ކުޑަކުޑަ އައްޑޫސިޓީގެ ބޮޑުބޮޑު ފަތުރުވެރިކަން ބަންދުވެފައި އޮތަސް އަދި އޮތީ ފިތިފައެއް ނޫނެވެ. ހަމައަށް ނޭވާ އެބަލައެވެ. އެހެންވީމާ ބޭނުންވަނީ ދުނިޔެ ތެރެއަށް ނެރެ ހަމަޖެހުމުގެ ނޭވާއެއް ލެއްވުމަށެވެ. މިކަން ކުރުމަށް ބޭނުންވަނީ ހީވާގި، މުރާލި، ކެރޭ، ޒުވާން އަތްތަކެކެވެ.
މަރަދޫ އަކުއަ ވެންޗަރ ޑައިވިން ސެންޓަރ ދުށީމު ހެއްޔެވެ؟ އެފެންނަނީ މަރަދޫ ޒުވާނެއްގެ ދިރުންހުރި މަސައްކަތެވެ. ހަ މިލިއަން ރުފިޔާގެ ބޮޑު އިންވެސްޓްމަންޓެކެވެ. އައްޑޫގައި ފަތުރުވެރިކަން އާލާކޮށް ދިރުވައި ފުޅާކުރުމުގެ މަތިވެރި މަގުސަދުގައި ވުޖޫދުކޮށް ޚިދުމަތަށް ނެރެފައިވާ ތަނެކެވެ.
ދެހާސް ބާރަވަނަ އަހަރު އެތަން ވުޖޫދުވެފައިވަނީ، އެތަނުގެ ވެރިޔާ އަބްދުﷲ ތައްޔިބު (ޓޮމް) 2008 ވަނައަހަރުން ފެށިގެން ކެނޑިނޭޅި ކުރެއްވި ބުރަ މަސައްކަތުންނެވެ. މިހާރު ދުވާލަކު އެތައް ބަޔަކު އެތަނުގެ އެހީގައި އައްޑޫ ސިޓީ ކަނޑުއަޑީގެ ހިތްގައިމު މަންޒަރުތައް ދެކިލަން އެބަ ފީނައެވެ. ފީނާ ކޮންމެ ފަހަރަކު އެފެންނަ ކުލަކުލައިގެ މަސްމަހާއި، ރީތި މުރަކައާއި، ފަރުތަކުގެ ޖާދޫގައި އެޖެހެނީ ކިތައް ފަތުރުވެރިންން ހެއްޔެވެ؟ އެތައް ބައެކެވެ. މި މަންޒަރުތައް ބަލަން އެމީހުންގެ ޖީބުން ހޭދަކޮށްލާ ފައިސާ އެވަންނަނީ ޓޮމްގެ ސެންޓަރަށެވެ. “ރަށްތިޔާގިވަންޏާ ބަނޑުތިޔާގިވާނެ” އޭ ކިޔާ އަޑުއަހަމެވެ. އެހެންކަމަށްވާނަމަ އެތަނަށް ލިބޭ އަމްދަނީގެ ހިއްސާ ކޮންމެވެސް އެއްސިފައެއްގައި އައްޑޫ ރައްޔިތުން ކުރާނެ ކަމަށް ބަލަމާ ހިނގާށެވެ.
އެފައިސާ އެ ސެންޓަރަށް ނުވަތަ ޓޮމްގެ ޖީބަށް އެވަންނަނީ ފައިސާތަކެއް ޚަރަދުކޮށްގެންނެވެ. ކުޑައެއްޗެއް ނޫނެވެ. ހަ މިލިއަން ދިވެހިރުފިޔާއެވެ. އެއިންވެސްޓްމަންޓަށްފަހު މިހާރު އެވަންނަ ފައިސާއަކީވެސް ބުރަމަސައްކަތުގެ ނަތީޖާއެވެ. އަކުއަ ވެންޗަރގައި ޑައިވިންގެ ތަފާތު ފެންވަރުގެ ކޯސްތައް ހިންގައެވެ. އޭގެ ތެރޭގައި ބޭސިކް ޑައިވިން، ޑައިވް މާސްޓަރ ކޯސް ހިމެނެއެވެ. އެތަނުން މިހާރު ތައްޔާރުވަމުން ގެންދަނީ ޑައިވް އިންސްޓްރަކްޓަރުން ތަމްރީން ކުރުމުގެ މަސައްކަތް ފެށުމަށެވެ. އޭގެ އިތުރަށް ފަތުރުވެރިން ގޮވައިގެން ކަނޑުއަޑިއަށް ފީނައެވެ. އެމީހުންނަށްޓަކައި މޫދު ކުޅިވަރުތައް ބާއްވައެވެ. މިއީ އެތަނަށް ފައިސާ ވެއްދުމަށް ކުރާހާ ބުރަ އަދި އެހާމެ ޝައުގުކުރުވަނިވި މަސައްކަތެވެ.
ފަތުރުވެރިން ގޮވައިގެން މިހާރު ޑައިވް އެކުރަނީ އެތަނުން އުފައްދައިފައިވާ ޒުވާނުންނެވެ. އެތަން ހަދައިގެން ޑައިވް މާސްޓަރުން ލިބުމުގެ ދަތިކަން ދިމާވުމުން އެތަނުގެ ވެރިޔާ އަބްދުﷲ ތައްޔިބު ކުރިކަމަކީ އަހަރަކު ދެ މީހުން ތަމްރީން ކުރީއެވެ. އެމުއްދަތުގައި އެމީހުންނަށް ޕޮކެޓް މަނީވެސް ދިނެވެ. މަހަކު ދެހާސް ފަސްސަތޭކަ ރުފިޔާއެވެ. އެވަރުން ނިންމާލީއެއްވެސް ނޫންނެވެ. ކޯސް ނިމުމުން ވަޒީފާވެސް ދިނީއެވެ.
ޑައިވް މާސްޓަރުންގެ މައްސަލަ ހައްލުކުރުމަށްފަހު ކުރިއަށް ހިނގައިގަންނަން ބެލިއިރު ޑައިވްމާސްޓަރުންނާއި ފަތުރުވެރިން ގޮވައިގެން ސައިޓު ތަކަށް ދަތުރުކުރާނެ ކައްޕިއެއްނެތެވެ. ތައްޔިބު ހަތަރު އުދަރެސް ފެނުގަ ޖެހުނަކަ ނުދިނެވެ. ކަރި ރަށަކުން ކައްޕިއެއް ހޯދައިގެން އެކަން ހައްލުކުރީއެވެ. މިކަންކަން ފުރިހަމަ ނުކޮށް ޓޮމްގެ މަގުސަދު ހާސިލް ނުވާނެތާއެވެ. “ޑައިވިން ސްކޫލެއް އެޅުމުގެ މައިގަނޑު ބޭނުމަކީ އައްޑުއަށް ފަތުރުވެރިކަން ތައާރަފްކުރުން. އެކަން ވެއްޖެ. ދެން ބޭނުންވަނީ އެންމެނަށް ފައިދާވާ ގޮތަށް މިކަން ފުޅާކުރެވޭނެ ގޮތެއް ހޯދުން،” ތައްޔިބު ބުންޏެވެ.
ޑައިވިން ސްކޫލެއް އެޅިއްޖެއެވެ. ތައްޔިބު އުންމީދު ކޮށްގެންހުރީ އެތަނާއެކު ގެސްޓުހައުސްތައް އުފެދި އެތަން ހިނގައިގަތުމަށް ބާރަކަށްވާނެ ކަމަށެވެ. އެހެންނަމަވެސް އުންމީދު ކުރިގޮތަށް ކަންތައް ނުދިޔައެވެ. އޭނާ ޑައިވިން ސްކޫލެއް އެޅީ ގެސްޓްހައުސްގެ ވިޔަފާރިއަށް ވަނުމުގެ ވިސްނުމެއްގައި ނޫނެވެ. އެހެންނަމަވެސް ޑައިވިން ސްކޫލެއް އެކަނި ހުރެގެން ރަނގަޅަށް އޭނާގެ މަގުސަދު ހާސިލް ކުރަން ފަސޭހަ ނުވާނެކަން ތައްޔިބު ދެނެގެންފިއެވެ. އެންމެ ފަހުން ފަންސަތިރީސްހާސް ރުފިޔާއަށް ތަނެއް ކުއްޔަށް ހިފައިގެން އެތަން ގެސްޓް ހައުސްއެއްގެ ގޮތުގައި ތަރައްގީ ކުރިއެވެ.
އެ ގެސްޓް ހައުސްއަކީ 12 ކޮޓަރީގެ އިމާރާތެކެވެ. އެތަނުގައި މަސައްކަތްކުރާ ދިހަ ވަރަކަށް މުވައްޒަފުން އެބައުޅެއެވެ. އެމީހުންނަށް އެކަށީގެންވާ ރަނގަޅު މުސާރާއެއް އެބަ ލިބެއެވެ. އެތަނަށް ގެސްޓުން ގެނައުމަށް ތައްޔިބު ގެންދަނީ ބުރަކޮށް މަސައްކަތް ކުރަމުންނެވެ. މާކެޓް ކުރަމުންނެވެ. ބައެއް ފަހަރު ވަރަށް ގިނައިންވެސް ގެސްޓް އާދެއެވެ. އަނެއްބައިފަހަރު ގެސްޓުން މަދުވެ ވަރަށް ބޮޑަށް ދަތިވާ ދުވަސްތަކާވެސް ކުރިމަތިވެއެވެ. އެފަދަ ދަތިދުވަސްވަރު ދިމާވުމުން އެ މަސައްކަތް ހުއްޓާލަންވީއޭވެސް އޭނާގެ ހިތަށްއަރަށެވެ. “އެހެންނަމަވެސް ހުއްޓާލައިފިއްޔާ އަޅުގަނޑަށް ފެންނަނީ ޅަފަތުގައިއޮތް ޓޫރިޒަމް މަރުވެދާނެކަމަށް. އެތަން އަޔަނުދޭން މަސައްކަތް މިކުރަނީ. އަޅުގަނޑު ދެކެނީ މި ގެސްޓްހައުސްއާއި، ޑައިވިން ސްކޫލަކީ ޅަފަތުގައިއޮތް ފަތުރުވެރި ކަމަށް ދިރުމެއް ކަމަށް،” ތައްޔިބު ބުންޏެވެ.
ދަތިކަމެއް ދިމާވުމުން މާޔޫސްވެ ތަން ހުއްޓާލުމުގެ ބަދަލުގައި އޭރުވެސް މިހާރުވެސް އޭނާ ގެންދަނީ ފަތުރުވެރިން ގެނައުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. އޭނާ ބުނީ އަމިއްލަ މަސައްކަތުން، 2013 ވަނަ އަހަރު ތިންސަތޭކަ ހަތްދިހަ ވަރަކަށް ފަތުރުވެރިން އައްޑުއަށް ޒިޔާރަތް ކޮށްފައިވާ ކަމަށެވެ. ދެހާސް ސާދަ ވަނައަހަރުވެސް ފުދޭވަރަކަށް ފަތުރުވެރިން އައިކަމަށް އޭނާ ބުންޏެވެ. އެހެންނަމަވެސް ފާއިތުވި ދެހާސް ފަނަރަވަނަ އަހަރު ދިޔައީ ވަރަށްދަށްކޮށެވެ. “އެހެންނަމަވެސް އަޅުގަނޑު މަސައްކަތް މިކުރަނީ މިތަން ނަގައި ކޮޅަށްޖެހޭތޯ،” އޭނާ ބުންޏެވެ.
އަކުއަ ވެންޗަރ އަކީ ސަމާސާ ތަނެއް ނޫނެވެ. އެތަނަކީ ހަމައެކަނި ފައިސާ ހޯދުމަށް ކޮށައިފައިވާ މަގެއްވެސް ނޫނެވެ. އެއީ އައްޑޫގައި ލޯކަލް ޓޫރިޒަމް ފެށުމަށްޓަކައި އެޅިފައިވާ ބިގައު ކަމަށް ބަޔަކު ބަލައިގެންފި ކަމަށްވާނަމަ އެއޮތީ ވެފައެވެ. މިކަން މިގޮތަށް ބަލައިގަންނަންވީ ތައްޔިބު އެކަންޏެއް ނޫނެވެ. އެކަން ދަންނަންވީ ފަތުރުވެރިކަމުގެ ދާއިރާއިގައި މަސައްކަތްކުރާ އެންމެނެވެ. ޚާއްސަކޮށް އައްޑޫގައި ތިބެގެން އެ މަސައްކަތްކުރާ އައްޑޫ ޒުވާނުންނެވެ.
ދެންއުފެދޭ ސުވާލަކީ އަކުއަ ވެންޗަރ ހިންގަނީ ކޮންފެން ވަރަކަށްތޯއެވެ؟ އެތަނުން ހިންގާ ކޯސްތަކަކީ ޕަޑީގެ ސެޓިފައިޑް ކޯސްތަކެކެވެ. އެހެންވީމާ ހިންގުމާމެދު ދެން މާބޮޑު ސުވާލެއް ނޯންނާނެ ކަމަށް ބަލަމާ ހިނގާށެވެ. “ވަރަށް ޕްރޮފެޝަނަލްކޮށް ޑައިވިންސްކޫލް މިހިންގަނީ. ބޭރުގެ ފަތުރުވެރިއަކު މިތަނަށް އަންނަ ކަމަށްވާނަމަ އޭނާ އަންނީ ސްނޯކަލް ކުރަން ނުވަތަ ޑައިވިން ކުރަން ފަދަ ކަންކަމަށް. އެހެންވީމާ އެމީހުންނަށް ވިއްކޭނެ އެއްޗެހި ހުންނަންޖެހޭ. އެމީހުން ބޭނުންވާ ހުރިހާ ކަމެއް މިތަނުންވާނެ،” ތައްޔިބު ބުންޏެވެ.
ތައްޔިބު މަސައްކަތް އެބަ ކުރެއެވެ. ފައިދާއާއި ގެއްލުމުގައެވެ. އެއީ ވިޔަފާރީގެ ގާނޫނެވެ. ވިޔަފާރީގެ ތަޖުރިބާއެވެ. އަދި އިބުރަތެވެ. “އަޅުގަނޑު ބޭނުންވަނީ މިއިން އިބުރަތެއް ހާސިލްކޮށްގެން އައްޑޫގައި ފަތުރުވެރިކަން ފުޅާވެގެން ދިޔުން. ހަމައެކަނި ގެސްޓްހައުސް ހުރެގެންނުވާނެ. ހަމައެކަނި ޑައިވް ސެންޓަރެއް ހުރެގެންވެސް ނުވާނެ. މިއީ އެކުއެކީގައި އަންނަވީ ކޮމްޕޯނަންޓްސް. މީގެ އިތުރަށް ފަތުރުވެރިންނަށް ވިއްކާނެ އެއްޗެހި ހުންނަންވާނެ،” ތައްޔިބު ބުންޏެވެ.
ދެންއޮތީ މިކަން އައްޑޫގައި ކުރެވިދާނެތޯއޭ ބުނެ އުފެދޭ ސުވާލެވެ. ޖަވާބު ދެވޭތޯ ބަލަމާ ހިނގާށެވެ. އައްޑޫގެ ގިނަ ރަށްރަށަކީ ގުޅިފައިވާ ރަށްރަށެވެ. ވަކިން އޮތް ދެރަށްވެސްއޮތީ މާދުރުނޫން ހިސާބެއްގައެވެ. މިއީ ގުޅިފައިވާ އަތޮޅެއް ކަމުން ފަތުރުވެރިންނަށް ރަނގަޅު ޚިދުމަތެއް ނުދެވެންވީ އެއްވެސް ސަބަބެއްނެތެވެ.
އިންޓަރނޭޝަނަލް އެއާޕޯޓެއް އެބައޮތެވެ. ދުރުނޫން މުސްތަގުބަލެއްގައި އިންޓަރނޭޝަނަލް ޝެޑިއުލް ދަތުރުތައް އެތަނަށް ފަށާނެއެވެ. ޓެކްސީ ސެންޓަރުތައް ހިންގާހާ ހިނދަކު ދަތުރުކުރެވޭނެއެވެ. ވަށައިގެންއޮތީ ކަނޑެވެ. ފަތުރުވެރިންނާގެން މަސްދަތުރު ދެވިދާނެއެވެ. އެއާޕޯޓުން ނައްޓާލާ ޓެކްސީ ރާސްލާފައި ގެސްޓްހައުސްއަށް އާދެވޭނެއެވެ. ހަމަ މިފަސްގަނޑުގައި އެހުރީ ޕްރޮފެޝަނަލް ޑައިވިން ސްކޫލެކެވެ. އެތަނުން ވޯޓަރސްޕޯޓްސްގެ ޚިދުމަތް ލިބޭނެއެވެ. “ޝަރުބަތު” ބޯން ބޭނުން ކަމަށްވާނަމަ އެއޮތީ ގަމެވެ. މަސާޖު ކުރަން ބޭނުންވެއްޖެނަމަ އެކަމަށްވެސް ގަން އެއޮތީއެވެ. މިއަތޮޅުގައި ކޮންމެވެސް ވަރަކަށް ބީޗްވެސް އެބައޮތެވެ. ރާއްޖޭގައިއޮތް އެންމެރީތި އެއްފަރު އެބައޮތެވެ. ޑައިވް ޕްއިންޓްތައް އެބަހުއްޓެވެ. އިރުއަރާ މަންޒަރާއި އޮއްސޭ މަންޒަރު މިއަށްވުރެ ވަކި ރީތިކޮށް ފެންނާނީ ފަހެ ކޮންތާކުން ހެއްޔެވެ؟ ސަދަން ޕޮއިންޓުގެ ނަމުން މަޝްހޫރުވެފައިވާ ތަން ގަމުގައި އެއޮތީއެވެ. އެއީވެސް ފަތުރުވެރިންނަށް ވިއްކިދާނެ ތަނެކެވެ. އެހެންވީމާ މިއޮތީ ހުރިހާ ކަމެއް ފައްޗަކަށް އެމުނި އެކުލެވިފައެވެ. ދެންވީ ހަމަ އަންބާ ކިޔާފައި ފަށައިގަންނާށެވެ.
މިކަންކަން މިހެންހުރި ކަމަށްވިޔަސް ލޯކަލް ގެސްޓްހައުސްތައް އައްޑޫގައި ވަރަށްމަދެވެ. އެއީ މައިނަސް ޕޮއިންޓެކެވެ. އެހެންވީމާ ގެސްޓްހައުސްތައް އިތުރުކުރަން އެބަޖެހެއެވެ. އެއާޕޯޓު ނިމި އިންޓަރނޭޝަނަލް ދަތުރުތަކަށް ފައްކާވެފައިވާއިރު އެތާގައި އެންމެ ކުޑަވެގެން ރެސްޓޯރެންޓެއްވެސް އަދި ނެތެވެ. އެއީވެސް މައިނަސް ޕޮއިންޓެކެވެ. ފަތުރުވެރިކަމަށް އައްޑުއަތޮޅު ފައްކާ ކުރަން ބޭނުން ކަމަށްވާނަމަ އެއާޕޯޓުގެ ބޭރާއި އެތެރޭގައި ރެސްޓޯރެންޓް ހުންނަން ޖެހެއެވެ. މިކަންކަމާމެދު ސުވާލު ކުރުމުން ތައްޔިބު ބުނީ އައްޑޫގައި އެކަށީގެންވާ ވަރަށް ބެޑްކެޕޭސިޓީވެސް ނެތްކަމަށެވެ.
“އައްޑޫގައި ބެޑްކެޕޭސިޓީއެއްނެތް. މިތާގައި ބެޑެއްނެތް. އެއާޕޯޓުގައި ނެތް ރެސްޓޯރެންޓެއް އެޅިފައެއް. އެއާޕޯޓަށްޓަކައި ތައްޔާރުވީ އެއްވެސް ކަމެއް މިތާގައި (އައްޑޫގައި) ނެތް،” ތައްޔިބު ބުންޏެވެ. މިކަންކަން ހަމަޖެހިފައި ހުރިނަމަ ފަތުރުވެރިންނަށް ވަރަށް ފަސޭހަ މާހައުލަކަށް އައްޑޫސިޓީ ނުވާންވީ އެއްވެސް ސަބަބެއް ފެންނާކަށް ނެތެވެ.
އެހެންވީމާ މިކުޑަކުޑަ ނަލަނަލަ ސިޓީން ލިބެންހުރި ވަސީލަތްތައް ތަރައްގީކޮށް ލޯކަލް ޓޫރިޒަމްގެ މަންޒިލަކަށް އައްޑޫ ހަދަން އެބަޖެހެއެވެ. މިކަމަށް ބޭނުންވަނީ ތައުލީމާއި ތަޖުރިބާއާއި، ގާބިލް ޒުވާނުންނެވެ. އެފަދަ ޒުވާނުން އައްޑޫސިޓީން ނުލިބިއްޖެ ކަމަށްވާނަމަ ދެން ލިބޭނެ ސިޓީއެއް ރަށެއް ރާއްޖެއަކު އޮންނާނެ ކަމަށް ނުބެލެވެއެވެ. ރިސޯޓުތަކުގެ ވަޒީފާތަކުގައި މިހާރުވެސް ނިސްބަތުން އެންމެގިނަވާނީ އައްޑޫ މީހުންނެވެ. އައްޑޫ ޒުވާނުންނެވެ. އެހެންވީމާ ރިސޯޓުތަކުން ލިބިފައިވާ ތަޖުރިބާ ހިފައިގެން މިފަސްގަނޑަށް އަންނަންވީ ނޫންހެއްޔެވެ؟
ތަޖުރިބާ އެކަންޏެއް ނޫނެވެ. އިންވެސްޓް ކުރަންވީއެވެ. ބަންދުވެފައިވާ އައްޑޫގެ ފަތުރުވެރިކަން ނެރެ ދުނިޔޭގެ “ލޮލަށް” ހާމަކުރަންވީއެވެ. ދެއަތް އުރާލައިގެން ބަލަން ނުތިބެމާ ހިނގާށެވެ.