English Edition
Dhivehi Edition

ދިރިއުޅުމަށްޓަކައި މަސައްކަތް ކުރުމަކީ، އިންސާނަކަށްވީތީ ކޮންމެ މީހެއްގެ ކޮނޑުގައި އެޅިފައިވާ ފަރުދީ އަދި އިޖްތިމާޢީ ވާޖިބެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ގޮތުން މިއަދު ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ.

ރައީސް ވިދާޅުވީ ވަކިކަހަލަ ވަޒީފާއެއް ނުލިބޭތީ މަސައްކަތެއް ނުކޮށް ތިބޭ ޒުވާނުން މިހާރުވެސް ރާއްޖޭގައި ތިބިކަމަށެވެ. އަދި ޙަލާލު ގޮތުގައި ކުރެވޭ އެއްވެސް މަސައްކަތަކީ، އޭގެ ޒާތުގައި ހުތުރު ނުވަތަ ދަށު ދަރަޖައިގެ މަސައްކަތެއް ނޫންކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރާއްޖޭގައި ބިދޭސީން ކުރަމުންދާ މަސައްކަތްތަކާއި ދިވެހީން ޙަވާލުވުމަކީ، ޤައުމުގެ އިޤްތިޞާދަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެއީ، ރާއްޖޭން ބޭރުވާ ބޭރު ފައިސާގެ މިންވަރު، ވަރަށް ބޮޑަށް މަދުކުރެވޭނެ ކަމެއް ކަމަށެވެ.

މަސައްކަތްތެރިންގެ ދުވަހެއް ފާހަގަކުރާއިރު ޒުވާނުން މިއަދު އަޒުމު ކަނޑައަޅަންވީ ދިރިއުޅުމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަމިއްލައަށް އުފުލުމުގެ މުހިންމުކަން ޤަބޫލުކޮށް، ކޮންމެވެސް މަސައްކަތަކުން އާމްދަނީ ހޯދަން ތެދުވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަންމަދު ޞާލިޙް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، އެމަނިކުފާނު ވަނީ ދިވެހިރާއްޖޭގެ އެންމެހައި މަސައްކަތްތެރީންނަށާއި އެމީހުންގެ ޢާއިލާތަކަށް ދުވަހުގެ މަރުޙަބާ އާއި ތަހުނިޔާ ފޮނުއްވާފައެވެ. އަދި ބައިނަލްއަޤްވާމީ ފެންވަރުގައި މިފަދަ ދުވަހެއް ފާހަގަކުރުމުގެ އެންމެ މުހިންމު ބޭނުމަކީ މަސައްކަތްތެރީންގެ މަސައްކަތުގެ އަގު ވަޒަންކުރުމާއި، އެމީހުންގެ އަސާސީ ޙައްޤުތަކާއި މިނިވަންކަން ހޯދައިދިނުމާއި، އެ ޙައްޤުތަކާއި މިނިވަންކަމުގެ ދިފާޢުގައި ތެދުވުމުގެ ހިތްވަރު އާކޮށްދިނުން ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވެފައި ވެއެވެ.