English Edition
Dhivehi Edition

މިންތީގެ ހަމަހަމަކަމުގެ ވާހަކައަކީ އިއްޔެއަކު މިއަދަކު ދެކެވެން ފެށި ވާހަކަތަކެއް ނޫނެވެ. މިއީ ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނީއްސުރެ އެ ވާހަކައެއްގެ އަޑު އެންމެ ބާރަށް ދައްކަމުންދާ އެއް ވާހަކައެވެ. އެހެންނަމަވެސް މިއަދާއި ހަމައަށްވެސް މިކަމަށް އެންމެ އެކަށީގެންވާ ހައްލެއް ލިބިފައިނުވާކަން މިއަހަރު ބޭއްވި ރައްޔަތުންގެ މަޖިލީހުގެ އިންތިހާބަށް އެކަނި ބަލާލުމުންވެސް ހާމަވެގެންދެއެވެ. އަންހެނުންނަށް ކުރިއަށް ދިއުމުގައި ގިނަ ދަތިތަކެއް ހުރި އިރު މި ގޮންޖެހުންތަކަށް މިވަނީ އަވަސް ހައްލެއް ބޭނުންވެފައެވެ.

އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށްޓަކައި އަންހެނުންނަށް ހަމަހަމަ ފުރުސަތުތަކާއިއެކު އަމިއްލައަށް ކަންކަން އިހުތިޔާރު ކުރުމުގެ ފުރުސަތު ހޯދައިދޭންޖެހެއެވެ. އަންހެނުންނަށް މިހާތަނަށް ދިމާވެފައިހުރި ގޮންޖެހުންތަކަށް ބަލާލުމުން މި ބަދަލު ގެނެއެމުގެ މަސައްކަތް އެންމެ ފުރަތަމަ ފަށަންޖެހެނީ ގޭތެރެއިންނާއި ސްކޫލްތަކުގެ ތެރެއިންކަން ޔަގީނެވެ.

ސީދާގޮތުންނާއި ނުސީދާގޮތުން ދަސްކޮށްދެވެމުން ދާ ވަކި ޖިންސެއްގެ މީހުންނަށް ކުރެވޭނީ ވަކި ކަހަލަ މަސައްކަތެއްކަން ވިސްނޭގޮތަށް ބައްޓަން ކުރެވިފައި ހުރި އާދަތަކަށް ބަދަލު ގެންނަންޖެހެއެވެ. އަންހެނަކަށްވިޔަސް އަދި ފިރިހެނަކަށްވިޔަސް ކޮންމެ މަސައްކަތެއްވެސް ކުރާނެ ގޮތުގެ ހުނަރާއި ތަމްރީނު އަދި އެކަމާ ގުޅޭ ތައުލީމު ލިބިއްޖެ ކަމުގައިވާނަމަ، އެއީ ކުރަން އުނދަގޫ މަސައްކަތެއް ނޫންކަން އެންމެ ތުއްތު އިރުން ފެށިގެން ވިސްނައިދެވެންޖެހެއެވެ.އަދި ވަޒީފާ ދޭ ފަރާތްތަކާއި، ބެލެނިވެރިންނާއި އަދި ޓީޗަރުންވެސް މިކަން ގަބޫލުކޮށް ކޮންމެ ކުއްޖަކަށްވެސް އެއީ އަންހެން ކުއްޖެއްވިޔަސް އަދި ފިރިހެން ކުއްޖެއް ކަމުގައިވިޔަސް އެ ކުއްޖަކު ބޭނުންވާ ދާއިރާއެއްގައި މަސައްކަތް ކުރުމުގެ މަގު ތަނަވަސްކޮށްދީ، އެ ފުރުޞަތު ހޯދައިދުނުމަށް މަސައްކަތްކުރަންޖެހެއެވެ. ގޭތެރެއާއި ސްކޫލަކީ ރަގަޅު މުޖްތަމައުއެއް ބިނާކުރުމުގައި އެންމެ ބޮޑު ހިއްސާ ވާ މާހައުލުކަމުގައިވީ ހިދު ދެ ޖިންސުގެ ކުދިންގެ މެދުގައި ގެންގުޅޭ ތަފާތުކުރުންތައް ހުއްޓާލަންޖެހެއެވެ.

އަންހެނުންނަކީ ވަކި ކަހަލަ ކަންތައްތަކެއް ނުކުރެވޭނެ ނުވަތަ ކޮށްގެން ނުވާނެ ބައެއް ކަމަށް ޒަމާނުއްސުރެ ދެކެވިފައި އޮންނާތީ ސިޔާސީ މަގާމްތައް ފަދަ ކަންކަމަށް ނުކުތުމުގެ ހިތްވަރު އަންހެނުންގެ ކިބައިގައި ކުޑަ އެވެ. އެހެންކަމުން ޤައުމީ ސިޔާސަތުތައް އެކުލަވައިލުމުގައި އަންހެނުންގެ ބައިވެރިވުން ފުރިހަމައަށް ލިބުމަކީ މުހިންމު ކަމެކެވެ. އަންހެނުންނަށް ޚާއްޞަ ފުރުޞަތުތަކެއް ހޯދައިދިނުމަށް ސިޔާސީ ޕާޓީތަކުންނާއި، މި ދާއިރާގައި މަސައްކަތް ކުރަމުންގެންދާ އެންމެހާ ފަރާތްތަކުން މިހާރަށްވުރެ އިތުރަށް މަސައްކަތްކުރަންޖެހެއެވެ. ސިޔާސީ ޕާޓީތަކުން މަޖިލީހުގެ އިންތިޚާބަށް ނެރޭ ކެންޑިޑޭޓުންގެ ތެރޭގައި ވަކި އަދަދަކަށް އަންހެނުން ހިމަނަން މަޖުބޫރުކުރުމަކީ މި މަސައްކަތް ފެށުމަށް އެޅިގެންދާ ރަނގަޅު ފިޔަވަޅަކަށް ވެގެންދާނެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި އަންހެނުން ތަމްސީލްވާ މިންވަރު ބޮޑުކުރަން ކޯޓާއެއް ކަނޑައަޅަން ޖެހެއެވެ.މި ގޮތަށް ކޯޓާއެއް ކަނޑައަޅާފައިވާނަމަ ވޯޓު ލާ މީހުންގެ މެދުގައި އަންހެނުންނާ މެދު އިތުބާރު ބޮޑުކުރަން ވެސް ކޯޓާގެ އުސޫލު އެހީތެރިވެދޭނެއެވެ. ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކަށް ބެލިޔަސް، ކޯޓާ ސިސްޓަމަކާ ނުލާ، ޕާލަމެންޓުގައި އަންހެނުންނަށް އެކަށީގެންވާ އަދަދެއްގެ ގޮނޑި ހާސިލްކުރެވިފައިނުވާއިރު މި ގޮތަށް ކޯޓާ ކަނޑައެޅުމަކީ އަންހެނުންނަށް އެމީހުންގެ ގާބިލްކަން ދައްކަން ލިބޭ ފުރުސަތެއްކަމުގައި ވެދާނެއެވެ. އޭރުން އަންހެނަކަށްވީތީ ނުކުރެވޭނެކަމަށް ގަބޫލުކޮށް މި ކޯޓާ ކަނޑައެޅުމަކީ ނާއިންސާފެއްކަމުގައި ދެކުނު މީހުންގެ ވިސްނުން ބަދަލުވެގެންދާނެކަމާއި މެދު އެއްވެސް ޝައްކެތްނެތެވެ.

އަންހެނުންނާއި ފިރިހެނުން، ދިރިއުޅުމުގައި ކުރާ ތަޖުރިބާތައް ތަފާތުކަން ޔަގީނެވެ. އެހެންކަމުން، އަންހެނުންނާއި ފިރިހެނުންގެ ބޭނުންތަކާއި ވިސްނުންތަކަށް ރިޢާޔަތްކޮށް ނިންމާ ނިންމުންތަކަކީ، ދެ ޖިންސަށް ހަމަހަމަ ފައިދާ ކުރާނެގޮތަށް ނިންމޭ ނިންމުންތަކަކަށް ވާންޖެހެއެވެ.އަދި އެކަންކަން ނިންމާ ފެންވަރުގައި އަންހެނުންގެ އަދަދު މަދުކަމުގައިވާނަމަ، އިންސާފުވެރި ނިންމުން ނިންމުމުގައި ގޮންޖެހުންތައް ހުންނާނެކަން ގަބޫލުކުރަންޖެހެއެވެ.

އެހެންކަމުން އަންހެނުންގެ ޙައްޤުތައް ރައްކާތެރިކޮށް، އަންހެނުންނަށް ހަމަހަމަ ފުރުސަތު ތައް ހޯދައި ދިނުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އަންހެނުންގެ މިހާރުގެ ޙާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރުމަކީ މުޅި މުޖުތަމަޢުގެ ހުރިހާ ފަރުދުންގެ ޒިންމާއެއްކަމުގައި ހަދަންޖެހެއެވެ. ތައުލީމީ ބާރުވެރި އަންހެނުން އުފެއްދުމުން ފައިދާވާނީ ހަމައެކަނި އެކަނބަލުންނަށް ނޫނެވެ. އެކަމުގެ ސަބަބުން މުޅި މުޖުތަމަށް ފައިދާވާނެ ކަން ޔަގީނެވެ.