English Edition
Dhivehi Edition

އިމްތިހާންނަށް ތައްޔާރުވުމުގެ ގޮތުން ހުރިހާ ފިލާވަޅެއް އެއްފަހަރާ ދަސްކުރަން އުޅުމަށްވުރެ އިރުކޮޅަކު ނިދާލުން މާ ރަނގަޅު ކަމަށް ދިރާސާއަކުން ދައްކައިފިއެވެ. އިމްތިހާނަކަށް ތައްޔާރުވަމުންދާ މީހަކަށް މިކަމަކީ ފިސާރި ޖޯކަކަށްވެސް ވެދާނެއެވެ.

މިކަން މިގޮތަށް ދިމާވާ މައިގަނޑު ސަބަބެއް ސައިންސްވެރިންނަށް އަދި ހޯދިފައެއް ނުވެއެވެ. އެހެންނަމަވެސް ނިދުމުގެ ސަބަބުން ކަންކަން ހަނދާން ހުރުމުގެ ބާރު އިތުރުވާ ކަމަށް ސައިންސްވެރިން ގަބޫލު ކުރެއެވެ. އެގޮތަށް ގަބޫލު ކުރަނީ ގިނަ އެއްޗެހިތަކެއް އެއްފަހަރާ ދަސްކުރަން ވެއްޖެ ކަމަށްވާނަމަ ކަންކަން ހަނދާނުގައި ހަރުލެއްވުމުގައި އެދެވޭ ކުރިއެރުމެއް ލިބިފައި ނުވާތީ ކަމަށް ސައިންސްވެރިން ބުނެފައިވެއެވެ.

ސިންގަޕޫރުގެ ޑިއުކު-އެން.ޔޫ.އެސް މެޑިކަލް ސްކޫލްގެ ޓީމަކުން ވަނީ މިކަމާ ގުޅޭ ދިރާސާއެއް ހަދައިފައެވެ. މިދިރާސާގައި 72 ދަރިވަރުން ބައިވެރި ކުރިއެވެ. މި ދިރާސާގައި ވަނީ 80 މިނެޓް ވަންދެން ބައިވެރިންނަށް މުޅިން އާ ފިލާވަޅެއް ނަގައިދިނެވެ. އެއަށްފަހު ބައިވެރިން ތިން ގުރޫޕަކަށް ބަހައިލިއެވެ. ދެން ކޮންމެ ގުރޫފަކަށްވެސް އެބަޔަކު ދެން ކުރާނެ ކަމެއް ކުރުމަށް ދޫކޮއްލިއެވެ. ތިން ގުރޫޕުން އަމަލުކުރީ ތިން ގޮތަށެވެ. އެއް ގްރޫޕު ފިލްމެއް ބެލީއެވެ. ދެވަނަ ގުރޫޕު ފިލާވަޅު ދަސް ކުރީއެވެ. ތިންވަނަ ގުރޫޕު ނިދީއެވެ.

އަނެއްކާވެސް ގަޑިއެއްހާއިރު ފަހުން އިތުރު 80 މިނެޓް ވަންދެން ފިލާވަޅުގެ އަނެއްބައި ކުރިއަށް ގެންދިޔައެވެ. އެއަށްފަހު ހުރިހާ ބައިވެރިންނަށް އިމްތިހާނެއް ދިނެވެ. އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދީ ނިދި ގްރޫޕެވެ.
އޭގެ ހަފްތާއެއް ފަހުން މީގެ ދެވަނަ ދިރާސާ ކުރިއެވެ. އެ ފަހަރުވެސް އެންމެ ރަނގަޅު ނަތީޖާ ހޯދީ ނިދި ގްރޫޕުންނެވެ. އެހެން ނަމަވެސް ދެވަނަ ދިރާސާގައި ތަފާތެއް ހުއްޓެވެ. އެއީ ބޮޑު ފިލާވާޅެއް އެއްފަހަރާ ދަސްކުރި މީހުންނާއި ފިލްމު ބެލި މީހުންގެ ނަތީޖާ އެއްވަރު ވުމެވެ. ފުރަތަމަ ދިރާސާގައި ފިލްމް ބެލި މީހުންގެ ނަތީޖާ ފިލާވަޅު ދަސްކުރި މީހުންނަށްވުރެ ދަށެވެ.

މިދިރާސާ ހެއްދެވުމުގައި އިސްކޮށް އުޅުއްވި ޖޭމްސް ކަޒިންސް ބުނެފައިވަނީ އެއްފަހަރާ ބޮޑު ފިލާވަޅެއް ސިކުނޑިއަށް ނަގައިގެން، ކުރު މުއްދަތެއްގައި ފައިދާ ކޮށްފާނެ ކަމަށެވެ. ނަމަވެސް ދިގު މުއްދަތަކަށް ބަލާއިރު އެއިން އެއްވެސް ފައިދާއެއް ނުކުރާނެ ކަމަށެވެ. އެނާގެ ނަސޭހަތަކީ އިމްތިހާނުގެ އެއްދުވަސް ކުރިން ފިލާވަޅު އެއްކޮށް ސިކުނޑިއަށް ނެގުމަށްވުރެ ނިދާލުން މާ ރަނގަޅުވާނެ ކަމަށެވެ.

މި ދިރާސާގެ ބައިވެރިން މަދުވެފައި ލިބުނު ނަތީޖާއަށް ބަލާއިރު އިމްތިހާނުގެ ނަތީޖާ ތަކުގެ މެދުގައި ފަރަގު އެހާބޮޑު ނުވުމުން މީގެ ބޮޑު ދިރާސާއެއް ކުރަންޖެހޭ ކަމަށް ސައިންސްވެރިން ގަބޫލު ކުރެއެވެ. އެއީ މި ހޯދުންތައް ޔަގީން ކުރުމަށެވެ.

ދެހާސް ފަނަރަވަނަ އަހަރު ކުރި ދިރާސާއެއް ދައްކާ ގޮތުން ނިދުމުގެ ކުރިން ހަނދާން ކުރަން އުޅެއުޅެ ހަންދާން ނުވާ އެއްޗެހި ނިދާލުމުން ހަންދާންނަށް އަންނަ ކަމަށް ވަނީ ފާހަގަ ވެފައިކަމަށް ސައެންސްވެރިން ބުނެއެވެ. ކޮންމެ ގޮތެއްވިއަސް ނިދި މަހްރޫމް ވެގެން ހުރެ ފިލާވަޅު ދަސްކޮއްގެން މާ ބޮޑު ފައިދާއެއް ނުވެއެވެ. އެއީ އިންސަނާ ހަށިގަންޑަށް އަރާމު ބޭނުންވާ ހިނދު ނުނިދައި ހުރެގެން ރަނގަޅަށް އިމްތިހާނު ނެހެދޭނެތީވެއެވެ. ދެހާސް ބާރަވަނަ އަހަރު ޔޫސީއެލްއޭ އިން 500 ބައިވެރިންނާ އެކުކުރި ދިރާސާއެއް ދައްކާ ގޮތުން ފިލާވަޅު ދަސް ކުރުމުގައި ގިނަވަގުތު ހޭދަކުރުމުގެ ނޭދެވޭ އަސަރު ކިޔެވުމަށް ކުރެއެވެ.

ރިސާޗަރ ގިލެން އޮނީލް ބުނާ ގޮތުގައި ގިނަ ކުދިންނަށް ހީވެފަ އޮންނަނީ އިމްތިހާނުގެ ފަހުވަގުތު ފިލާވަޅު ދަސްކޮށްގެން ރަނގަޅު ނަތީޖާއެއް ލިބިދާނެ ކަމަށެވެ. އެކަމަކު އެވަގުތު ނިދާލުމަކީ މާރަނގަޅު ކަމެއް ކަމަށް އެނާ ބުނެއެވެ.

މި ދިރާސާގައި މިހެން ބުނެފައިވާތީ ނުކިޔަވައި ނިދައިގެން ރަނގަޅު ނަތީޖާއެއް ލިބިދާނެ ކަމަށް ބައެއް ކުދިން ހީކޮށްފާނެވެ. އެހެން ނަމަވެސް މި ދިރާސާ ދައްކާގޮތުން ނިދި ގުރޫޕް ވަނީ ކިޔަވަން ލިބުނު ވަގުތުގައި ފިލާވަޅު ރަނގަޅަށް އަޑުއަހައިފައެވެ. އެއަށްފަހު ވަނީ ރަނގަޅަށް މުތާލިއާ ކޮށްފައެވެ. މާނައަކީ އެ ގްރޫޕު އެވަނީ ވަރަށް ރަނގަޅަށް ފިލާވަޅު ދަސްކޮށްފައެވެ.

މިއިން އަންގައިދެނީ ނުކިޔަވައި ކިތަންމެ ވަރަކަށް ނިދިޔަސް ރަނގަޅު ނަތީޖާއެއް ނުލިބޭނެ ކަމެވެ. މި ދިރާސާގައި އެ ބުނަނީ ފަހު ވަގުތު ހުރިހާ ފިލާވަޅެއް ސިކުނޑިއަށް ނަގައިގެން އޭގެ ފައިދާ ނުކުރާނެ ވާހަކައެވެ. އެހެން ކަމުން އަބަދުވެސް ކުރީބައިގައި ފިލާވަޅު ދަސްކޮށްފައި ބެހެއްޓުމަށް މިދިރާސާއިން ވަނީ ބާރު އަޅައިފައެވެ.