކީ ޕްރިންސެއް ކަމަށްވާނަމަ އޭނާ ކެޕްޓަނެއްގެ ގޮތުގައި ވަޑައިގެންދާނެ ހެއްޔެވެ؟ މީގެ ސީދާ ޖަވާބެއް ނޭނގެއެވެ.

އައްޑޫސިޓީ މޭޔަރު އަބްދުﷲ ސާދިގު ވިދާޅުވެދެއްވި ގޮތުގައި ކާންޒީ ކަމަނާގެ ދަތުރަކީ ކުރިން ދެންނެވި ފަދައިން ހަނީމޫން ދަތުރެކެވެ. ޚައްދާމުންނާއި ހަށިފާރަވެރިންނާއެކު ފެއްޓެވި ދަތުރެކެވެ. ކޮންމެއަކަސް ނައު އުރުނުއިރު އެ ކަމަނާ ކައިވެނި ބައްލަވައިގެން އިންނެވީ އެ ނަވުގެ ކެޕްޓަނާ ކަމަށް ބައެއް ލިޔުންތަކުން ފެންނަން އެބަހުއްޓެވެ.

އެވާހަކަވެސް ބާއްވާނީއެވެ. ކޮންމެއަކަސް ކަޅު އުނބުށޭހެމު ނަވަށްގޮސް ކާންޒީ ކަމަނާ ގެނައިރު އާލާސްވެ އިންނެވި ދަރިފުޅު ވިހެއުމަށްފަހުކީ ނަމަކީ މުހައްމަދު ކަމަށްވެއެވެ. އޭނާވަނީ ފަހުން ދީންބަދަލުކޮށް ނަން އެންޑްރިއާސް އެންޑްރޫ (އަނދިރި އަނދިރިން) ގެ ނަމަށް ބަދަލުކޮށްފައެވެ. މި މުހައްމަދު ވާނީ އެކަމަނާގެ ބޮޑުދަރިފުޅަށެވެ. އެހެންވީމާ އެޅަކަލޯ ވާންޖެހެނީ ކުޑަދަރިފުޅަށް ކަމަށް ބެލުމުގެ ފުރުސަތު އެބައޮތެވެ. ކުޑަދަރިފުޅަށްވާނީ ކަޅު އިބްރާހީމާއި ކާންޒީ ކަމަނާގެ ދަރިފުޅު މަތުއްކަލާ ކަމަށް ވެދާނެއެވެ.

 

ރަނިން ހަނާފެންގަނޑު

މިފެންގަނޑާ ބެހޭގޮތުން އުފެދޭ ސުވާލެއް އެބައޮތެވެ. އެއީ މިލްކުވެރި ކަމާބެހޭ ގޮތުން އުފެދިފައިވާ ސުވާލެކެވެ. ފެންގަނޑު ނިސްބަތްވަނީ ކާންޒީ ކަމަނާއަށް ކަމަށް ބުނާމީހުން ތިބި ފަދައިން އެއީ ބުރަކި ރަނިން ނާނޭފުޅު ފިއްލަވަން ތައްޔާރު ކުރި ފެންގަނޑެއް ކަމަށް ބުނާ މީހުންވެސް އެބައުޅެއެވެ. މިއީ ޚިލާފު އުފެދިފައިވާ ކަމެކެވެ. އެހެންނަމަވެސް އެތަނާއި ބުރަކި ރަނިންއާ ގުޅުވައިގެން އައްޑޫ މީހުން ވާހަކަ ދައްކާ އަޑެއް ދުވަހަކުވެސް ނާއްސަވާ ކަމަށް ފިރާގު ވިދާޅުވިއެވެ. އަދި ތާރީޚަކުންވެސް މިއަދާ ހަމައަށް ދެކެވަޑައި ނުގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންނަމަވެސް މިވާހަކައިގައި ފާހަގަކޮށްލަންޖެހޭ ކަމެއް އެބައޮތެވެ. އެއީ މިވާހަކައިގައި މިއުޅޭ ގާފަރު ކަޅު އުނބުށޭމް އަކީ ބުރަކި ރަނިންގެ ޒަމާނުގައި އުޅުނު މީހެއްކަމަށްވެއެވެ. އެކަމަނާ އަސޭއަށާއި ގޯވާއަށް ވަޑައިގެންނެވި ދަތުރުފުޅެއްގައި އަރިހުގައި ގެންދެވީ ކަޅު އުނބުށޭމް ކަމަށްވެއެވެ. އެއީ އާއިލާގެ މުސްކުޅި ޚާދިމެއްގެ ހައިސިއްޔަތުން ގެންދެވި ގެންދެވުމެއް ކަމަށްވެސް ވެއެވެ.

ކޮންމެއަކަސް ރަނިން ހަނާ ފެންގަނޑު ހަދާފައިވަނީ އަތިރީ ކޯއްޓޭގެ އެއްފަރާތެއްގައި ކަމަށް މިވާހަކަ ކިޔައިދިން މީހުން މުސްކުޅިންނާ ހަވާލާދީ ކިޔައިދީފައިވެއެވެ. މިއީ ކާންޒީ ކަމަނާ ނާނޭފުޅު ފިއްލެވުމަށް (ފެންވެރުމަށް) ކަޅު އިބްރާހީމް ހަދައިދިން ފެންގަނޑެއް ކަމަށްވެއެވެ. މިފެންގަނޑު ހަދައިފައިވަނީ ވަށައިގެން ހަތާޖަހައިގެން ވަރަށްރީއްޗަށެވެ. އެތަން ހަދާފައިވަނީ ދިޔަވަރު ބޮޑުވީމައި މޫދުން ލޮނު ވަންނަ ގޮތަކަށެވެ. އަދި ހިކުނީމައި ފެންގަނޑުން މޫދަށް ލޮނު ބޭރުވާ ގޮތަށެވެ.

މިފެންގަނޑު މިހާރުވެސް އެބައޮތެވެ. އެހެންނަމަވެސް ކުރިންއޮތް ގޮތަކަށް ނޫނެވެ. އެކަމަކުވެސް ބަލާލަން ވަރަށް ހިތްގައިމެވެ. ވަރަށް ނަލަވެފައި ރީއްޗެވެ. ވަށައިގެންވަނީ ދިއްގާ ގަސްތައް ހެދިފައެވެ. ދިޔަވަރު ބޮޑުވުމުން މިހާރުވެސް އެތަނުގައި ފެން (ލޮނު) ހުރެއެވެ.

ފެންގަނޑުގެ އަސްލު ގެއްލުން

ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު ލައިގެންފިއެވެ. އިނގިރޭސީން އައްޑުއަށް އަތުވެއްޖެއެވެ. އެކި ސަރަހައްދުތަކުގައި ކޭންޕު ޖަހަން ފަށައިފިއެވެ. ކޭންޕު ޖެހި ދުވަސްވަރު ކޯއްޓޭގައިވެސް ކޭމްޕުޖެހި ކަމަށްވެއެވެ. އެ މީހުން އޮޑައްސަލި ސަރަހައްދުގައި ކޭމްޕުޖެހީ ކޯއްޓޭ ގަނޑުވަރު ތަޅާލައި އެތަންހުރި ބިމުގައި ކަމަށްވެއެވެ. އެ މީހުން އެތާގައި ޖާގަޖެހުމަށްފަހު އެމީހުން ބޯން ބޭނުންކުރި ހުރިހާ ފުޅިއެއް އުކަމުންދިޔައީ އެފެންގަނޑަށް ކަމަށްވެއެވެ. ނަތީޖާއަކީ އެތަނުގެ ރީތިކަމާއި އަސްލު ގެއްލިގެން ދިޔުމެވެ.

ފެންގަނޑުގެ ހަތާތައް ކޮބާ؟

ރަނިންހަނާ ފެންގަޑު އޭރުއޮތީ ހަމަ ޗާލުކޮށް އޭގެ ނަލަކަމާއި ހައިބަތްތެރިކަން މަތީގައި ކަމަށްވެދާނެއެވެ. އެހެންނަމަވެސް އެތަން މިހާރުއޮތީ އޭގެ އަސްލު ގެއްލިފައެވެ. ވަށައިގެންޖެހި ހަތާތަކެއް އެގޮތުގައި ފެންނާކަށް ނެތެވެ. އެތަނުގައިހުރި ހަތާތައް ހުސްވީ އާންމުންގެ މީހުން ނަގައި ކަމަށް ބުނެއުޅެއެވެ. ބޭނުމަކީ ގެތައް ރޭނުމެވެ.

މޫދުން ހަތާ ނުނެގީ ކީއްވެ؟

މޫދުން ހަތާ ނުނެގީ މޫދުން ހަތާނެގުން މަނާ ކޮށްފައި އޮތުމުން ކަމަށްވެއެވެ. އެކަން މަނާކުރީ މަޝްހޫރު އަފީފު ދީދީގެ ބައްޕަ އެޅަދީދީގެ އަލީދީގެ ވިރާސީ ކަތީބު ކަމުގެ ދުވަސްވަރު ކަމަށްވެއެވެ.

ހަތާ ނެގުން ވެރިކަމުގެ ފަރާތުން މަނާކުރުމުން ފަސޭހައިން ހަތާ ނެގުމުގެ ގޮތުން ރަނިންހަނާ ފެންގަނޑުގައިހުރި ހަތާތައް ނަގައި ހުސްކުރީ ކަމަށްވެސްވެއެވެ. އިނގިރޭސީން އެ ސަރަހައްދުގައި ތިބި ދުވަސްވަރު އެމީހުން ބުއި ހުރިހައި ފުޅިތަކެއް އުކަމުންދިޔައީ އެފެންގަޑަށް ކަމަށްވެސް ވެއެވެ. އެންމެފަހުން އެތަން ފުރުނީއެވެ. ފެން ހިކުނީއެވެ. ހައިބަތު ގެއްލި އެތަންވެސް ފޮރުވުނީއެވެ. އެ ފުޅިތަކުގެ ސަބަބުން އެތަނުގެ ބިންވަނީ ހަރުވެފައެވެ. ތަންވަނީ ފުޅިތޮށިން ބަރާވެފައެވެ. (ނުނިމޭ)