ދުނިޔެއަކީ މިއަދު ހަލަބޮލި ތަނެކެވެ. އެންމެ ތުއްތު ސިކުނޑިވެސް ކަންކަމާއި މެދު ވިސްނެން ފައްޓާ އުފުރަށް އެޅުމުން ވިސްނާ ފިކުރުކުރާ އެތައް ކަމެއް ވެއެވެ. މި ވިސްނުމާއި ފިކުރު ކުރަންޖެހޭ ކަންތައް އިންސާނާ އުމުރުން ދޮށީވެ އަހަރުތައް ވޭތު ކުރަމުން އަންނަ ވަރަކަށް އިތުރުވެގެން ދެއެވެ. ޅަނދޮޅު ކުޑަކުއްޖެއްގެ ގޮތުގައި އިހަކަށް ދުވަހު ހުރި ކުއްޖާ ފުރާ ފުރިހަމަވެ ފުރާވަރު ފަސްދީ ދުނިޔެއަށް އެތަށް ގޮތަކުން ފައިދާހުރި ޒުވާނަކަށް ވެގެންދާ ހިސާބުން ބޮލުގައި އެޅޭ ޒިންމާތައް ނުހަނު ގިނަވެ އިތުރުވެގެންދެއެވެ. ބޮލުގައި އެޅޭ އެންމެ ބޮޑު އެއް ޒިންމާއަކީ ވަޒީފާގެ މާހައުލަށް ނިކުމެ ތިމާގެ މަސައްކަތާއި އަޙުލާގު އަދި އުޅުން ބަހައްޓަންޖެހޭ ގޮތެވެ. މަސައްކަތުގެ މާހައުލުގައި ތިމާއަކީ އެހެން މީހުން ގަބޫލުކުރާ ފެންވަރުގެ މީހަކަށް ވުމުގެ އިތުރުން ތިމާ އާއި ހަވާލުކުރެވޭ ކޮންމެ މަސައްކަތަކީވެސް އެންމެ ފުރިހަމައަށް ކުރަންޖެހޭ ކަމެކެވެ. ވަޒީފާގެ ކުރިއެރުމުގެ އިތުރުން އަމިއްލަ ނަފުސު ކުރިއަރުވާ އާ ހަރުފަތްތަކަކަށް ވާސިލުވުމަށް އެއްކަލަ ވަޒީފާއަށް ދާ ޒުވާނާ އަށް މަޖުބޫރުކުރުވާ އެތަށް ކަމެއް ހުރެއެވެ. ވިސްނާ ފިކުރު ކުރަންޖެހޭ ކަންތައް އެއަށްވުރެން ގިނައެވެ.
މިއަދުގެ ވަޒީފާގެ މާހައުލަކީ އެންމެ ވާދަވެރި އެއް މާހައުލޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ. އެކަކަށް ވުރެން އަނެކަކު ކުރިއަރައި ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ބުރަވެފައި ގިނައެވެ. މިހެން މިކަންވުމުގެ ސަބަބުން ތިމާމީހާގެ މުޅި ދިރިއުޅުން ވަޒީފާގެ ވަށައި އެނބުރެން ފަށައޭ ދެންނެވުންވެސް ދޮގަކަށް ނުވާނެއެވެ. ވަޒީފާގައި އުޅުމަށް ދުވާލަކު ވަކި ގަޑިއިރެއް ކަނޑައެޅިފައި އޮތްކަމުގައިވީ ނަމަވެސް އެކި އެކި ސަބަބުތަކާއި ހުރެ ވަޒީފާގައި އުޅެން ކަނޑައެޅިފައި އޮންނަ ވަގުތަށް ވުރެން ގިނަ ވަގުތު ވަޒީފާގައި އުޅެން ޖެހެއެވެ. މީގެ އަސަރު ދިރިއުޅުމުގެ އެހެން ކަންތައްތަކަށް ކޮށް ތިމާ މީހާގެ ސިކުނޑި ހަމަޖައްސާލާނެ ވަގުތު ނުވެއޭ ދެންނެވިދާނެއެވެ. އެހެން ނަމަވެސް ވަޒީފާގެ މާހައުލާއި އެކަމާއި ގުޅުންހުރި ޙިޔާލުތަކާއި މަސައްކަތްތަކުން އެކަހެރިވުމަކީ ފަހުގެ ދިރާސާތަކުން ދައްކައިފައިވާ ގޮތުގައި ހަމައެކަނި ނަފްސާނީ ސިއްހަތަށް އޭގެ މަންފާ ކުރާ ކަމެއް ނޫނެވެ. މީގެ އިތުރުން ތިމާގެ އުފެއްދުންތެރިކަމާއި މަސައްކަތުގެ ފެންވަރު ރަނގަޅު ކުރުމަށްވެސް އެހީތެރިވެދޭ ކަމެކެވެ.
އެމެރިކަން ސައިކޮލޮޖީ އެސޯސިއޭޝަނުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ދުވަހުގެ މަސައްކަތުގެ ތެރެއިން ވަގުތުކޮޅެއް އެކަމާއި ދުރުން ހޭދަ ކޮށްލުމަކީ އިންސާނުންގެ ސިކުނޑި ފޯކަސް ކުރުމާއި އުފެއްދުންތެރިކަމާއި ސިކުނޑީގައި އުފެއްދުންތެރި ޙިޔާލު އުފެދުން އިތުރުކޮށްދޭ ކަމެކެވެ. އަދި ހަމަ އެ ދިރާސާއިން ދައްކާފައިވާ ގޮތުގައި ދުވާލަކު މިގޮތަށް ބްރޭކް ނަގާ މީހުން އެމީހުން އަދާކުރާ ވަޒީފާއާއި، ކުރާ މަސައްކަތުގެ އިތުރުން ވަޒީފާ އަދާކުރާ ތަނާއި އެތަނުގައި ވަޒީފާ އަދާކުރާ އެހެން މީހުންނާއި މެދު ހިތްހަމަޖެހޭ މިންވަރު އިތުރުކޮށްދެއެވެ. އަދި ވަޒީފާގެ ވަރުބަލިކަން ތަޖުރިބާ ކުރާ މިންވަރު ކުޑަކުރުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭ ކަމެއް ކަމުގައި ބްރޭކް ނެގުން އެ ދިރާސާގެ ނަތީޖާގައި ވަނީ ފާހަގަކޮށްފައެވެ.
މިދިރާސާގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި ގަވައިދުން ބްރޭކް ނެގުމަކީ އިންސާނާގެ ޖިސްމާނީ ސިއްހަތަށްވެސް ގިނަގުނަ ފައިދާތަކެއް ލިބިދޭ ކަމެކެވެ. އެގޮތުން މުޅި ދުވަހު ކުރު ބްރޭކްތައް ނަގާ މީހުން ފަލަވުމާއި ދާއިމީ ބަލިތަށް ކަމަށްވާ ހަކުރު ބަލި، ސަރުބީ މަތިވުން އަދި ލޭގެ ޕްރެޝަރ މަތިވުން ފަދަ ބަލިތަކުން ސަލާމަތްކޮށްދެއެވެ. މީގެ އިތުރުން ސްޓްރެސް އާއި ދުރު މީހުން ހިތުގެ ބަލިތަކުން ދުރުކޮށްދޭ ކަމަށާއި ކެއުން ބުއިމުގެ އިތުރުން ކަސްރަތު ކުރުމުގައި ގެންގުޅޭ އާދަތަށްވެސް ރަނގަޅުކަމަށް މި ދިރާސާއިން ވަނީ ދައްކައިފައެވެ.
“މަސައްކަތުގެ މާހައުލުން ބްރޭކެއް ނެގުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް. މިހެން މިކަންތައް ކުރުމުން އޭގެ މަންފާ ކުރަނީ ހަމައެކަނި ވަޒީފާއަކަށް ނޫން. ވަޒީފާގެ ސަބަބުން ނޫނަސް ކުރިމަތިވާ އެހެނިހެން ސްޓްރެސްތަކުން ވެސް މީހާ ސަލާމަތްކޮށްދޭނެ. ސިކުނޑީގައި އިންނަ ބެޓެރީ ރީޗާޒް ވާނެ. ބާންއައުޓަކަށް މީހާ ދިއުމަކީ ސިއްހީ ގޮތުންވެސް ނަފުސާނީ ގޮތުންވެސް ވަރަށް ގެއްލުން މީހާއަށް ލިއްބައިދޭނެ ކަންކަން. މިހުރިހާ ކަމަކުންވެސް ރައްކާތެރިވުމަށް ބްރޭކެއް ނެގުން އެހީތެރިވެދޭ.” ކްލިނިކަލް ސައިކޮލޮޖިސްޓެއް ކަމަށްވާ ޑރ. ސާރާ ޖޯންސަން ވިދާޅުވިއެވެ.
ދިވެހިރާއްޖޭގައިވެސް ނަފުސާނީ ބަލިތަކުގެ ހޭލުންތެރިކަން އިތުރުވެ އެކަމަށްދޭ އަހައްމިއްޔަތު އިތުރުވަމުން މިހާރު އަންނަ އިރު ވަޒީފާދޭ ބައެއް ފަރާތްތަކުން މަސައްކަތުގެ މާހައުލުގައި ނަފްސާނީ ސިއްހަތުގެ މުހިންމުކަން ދެނެގަންނަން މިހާރުވަނީ ފަށައިފައެވެ. އެގޮތުން ބައެއް ކުންފުނިތަކާއި ރިސޯޓުތަކުން ނަފްސާނީ ސިއްހަތުގެ ވަސީލަތްތައް ހުށައަޅައި މުޅި ދުވަހު ގަވާއިދުން ބްރޭކް ނަގަން މުވައްޒަފުންނަށް ހިތްވަރުދެއެވެ. އަދި ބައެއް ކުންފުނިތަކުން ވަނީ މުވައްޒަފުން ސްޓްރެސް ވާ މިންވަރު ދައްކޮށް މުވައްޒަފުންގެ އުފެއްދުންތެރިކަން އިތުރުކުރުމަށް އެހީތެރިވުމަށް ދުވާލަކު ވަކި އަދަދެއްގެ ބްރޭކް ނަގަން ޖެހޭ ސިޔާސަތުތައްވެސް ތަންފީޒުކޮށްފައެވެ.
މިހޯދުންތަކުގެ އަލީގައި ސާފުވާ ގޮތުގައި މަސައްކަތުން ބްރޭކެއް ނެގުމަކީ ނަފްސާނީ ސިއްހަތަށް އެކަނި ފައިދާހުރި ކަމެއް ނޫނެވެ. އަދި އެކަމުން ޖުމްލަ ގޮތެއްގައި މުޅި މީހާގެ ދުޅަހެޔޮކަމާއި އުފެއްދުންތެރިކަމަށް ވެސް ރަނގަޅު ބޮޑު އަސަރެއް ކުރެއެވެ. ނަފްސާނީ ސިއްހަތަށް އިސްކަންދީ، މުޅި މަސައްކަތުގެ ދުވަހުގައި ގަވާއިދުން ބްރޭކް ނެގުމަކީ، މުވައްޒަފުންގެ މަސައްކަތުގެ ނަތީޖާއާއި، ހިތްހަމަޖެހުމާއި، މުޅި ދިރިއުޅުމުގެ ފެންވަރުވެސް ރަނގަޅު ކުރެވޭ ކަމެކެވެ.