English Edition
Dhivehi Edition

ލިޔުނީ: ޝަފްޤާ ޝަފީގް

“ނުރައްކާތެރި ފަރުދުން”ގެ ސިއްކަ ޖަހާފައިވާ ނަން ހިނގާ ބައެއް މީހުންގެ ފޭސްބުކް އެކައުންޓްތައް ބަންދު ކުރުމުގެ މަސައްކަތް، ދުނިޔތޭގެ އެންމެ ބޮޑު ސޯޝަލް މީޑިއާ ޕްލެޓްފޯމު ހިންގާ ފޭސްބުކް ކުންފުނިން ފަށައިފިއެވެ.

އެކައުންޓް ބަންދުކުރި ފަރާތްތަކުގެ ތެރޭގައި ކޮންސްޕިރަސީ ވެބްސައިޓް “އިންފޯވޯޒް”ގެ ހޯސްޓްގެ އިތުރުން އެޑިޓަރުގެ އިތުރުން ނަފުރަތު އުފެއްދުމުގެ ވާހަކަތައް އާންމުކޮށްގެން ގިނަ ބައެއްގެ ރާޑަރަށް އެރި ނޫސް އެޑިޓަރު މައިލޯ ޔިއާނޮޕޯލަސްވެސް ހިމެނެއެވެ.

ދީނީ ގޮތުން ފުރައްސާރަކުރާ މީހުންގެ އެކައުންޓުތަކެއްވެސް ފޭސްބުކް އިންވަނީ ބަންދުކޮށްފައެވެ. އޭގެ ތެރޭގައި އިސްލާމް ދީނާ ދެކޮޅަށް މަސައްކަތް ކުރަމުން ބްރިޓަން ފަސްޓް ފަދަ ގުރޫޕުތަކަށްވެސް ފޭސްބުކް ކުންފުނިން ވަނީ ހުރަސް އަޅާފައެވެ.

ހައްދުފަހަނައަޅާފައިވާ ވައިޓް ސުޕްރިމަސިސްޓް ޕޯލް ނެހްލަންގެ އިތުރުން އިސްލާމް ދީނާ ދެކޮޅަށް އަޑުއުފުލަމުންދާ ލޯރާ ލޫމާ ހިންގަމުންދާ ގުރޫޕުތަކެއްވެސް ފޭސްބުކް ކުންފުނިން ވަނީ ބަންދުކޮށްފައެވެ.

މި ފަރާތްތަކުން ގެންގުޅެ އަދި ހިންގަމުން އަންނަ އިންސްޓަގްރާމް އެކައުންޓަތައްވެސް ބަންދުކޮށްފައިވާނެ ކަމަށް ފޭސްބުކުން ވަނީ ބުނެފައެވެ.

ކަންމިހެން އޮތް ނަމަވެސް ފޭސްބުކް އިން މި ފިޔަވަޅު އަޅަނީ ދުރާލާ އިންޒާރު ދިނުމަށް ފަހުގައި ކަމުން، އެހެން މިސްރާބުތަކަށް ފޮލޯވާޒް އެނބުރުމުގެ ފުރުސަތު، މިފަދަ ފަރާތްތަކަށް އޮންނަ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފޭސްބުކް ކުންފުންޏަށް ފާޑުކިއުންތައް އަމާޒުކުރަމުންނެވެ.