English Edition
Dhivehi Edition

ރަނިންހަނާ ފެންގަނޑޭ ކިޔައިގެން ޕްރޮމޯޓު މިކުރީ ކޮންތަނެއް؟

އިހުޒަމާނުގެ މުސްކުޅިން ބުނަނީ އެއީ “ދިއްގޮނޑެ ފަޅަގަނޑި ދިއްވާ ފެންގަނޑު” ކަމަށެވެ. ނުވަތަ ދިއްވާ ފެންގަނޑު ކަމަށެވެ. އެތަނަށް އެނަން ދީފައިވަނީ އައްޑޫގައި ބުޑިސްޓުން އުޅުނު ޒަމާނުގައެވެ. އެތަން އޭރު ބޭނުން ކުރަމުން ގެންދިޔައީ އަޅުކަމާ ގުޅުންހުރި ކަންކަމުގައި ކަމަށްވެއެވެ.

މި ރީތި ފެންގަނޑަށް ދިއްވާ ފެންގަނޑޭ ކިޔުނު ކަމަށްވަނީ ތުއްތު ކުދިންގެ ފައި ފުރަތަމަ ފަހަރަށް ބިމުގައި ޖެއްސުމަށް ކުރާ ބައެއް ކަންކަމާ ގުޅިގެން ކަމަށްވެއެވެ. ކުއްޖާގެ ފައި އަލަށް ބިމުގައި ޖައްސާ ދުވަހު އެ ފެންގަނޑު ކައިރިއަށްގޮސް ފެންގަނޑުގައި އޮންނަ ކުޑަކުޑަ ބޮއްކުރައަކަށް ކާއެއްޗެއްސާއި ކުއްޖާ އަރުވައެވެ. އެއަށްފަހު އެއްކޮޅުން އަނެއްކޮޅަށް ބޮއްކުރާ ދުވައެވެ. މިގޮތަށް އެ ބޮއްކުރާ ދުއްވާތީ ދިއްވާ ފެންގަނޑު ނުވަތަ ދުއްވާ ފެންގަނޑުގެ ނަމުން އެތަން މަޝްހޫރުވެފައިވަނީ ކަމަށް އައްޑޫގެ ބައެއް މީހުން ކިޔައިދިނެވެ. ކުއްޖާގެ ފައި އަލަށް ބިމުގައި ޖެއްސުމަށް “ބިންބޭވުން” އޭ ވެސް ކިޔައެވެ.

ބިންބޭވުން

ބިންބޭވުން (ތުއްތު ކުއްޖާގެ ފައި ފުރަތަމަ ފަހަރަށް ބިމުގައި ޖެއްސުން) މިއީ އިހުޒަމާނުގައި ކޮށްއުޅުނު ކަމެއް ކަމަށް ބުނެއުޅެތެވެ. ބުދަށް އަޅުކަންކުރި މީހުން އައްޑޫގައި އުޅުނުއިރު ތުއްތު ކުދިންގެ ފައި ފުރަތަމަ ފަހަރަށް ބިމުގައި ޖެއްސެވުމަށް ގެންދަނީ ދިއްވާ ފެންގަނޑު ކައިރިއަށެވެ. ކުއްޖާގެ ފައި ބިމުގައި ޖައްސަނީ ވަގުތާއި ސާއަތަށް ބަލައިގެން ވަރަށް ފަރުވާތެރި ކަމާއެކު އެކަމުގެ މާހިރަކު ނުވަތަ ފަންޑިތަވެރިއަކު ލައްވައި ކަމަށެވެ.

މިކަމަށް ތައްޔާރު ވުމަށް ފެންގަނޑު ކައިރިއަށް ކުއްޖާ ގެންދިޔުމަށްފަހު އެކަމަށް ޚާއްސަ ކޮށްފައިވާ ސަރަހައްދުގެ ބިންމައްޗަށް ދޮންވެލި އަޅާލަނީ ކަމަށްވެއެވެ. އެއަށްފަހު ވެލިގަނޑުމަތީގައި އަކަ ކުރަހައި އަކަކޮށްލަނީއެވެ. އަކަކުރުމޭ ބުނެވޭ ބަހުގެ މައުނައެއް ކަމަށްވަނީ ހަތަރެސްކަން ނުވަތަ އެއަށްވުރެ ގިނަގޮޅިތައް ކުރަހައި ވަކި ތަރުތީބަކުން އޭގެ މަތީގައި ވަކިވަކީން ލިޔުމެވެ. އަކަކޮށް ނިމުމުން އޭގެ މަތީގައި ފުފުލެއް ނުވަތަ ބޮޑު ކާއްޓެއް ބާއްވަނީއެވެ. އެހެރީ ބިންބޭއްވުމަށް ތައްޔާރުވެފައެވެ.

އެއަށްފަހު އެ ފުފޫ ނުވަތަ ކާށީގެ މަތީގައި ކުއްޖާ ބަހައްޓައިގެންހުރެ އެ ކިޔަވާ ސިމިސިއްމެއް ކިޔާފައި އެއްކަލަ އަކައިގެ މައްޗަށް ބާލުވަނީއެވެ. ނުވަތަ ކުއްޖާގެ ފައި ޖައްސުވަނީއެވެ. އެހެރީ ބިން ބޭއްވިފައެވެ. މިކަންކުރާ ސަބަބެއް ކަމަށްވަނީ ނުބައިވެގެންވާ ރޫހުތަކުންނާއި، ޖިންނި ޝައިތާނުންގެ ފަރާތުންނާއި، އެސްފީނާއިންނާއި އެހެންގޮސް މިފަދަ ކަންކަމުން ކުއްޖާ ސަލާމަތްކުރުމެވެ. އަދި ކުއްޖާގެ ފައި ވަރުގަދަކޮށް ފުރިހަމަ ސިއްހަތެއް ހޯދައިދިނުން ކަމަށްވެއެވެ. މިވަރުންވެސް އަދި ނުނިމެއެވެ. އެއްކަލަ އޮޑިއަށް އަރުވައި އޮޑިވެސް ދުއްވަންޖެހެއެވެ.

އޮޑި ދުއްވުން

މިކަން ނިމިގެން ދެންވެސް އޮންނަނީ ކުޑަކަމެއް ނޫނެވެ. ދެންއޮންނަނީ އޮޑި ދުއްވުމެވެ. ކުއްޖާ އެއްކަލަ ފުފޫ ނުވަތަ ކާށީގެ މަތިން ބާލައި ނިމޭއިރު އެއްކަލަ ކުޑަކުޑަ ބޮއްކުރާ ނުވަތަ އޮޑި ތައްޔާރަށް އޮންނާނެއެވެ. އެ ބަރާކޮށްފައި އޮންނަނީ ތުއްތުކުއްޖާގެ އާއިލާއިން ގެނެސްފައި ހުންނަ ތަފާތު ވައްތަރުގެ ފޮނިކާ އެއްޗެހިންނެވެ. އޭގެ ތެރޭގައި އޭރު ލިބެންހުރި ހުރިހާއެއްޗެއް ހުންނަ ކަމަށްވެއެވެ.

ކުއްޖާ ބޮއްކުރައަށް އަރުވާއިރު މިކަމަށް އިސްވެ ހުންނަ މީހާ ހުންނާނީ އޮޑީގެ ކުރީކޮޅުގައެވެ. އޭރު އެ ބޮއްކުރާގެ ދެފަރާތުގައި އެކަމާ ގުޅޭމީހުން ހިފަހައްޓައިގެން ތިބޭނެއެވެ. ބޭނުމަކީ ކުޑަ ބޮއްކުރައެއް ކަމުން ކުއްޖާ އެއިން ވެއްޓުނަ ނުދީ އިމާމު މީހާގެ ފަހަތުން ދިޔުމެވެ. ނުވަތަ ދުއްވުމެވެ. ކޮންމެ އަކަސް މި ބޮއްކުރާގެ ކުރީގައި ހުރެގެން އިސްވެހުންނަ އިމާމު ސިމިސިމި ކިޔަމުން ކުރިއަށް ދާންފެށުމުން ބޮއްކުރައަށް ކުއްޖާވެސް އަރުވައިގެން އޭނާގެ ފަހަތުން ދުއްވަމުން (ކޮއްޕަމުން) ދާން ފަށާ ކަމަށް ވެއެވެ. މިކަން ކުރަންފަށަނީ ފެންގަނޑުގެ އެއްކޮޅުންނެވެ. ބެލެވޭ ގޮތުގުގައި އޮޑި ދުއްވަނީ އިރުން ހުޅަނގަށެވެ. ހުޅަނގު ކޮޅުގައި އޮޑި ބީއްސައި އޭގައި އިން ކުއްޖާ ބާލައި ބިންމަތީގައި “ރަސްމީކޮށް” ފައި ޖައްސުވައެވެ. އެއަށްފަހު އޭގެހުރި ފޮނިކާ އެއްޗެހި ބާލުވައި އެތަނަށް އެއްވެތިބޭ މީހުންނަށް “ސަދަގާތް” ކޮށްލަނީ ކަމަށްވެއެވެ. މިކަން ކުރަނީ ކުއްޖާއަށް ކުރިޔާ ހިނގޭ އުމުރުގައި ނުވަތަ ހިނގަން ތައްޔާރުވާ އުމުރުގައި ކަމަށްވެދާނެއެވެ. ކުއްޖާގެ އުމުރުން އެންމެ ހަތްދުވަހުގައި މިފެންގަނޑު ކައިރީގައި ކުރާ އެހެން ކަމެއްވެސް އޮވެއެވެ. އައްޑޫ މީހުން އެކަމަށް ކިޔަނީ “ބޮލެ ވަޅިޖެހުން” އެވެ.

ބޮލެ ވަޅިޖެހުން

ބޮލެ ވަޅިޖެހުން ނުވަތަ ބޮލަށް ވަޅިޖެހުމޭ މިކިޔަނީ ހަތްދުވަސްވުމުން ކުއްޖާގެ ބޯ ބޭލުމަށެވެ. މިކަން ކުރުމަށް އިމާމު މީހާ ކުއްޖާގެ ބޮލުން ތަންކޮޅެއް ބާލައި ކޮންމެވެސް އެއްޗެއް ލިޔެލައެވެ. އެހެންނޫނީ ފެންމަތުރާފައި ހާކައިދެނީ ކަމަށް ކިޔައިއުޅެއެވެ. އެއަށްފަހު ގޭ މީހުން ލައްވައި ބާކީހުންނަ އިސްތަށި ބާލުވަނީއެވެ. މިގޮތަށް ބޯ ބޭލުމަށްފަހު ހަތް އަހަރުވަންދެން އެގޮތަށް އެ ކުއްޖާ ބަހައްޓާ ކަމަށްވެއެވެ. ބޯ ދިގުކުރެވޭނީ ކުއްޖާގެ އުމުރުން ހަތް އަހަރުވުމުން ކަމަށްވެއެވެ. މިކަންކަމަކީ ދިވެހި އާދަކާދައިގެ ތެރޭގައި ހިމެނިގެންވާ ކަންކަމެވެ.

ރަނިންހަނާ ފެންގަނޑާއި ދިއްވާ ފެންގަނޑުގެ ވާހަކަ އަދި ނިންމާލެވޭކަށް ނެތެވެ. އެހެންނަމަވެސް އަޅުގަނޑަށް އެކި ބޭފުޅުން ކިޔައިދެއްވި ގޮތަށާއި، ބައެއް ލިޔުންތަކުން ފެނުނު ބައެއް މައުލޫމާތާއެކު މިވާހަކަ ލިޔެލުމުން ކޮންމެވެސް ވަރެއްގެ މައުލޫމާތެއް ފެންގަނޑާ ބެހޭގޮތުން ލިބުނު ކަމަށް އުންމީދު ކުރަމެވެ.

މިއީ ބަލަހައްޓަން ޖެހޭ ދެ ފެންގަނޑު

ރަނިން ހަނާފެންގަނޑަކީ ކަޅު އިބްރާހީމް އޭނާގެ އަންހެނުން ކާންޒީ ކަމަނާއަށް ހަދައިދިން ފެންގަނޑެއް ކަމަށްވާނަމަ އޭނާ އެކަންކޮށްފައިވަނީ އުފަލުންނެވެ. އެކަމަނާ ދެކެ ލޯބިންނެވެ. އެހެން ކަމަށްވާނަމަ މި ފެންގަނޑަކީ ލޯބީގެ މިސާލެއް ކަމަށް ބުނެ ޕްރޮމޯޓު ކުރެވިދާނެއެވެ. އަދި އެތަން ރީތިކޮށް ހެދުމަށްފަހު “އާޓިފިޝަލް” ހަތާ ޖަހައިގެން އިހު އޮތްގޮތަށް ތަރައްގީ ކުރެވިދާނެއެވެ. ފަތުރުވެރިކަން ފުޅާވެގެން އަންނައިރު “ލޯބީގެ ފެންގަނޑު” ގެ ނަމުން ފަތުރުވެރިންނަށް އެތަން ތަޢާރަފް ކުރެވިދާނެއެވެ.

ދެންއޮތީ ދިއްވާ ފެންގަނޑެވެ. އެއީވެސް ފަތުރުވެރިކަމުން ނަފާ ނެގިދާނެ ތަނެކެވެ. ބުޑިސްޓުންގެ ޒަމާނުގައި ދީނީ ބައެއް ކަންކަން ކުރަން ބޭނުންކުރި ތަނެއްގެ ގޮތުގައި މަޝްހޫރު ކުރެވިދާނެއެވެ. ވަށައިގެން ފެންސް ޖަހައި ތާރީޚީ ތަނެއްގެ ގޮތުގައި މި ދެންފެންގަނޑުވެސް ތަރައްގީ ކޮށް ފަތުރުވެރިންނަށާއި އާންމުންނަށް މި ދެތަން ހުޅުވައިލުމަކީ އައްޑޫ ސިޓީ ކައުންސިލަށް އުނދަގޫ ކަމަކަށް ނުވާނެއެވެ.
މިދެތަނުގެ މައުލޫމާތަށް ބަލާއިރު ދެ ތަނަކީވެސް ރާއްޖޭގެ ތާރީޚާ ގުޅިފައިވާ ދެތަނެވެ. ސަގާފަތާ ގުޅިފައިވާ ދެތަނެވެ. މި ދެތަނަށް އަދަބިއްޔާތުގެ ތެރެއިންވެސް ޖާގައެއް ހައްގެވެ.