އިންޑިއާގެ ސިޓީއެއް ކަމަށްވާ އަހްމެދްބާދް ގެ ސަރްދާރް ޕަޓޭލް ސްޓެޓޫ ރޯޑް އިން ދުއްވާފައި ދިޔަ ކާރެއްގައި އިން މީހަކު މަގުމައްޗަށް ކުޅުޖެހުމުން އޭނާ 100 ރުޕީސް އިން ޖޫރިމަނާ ކޮށްފިއެވެ.
އިންޑިއާގެ ނޫހެއްކަމަށްވާ “އިންޑިއާ ޓައިމްސް ޑޮޓްކޮމް” ގައި ބުނެފައިވާ ގޮތުގައި މަހޭޝް ކުމާރު ނަމަކަށް ކިޔާ މިމީހާ ދުފުމަށްފަހު މަގުމައްޗަށް ރަތް ކުޅު ޖެހިމަންޒަރު ވަނީ އޭނާ ދަތުރު ކުރިމަގުގައި ހުރި ސީސީޓީވީ ކެމެރާއަކަށް އަރާފައެވެ. އަހްމެދްބާދްގައި މީހުން ދިރިއުޅޭ އެއްވެސް ސަރަހައްދެއްގެ މަގުމައްޗަށް ކުޅު އަދި ކުނި އެޅުންވެސް ވަނީ އަހްމެދްބާދް މުނިސިޕަލް ކޯޕަރޭޝަން(އޭ އެމް ސީ) އިން މަނާކޮށްފައެވެ.
އިންޑިއާގެ މަގުމައްޗަށާއި އާންމުން ދިރި އުޅޭ ސަރަހައްދު ތަކަށް ކުޅުޖެހުން އާންމު ކަމަކަށް ވެފައިވާ އިރު މިއީ ކުޅުޖަހައިގެން މީހަކު އިންޑިއާގައި ޖޫރިމާނާ ކުރި ފުރަތަމަ ފަހަރެވެ.
އިންޑިއާގެ ސިޓީތަކުން އެންމެ ބޮޑު ސިޓީ ކަމަށްވާ އަހްމެދްބާދަކީ އެ ގައުމުގެ އެންމެ ސާފުތާހިރު އެއް ސިޓީކަމަށްދާދި ފަހުން ކުރި ސާވޭތަކުން ދައްކައެވެ.
މަގުމަތި ސާފު ތަނެއްގެ ގޮތުގައި ބޭއްވުމުގެ އިތުރުން މިކަހަލަ ކަންތައް ހުއްޓުވަން މިހާރު މަސައްކަތް ކުރަނީ މަގު ބޭނުން ކުރާމީހުންގެ ވެސް ރައްކަލަކަށް ކަމަށް އަހްމެދްބާދް ފުލުހުން ބުނެއެވެ. ގްރޭޓާ ނޮޑިއާ ފުލުހުން ބުނެފައިވަނީ މިކަހަލަ ހާދިސާއެއް މިދިޔަ އަހަރު އަހްމެދްބާދްގައި ހިނގާފައި ވާކަމަށާއި އެމީހާ ކާރު ދުއްވަމުން އަނގައިގައި އޮތް ޗުއިންގަމެއް މަގުމައްޗަށް އެއްލައިލަން މަސައްކަތް ކުރަނިކޮށް ކާރު ކޮންޓްރޯލް ނުވެ ގޮސް ރޯޑް ޑިވައިޑަރ އެއްގައި ޖެހި އެކްސިޑެންޓް ވެފައިވާ ކަމަށެވެ. މިހާދިސާ ހިނގިއިރު އެކާރު ދުއްވަން އިނީ އެމީހާ އެކަނި ކަމަށްވެސް ފުލުހުން ބުންޏެވެ.
މަގުމައްޗަކީ އަމާން ރައްކާތެރި އަދި ސާފު ތަނަކަށް ހެދުމަށް ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން މިހާރު ދަނީ މަގުމައްޗަށް ކުނި އެޅުންމަނާ ކޮށް، މަގުމައްޗަށް ކުނިއަޅާ މީހުން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ވެސް ކުރަމުންނެވެ.