English Edition
Dhivehi Edition

އިބްރާހީމް ޚަލަފު ނާފިއުގެ މަންމަ ފަޒުލީނަށް ސާބަސް ހުއްޓެވެ. ކުޑަ ދަރިފުޅަށްޓަކައި އެ މަންމަ ވަމުންދާ ގުރުބާނީ ފާހަގަ ކުރުން ހުއްޓެވެ. ދަރިފުޅަށްޓަކައި ފިސާރި ގުރުބާނީއެއް ވަމުންދާ މައިންނަށް ދޭންޖެހޭ ފުރިހަމަ އިހުތިރާމާއި ޝަރަފް ފަޒުލީނަށް ހައްގެވެ.

ފަޒުލީން ޚަލަފު ވިހެއިއިރު ޚަލަފުގެ ބަރުދަނުގައި ހުރީ އެންމެ ކިލޯއެކެވެ. ވިހައިގެން މަޑުނުވެ ގޮސްލީ އިންކިޔުބޭޓަރަށެވެ. އެތަނުގައި ދެ މަސްވަންދެން ޚަލަފު ބޭއްވިއެވެ. އެތަނުގައި އޮއްވައި ފިޓްޖެހުނެވެ. އޭރުވެސް ދަރިފުޅުގެ ހާލަތު މަންމައަށް ނޭނގެއެވެ. އިންކިޔުބޭޓަރަށްލައި އެހައި ދުވަސްވާނީ ކޮންމެވެސް ކަމެއް ގޯސްވީމާ ކަމަށް ޚަލަފުގެ މަންމައަށް ވިސްނުނެވެ.

އިންކިޔުބޭޓަރުގައި ދެމަސް ބޭއްވުމަށްފަހު އައިޖީއެމްއެޗުން ޚަލަފު ދޫކޮށްލިއެވެ. ދޫކޮށްލުމާއެކު އޭނާ ގޮވައިގެން ދިޔައީ އިންޑިއާއަށެވެ. ދަރިފުޅަށް ފަރުވާ ދިނުމަށް އިންޑިއާގައި ފަޒުލީން ވަނީ ފަސް އަހަރު ހޭދަކޮށްފައެވެ. އިންޑިއާގައި ފަސް އަހަރު ކޮށްފައި އަނެއްކާ ރާއްޖެއައެވެ. އެފަހަރު އައިސް އަމިއްލަ ރަށް ކަމަށްވާ ސ. ހުޅުދޫގައި އެއްމަސް ވަންދެން ޚަލަފް ގޮވައިގެން ފަޒުލީން އުޅުނެވެ. އެއަށްފަހު އޭނާ މިހާރުވަނީ ލަންކާއަށް ބަދަލުވެފައެވެ. ބޭނުމަކީ ހަމައެކަނި އެ ދަރިފުޅަށް ފަރުވާ ހޯދައި ދިނުމެވެ.khalaf-and-his-mom

ޚަލަފުގެ އުމުރުން މިހާރު ހަތް އަހަރުވެއްޖެއެވެ. ކަނދުރާއެއް ހަރެއް ނުލައެވެ. ވާހަކައެއް ނުދެއްކެއެވެ. ނުއެއް ހިނގެއެވެ. އެހެންނަމަވެސް ދަރިފުޅަށް ހޭހަން ކޮށްދިނުމުގައި ފަޒްލީން ފޫއްސެއް ނުވެއެވެ. ފަރުވާ ހޯދައި ދިނުމުގައި ފަރުވާ ކުޑައެއް ނުކުރެއެވެ. ދަރިފުޅަށް ކޮށްދޭންޖެހޭ ހުރިހާ ކަމެއް އޭނާ ކޮށްދެމުން ގެންދަނީ ފޫހިކަމެއްނެތި ލޯބިންނެވެ. އެކަމުގައި ވަޒުލީން ވަރުބައެއްޔެއް ނުވެއެވެ. އުންމީދެއް ނުކެނޑެއެވެ. ދަރިފުޅުގެ ޚިދުމަތުގައި އެހުރީ އުފަލުންނެވެ. ހަމަ އެކަނި މައްސަލައަކީ ދަރިފުޅުގެ ބޭސްފަރުވާއާއި އެކަމާ ގުޅޭ ބައެއް ކަންކަމަށް ބޭނުންވާ ވަރަށް ފައިސާ ނުލިބުމެވެ.

ޚަލަފްގެ ބައްޕައަކީ ސަރުކާރުގެ ވަޒީފާއެއްގައި ވަރަށް ބުރަކޮށް މަސައްކަތް ކުރާ މީހެކެވެ. ލިބޭ ފައިސާ ޚަރަދު ކުރަނީ ޚަލަފާއި އޭނާގެ ބޭބެއަށެވެ. ޚަލަފުގެ ބޭބެގެ އުމުރުން މިހާރު 13 އަހަރެވެ. ޚަލަފަށް ބޭސް ކުރުމަށް ލަންކާއަށް ބަދަލުވިއިރު ފަޒުލީން ދިޔައީ ޚަލަފުގެ ބޭބެވެސް ގޮވައިގެންނެވެ. އެތަނުގެ ސްކޫލަކަށް އޭނާލައި ނިމުނުއިރު އެފަހަރު ގެންދިޔަ ފައިސާ ހުސްވެއްޖެއެވެ.

ފައިސާގެ ވާހަކަ ފަހަށް ބާއްވަމާ ހިނގާށެވެ. ޚަލަފާ މެދު ޑޮކްޓަރުންގެ އުންމީދު ވަރަށް ބޮޑެވެ. ތަޖުރިބާއަށް ބަލާއިރު ފަޒުލީންގެ އުންމީދު އަދި މާބޮޑެވެ. އިންޑިއާގައި އުޅުނުއިރު ޑޮކްޓަރު ބުނިގޮތަށް ކަންކަން ކުރަން ފެށުމުން ކުރިއެރުން ލިބުނުކަން ފަޒުލީންއަށް އެނގުނެވެ.

“އޭރު ޑޮކްޓަރު ބުނިގޮތަށް ބަރާބަރަށް ފިޒިއޯތެރަޕީއާއި އެހެނިގެން ފަރުވާ ދެމުން ގެންދިޔައިން. ފިޒިއޯތެރަޕީ ހަދައިގެން ޚަލަފު އަމިލައަށް އުޅެވޭވަރު ވެދާނެ ކަމުގެ ވަރަށްބޮޑު އުންމީދެއް ލަންކާ ޑޮކްޓަރުންވެސް ވަނީ ދީފައި. އެކަމަކުވެސް މިދިމާވަނީ ފައިސާގެ މައްސަލަ،” ފަޒުލީން ބުންޏެވެ.

ކޮންމެ 6 މަހަކުން އިންޖެކްޝަން ޖެހުމަށް ޑޮކްޓަރު އިރުޝާދު ދެއެވެ. އެހެންނަމަވެސް އެއީ ވަރަށް އަގުބޮޑު އިންޖެކްޝަނެއް ކަމަށް ފަޒުލީން ބުންޏެވެ. އެހެންވީމާ އިންޖެކްޝަންވެސް ޖެހޭނެ ގޮތެއް އަދި ނުވެއެވެ. ވަކި ހަމަތަކެއްގެ މަތީން ފިޒިއޯތެރަޕީ ދޭންޖެހެއެވެ. އެހެންނަމަވެސް ފިޒިއޯތެރަޕީ ނުދެވޭތާ މިހާރު 6 މަސްވެއްޖެއެވެ. އެފަރުވާދިންއިރު ވަރަށް ބޮޑަށް ރަނގަޅުވެގެން އައި ކަމަށް ފަޒްލީން ބުންޏެވެ. ފިޒިއޯތެރަޕީއާއެކު ސްޕީޗު ތެރަޕީދޭންވެސް ޑޮކްޓަރުން ބުނެއެވެ. ދަރިފުޅަށްޓަކައި އެކަންކަން ކޮށްދޭން ފަޒުލީން ބޭނުންވާނެވަރު ހިތަށް ގެންނަވާށެވެ. އެކަމަކު ފައިސާ އެކަމަށް އެބަ ހުރަސް އަޅައެވެ. އެކަންކަމަށް ބޭނުންވާ ފައިސާއެއް ފަޒްލީން އަތަކުނެތެވެ.

ޚަލަފަކީ ދޭތެރެ ދޭތެރެއިން ވަރަށް ބަލިވާ ކުއްޖެކެވެ. ބަލިވާ ކޮންމެ ފަހަރަކު ނިއުމޯނިއާ ޖެހެއެވެ. އެއީ ފަޒުލީން އިތުރަށް ކަންބޮޑުވާ ކަމެކެވެ. އަމިއްލަ ރަށް ހުޅުދޫގައި އެއްމަސް ކޮށްފައި ލަންކާއަށް ބަދަލުވީވެސް ދަރިފުޅަށް ފަރުވާދޭން ގޮންޖެހުންތަކެއް ހުރުމުންނެވެ.

“ކަމެއް ދިމާވާއިރަށް ފުރައިގެން ދާންޖެހެނީ ހިތަދުއަށް. އެއީ ޚަލަފް ފަދަ ކުއްޖަކު ގޮވައިގެން އުޅޭ މަޔަކަށް ފަސޭހަ ކަމެއްނޫން. މާލޭގައި އުޅެންވެސް ދަތިވަނީ އެހެންވެ. ކުލި އެހާބޮޑު. ޑޮކްޓަރަށް ދައްކަން އުފުލަންޖެހޭ ތަކުލީފު އެހާބޮޑު. އިރާދަ ކުރެއްވިއްޔާ ދަރިފުޅަށް ރަނގަޅު ގޮތެއް ފެންނާނެ،” ޚަލަފްގެ މަންމަ އުންމީދާއެކު ބުންޏެވެ.

ލަންކާއިން ބޭސްކުރަން ފެށުމުން ޚަލަފުގެ ހަށިގަނޑު ރަނގަޅުވާން ފެށިއެވެ. ކުރިން އަނގައިން ކާންދޭން އުޅުނަސް ރަނގަޅަށް ނުކެވެއެވެ. އެހެން ކަމުން މިހާރު ކާންދެނީ ހޮޅިއެއް ލައްވައިގެން އެ މެދުވެރިކޮށެވެ. ހޮޅި ލައްވައިގެންވެސް ރަނގަޅަށް ކެވެން ފެށުމުން ޚަލަފުގެ ބަރުދަން އިތުރުވިއެވެ. އޭނާގެ މަންމައަށް އޭނާ އުފުލައިގެން ގެންގުޅެން ދަތިވާ ވަރަށެވެ. ކުޑަކުޑަ ޚަލަފު މިހާރު އިންނަނީ ފުރޮޅުލީ ގޮނޑިއެއްގައެވެ. ގޮނޑީގައި އިނަސް އެއީވެސް ޚަލަފު ކަހަލަ ކުއްޖަކަށް އެންމެ އެކަށީގެންވާ ގޮނޑިއެއް ނޫނެވެ.

“ޚަލަފް ގޮވައިގެން ވަރަށް ދަތުރު ކުރަންޖެހޭ. ގޮނޑީގައި ބައިންދައިގެން އެދަތުރު ކުރަންޖެހުމަކީ ވަރަށް ދަތިކަމެއް. އެހެންވެ ދަތުރުތަކަށް ފަސޭހަ ގޮނޑިއެއްވެސް ގަންނަން ބޭނުންވޭ. އެކަމަކު އަދި އެކަންވެސް ނުކުރެވޭ. އެއީވެސް ފައިސާގެ މައްސަލަ. މިކަހަލަ ކުއްޖަކަށް ވަރަށް އެކަށީގެންވާ ގޮނޑިވެސް އެބަހުރި. އެއިގެ ގޮނޑިއެއް ލިބިއްޖެ ނަމަ ވަރަށް ބޮޑަށް ފަސޭހަ ވެގެންދާނެ،” ފަޒުލީން ބުންޏެވެ.khalaf-two

ޚަލަފަށް ބޭނުންވާ ޒާތުގެ ގޮނޑިއެއް ވަރަށް މުހިންމެވެ. އެކަމުގެ ސަބަބުން އޭނާގެ މަންމައަށް އެތައް ގުނައެއް ފަސޭހަ ވެގެންދާނެއެވެ. ޚަލަފަށް ފިޒިއޯތެރަޕީ ބޭނުމެވެ. އެކަމުގެ ސަބަބުން އޭނާއަށް އަމިއްލައަށް އުޅެވޭވަރުވާނެ ކަމަށް ޑޮކްޓަރުން އެބަ ބުނެއެވެ. ޚަލަފަށް ސްޕީޗު ތެރަޕީ ބޭނުމެވެ. އެކަމުގެ ސަބަބުން އޭނާއަށް ވާހަކަ ދެއްކިދާނެ ކަމުގެ އުންމީދު އެބައޮތެވެ. ކޮންމެ ހަ މަހަކުން ޚަލަފުގެ ގަޔަށް އިންޖެކްޝަނެއް ޖަހަން ޖެހެއެވެ. ވަރަށް އަގުބޮޑު އިންޖެކްޝަނެކެވެ. އޭގެ ސީދާ އަގެއް ފަޒްލީނަށްވެސް ނޭނގެއެވެ. ޑޮކްޓަރުން އެވަރަށް އުންމީދު ދެމުންދާއިރު ދަރިފުޅަށް އެކަންކަން ކޮށްދިނުމަށް މަޔަކު ބޭނުންވާނެވަރު އިހުސާސް ކޮށްލަމާ ހިނގާށެވެ. ދަރިފުޅު އެކަނި އުޅޭތަން ބަލަން އެ މަންމަ އިންތިޒާރު ކުރާނެ މިންވަރު ވިސްނާލަމާ ހިނގާށެވެ.

ޚަލަފުގެ ބައްޔަށް ރަނގަޅަށް ފަރުވާ ކުރެވިއްޖެނަމަ އޭނާއަށް އެކަނި އުޅެވޭ ވަރުވާނެ ކަމުގެ އުންމީދު ޑޮކްޓަރުން ދިނަސް އެކަމަށް ފައިސާ އެބަ ހުރަސްއަޅައެވެ. އެ ހުރަސް ނައްތާލެވޭނެ ގާބިލް ކަމެއް ޚަލަފުގެ އާއިލާއަކު އަދި ނެތެވެ. ދެން ތިޔަ ތިއްބެވީ ތިޔަ ބޭފުޅުންނެވެ. ތިޔަ ބޭފުޅުންގެ ދީލަތި އެހީގެ ސަބަބުން މައުސޫމު ކުއްޖެއްގެ ދިރިއުޅުން އާރާސްތު ކުރުމުގެ އުފާ ލިބިގަންނަންވީ ނޫންހެއްޔެވެ؟ މިކުއްޖާއަށް ދިމާވެފައިވާ ސިއްހީ މައްސަލަތައް ރަނގަޅުވެ އަމިއްލައަށް އުޅެވޭނެ ދުވަހަކު އެކުއްކާގެ މޫނުމަތިން ފެންނާނެ އުފާވެރި ކަމުގެ ހިނިތުންވުމަށް ކުރެވޭ އުންމީދެއްގެ މަތިވަރިކަން ވަރަށް ބޮޑެވެ.

އެންމެންގެ އެހީތެރިކަމާއެކު ޚަލަފުގެ ބަލި ރަނގަޅު ވެއްޖެނަމަ އެ މައުސޫމު ކުއްޖާއަށް ލިބިގެންދާނެ އުފާވެރިކަން ހާދަހާވާ ބޮޑުވާނެއެވެ. އެދުވަހަކުން ހުރިހާ ޝުކުރެއް އެ މައުސޫމް ހިތުން ރައްދުވާނީ އެކުއްޖާއަށް އެހީތެރިވެދިން މީހުންނަށެވެ. އެ ޝުކުރު ރައްދުވާ ބަޔަކަށް އަޅުގަނޑުމެން އެންމެން ވެލަމާ ހިނގާށެވެ.

ޚަލަފުގެ ބައްޔަށް ބޭސްކުރަން އޭނާއަށް އެހީވުމަށްޓަކައި އަޅުގަނޑުމެންނާއި ތިޔަ ބޭފުޅުންނާއި ޚަލަފްގެ އާއިލާ ގުޅިގެން މަސައްކަތް ކޮށްފި ކަމަށްވާނަމަ ފައިސާގެ މައްސަލަ ހައްލު ކުރެވިދާނެއެވެ. މި ފައިސާ ލިބިއްޖެ ކަމަށްވާނަމަ ޚަލަފުގެ މުސްތަގުބަލާމެދު ކުރެވޭ އުންމީދު އަދި މާޑުވެގެން ދާނެއެވެ.

ޚަލަފަށް އެހީވާން ބޭނުން ކަމަށްވާނަމަ މިއޮތީވެސް މަގެކެވެ. 7701133732101 މިއީ ޚަލަފުގެ ބައްޕަ އަހުމަދު ނާފިއުގެ ބޭންކު އެކައުންޓު ނަންބަރެވެ. ދެން މިއޮތީ ޚަލަފުގެ ބައްޕަގެ ފޯން ނަންބަރެވެ. 7852755 ބޭނުންފުޅުވާ ބޭފުޅުންނަށް މިނަންބަރަށް ގުޅުއްވިދާނެއެވެ. ފައިސާގެ އެހީއެއް ދެއްވަން ބޭނުންފުޅުވާ ބޭފުޅުންނަށް އެކައުންޓަށް ފައިސާ ޖަމާވެސް ކޮށްލެވިދާނެއެވެ. މިއޮތީ ތިޔަ ބޭފުޅުންގެ ދީލަތި އަތްތައް ޚަލަފުގެ ކުރިމަގަށްޓަކައި ހުޅުވައިލައްވަންވީ ވަގުތު ޖެހިފައެވެ.