English Edition
Dhivehi Edition

ސޯޝަލް މީޑިއާ ބޭނުންކުރުން އާންމު ވެއްޖެއެވެ. މަކަރާއި ހީލަތް ހަދާމީހުން އިތުރުވެއްޖެއެވެ. މަކަރުވެރިންނާއި ހީލަތްތެރިންގެ ހާއްޔަކަށް އެތަންވެ އަވަދިވެއްޖެއެވެ.

ސޯޝަލް މީޑިއާގެ އެންމެ އާންމު ދެބަޔަކީ ފޭސްބުކާއި ޓުވިޓާއެވެ. މި ވަސީލަތް ބޭނުންކޮށްގެން މަޝްހޫރު ވުމަށްޓަކައި އެކި ކަހަލަ ސްޓޭޓަސްތައް ލިޔެއެވެ. ފޮޓޯތައް ހިއްސާ ކުރެއެވެ. ވަރަށް މުހިންމު ޒާތީ މައުލޫމާތުވެސް ހިއްސާ ކުރެއެވެ. މިއީ އާޚިރުގައި ވަރަށް ނުރަނގަޅު ނަތީޖާ ނުކުމެދާނެ ކަންކަމެވެ.

އެމެރިކާގެ “ޕިވް ރިސާޗު ސެންޓަރ” އިން ހެދި ދިރާސާ އަކުން ދައްކާ ގޮތުގައި 92 ޕަސެންޓު މީހުން ސޯޝަލް މީޑިއާގައި އެމީހުން ގެ އަސްލު ނަން ބޭނުން ކުރެއެވެ. 82 ޕަސެންޓު މީހުން އެމީހުންގެ އަސްލު އުފަންދުވަސް ހިއްސާ ކުރެއެވެ. 71 ޕަސެންޓު މީހުން އެމީހުންގެ އަމިއްލަ ގައުމާއި ދިރިއުޅޭ ހިސާބު ޕްރޮފައިލްގައި ހިއްސާކުރެއެވެ.

“ސައިބަރ ކްރައިމް” ގެ ނުރައްކާ ބޮޑު ބިރަކަށް ވެފައިވާ މި ޒަމާނުގައި ތިމާގެ އަމިއްލަ މައުލޫމާތު ސޯޝަލް މީޑިއާގައި ހިއްސާ ކުރުމާ ދޭތެރޭ ވިސްނުން ބުއްދިވެރިއެވެ.

ސޯޝަލް މީޑިއާ ގެ ގޮތުގައި އާންމު ވެފައިވާ ފޭސްބުކާއި ޓުވިޓާގައި ކޮންމެހެން ވެސް ހިއްސާ ނުކުރަންވީ ތިން އެއްޗެއް އޮންނަކަން އެނގެނީ ކިތައް މީހުންނަށް ހެއްޔެވެ

ޑްރައިވިން ލައިސަންސް

އަލަށް ޑްރައިވިން ލައިސަންސް ލިބޭ މީހުން ލައިސަންސްގެ ފޮޓޯއެއް ނަގައި ސޯޝަލް މީޑިއާގައި ހިއްސާކޮށްލަނީ ހަމަ އެއްވެސް ޖެހިލުމެއްނެތިއެވެ. ބޭނުނަކީ ލިބުނު ކާމިޔާބީ އެހެން މީހުންނާ ހިއްސާކޮށްލުމެވެ. ލައިސަންސްގައި ތިމާގެ އުފަންދުވަހާއި ފޮޓޯ އަދި ބޭނުންވާ އެހެނިހެން މައުލޫމާތު ސާފުކޮށް ފެންނާން ހުރެއެވެ. ސައްހަ މައުލޫމާތު ލިބުމުން ސައިބަރ ކްރައިމް ހިންގާ މީހުންނަށް އެއޮތީ އެކަމަށް ރަނގަޅު މަގެއް ފެނިފައެވެ.

ތިމާގެ އަމިއްލަ މައުލޫމާތު އެހެން ފަރާތް ތަކުން ނާޖާއިޒު ގޮތުގައި ބޭނުން ކުރުމުގެ ފުރުސަތު ނުދިނުމަށްޓަކައި މިފަދަ ތަކެތި ނުދަންނަ ބައެއްގެ ތެރެއަށް ދޫކޮށްލައިގެން ނުވާނެއެވެ.

މިފަދަ މައުލޫމާތު ތަކުގެ ސަބަބުން ތިމާއާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް މަގު ކުށްކުރާ މީހުންނަށް ފަހިވެގެން ދެއެވެ. އޭގެތެރޭގައި ބޭންކު އެކައުންޓު ތަކުގެ މައުލޫމާތު ހިމެނެ އެވެ. ނަތީޖާ އަކަށް ވަނީ ތިމާއަށް ނޭގި ހުއްޓައި އެކައުންޓު ތައް ހުސްވެގެން ދިއުމެވެ.

މިފަދަ ކަމެއް ހިނގާ ކަމަށް ޝައްކު ކުރެވޭކަމަށް ވާނަމަ އެކަމަކާ ދޭތެރޭ ސަމާލު ވުން ކޮންމެހެން މުހިންމެވެ. އެގޮތުން ބޭންކު އެކައުންޓު ތަކުގެ ތަފްސީލު ބެލުމާއި މޯބައިލް އިންޓަނެޓުގެ ޚިދުމަތް ހޯދުން ފަދަ ކަންކަން ހިމެނެއެވެ.

women-and-facebook

ޗުއްޓީގެ ލިޔުން ނުވަތަ ޗުއްޓީ ހޭދަ ކުރާތަން

ގިނަ މީހުން އެމީހުން ހިތްހަމަ ޖައްސާލުމަށްޓަކައި ހޯދާ ޗުއްޓީގެ މަޖާ އަދި އެހެން މީހުން ހައިރާން ކުރުވަނިވި ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާ ކޮށް ހެދުމަކީ އާންމު ކަމެކެވެ. ހަމަ އެހެންމެ ތަނަކަށްދާ ކަމަށް ވާނަމަ އެތަނެއްގެ ނަމާއި ހޭދަ ކުރާނެ ވަގުތުވެސް ބައެއް މީހުން ހިއްސާކުރެއެވެ. މި އީ ކުށްކުރަން ފާރަލައި ތިބޭ މީހުންނަށް ތިމާ ގޭގައި ނުއުޅޭ ވަގުތު ތިމާގެ އަގުހުރި މުދާ ފޭރި ގަންނަން ލިބޭ ރަނުގެ ފުރުސަތަކަށް ވެގެންދެއެވެ.

ބޭންކު އެކައުންޓުގެ މައުލޫމާތު

ފައިސާގެ މުއާމަލާތްތަކުގެ މައުލޫމާތު އެހެން މީހުންނާއި ހިއްސާކުރުމަކީ ކުށްކުރާ މީހުންނަށް ކުށްކުރުމަށް އިތުރު ހިތްވަރެއް ހޯދައި ދިނުމެވެ. ބައެއް މީހުން އެމީހުންނަށް އަލަށް ލިބޭ މުސާރައިގެ ޗެކުގެ ޝެއަރ ކޮށްހަދަ އެވެ.

ޝެއަރ ކުރެވޭ ޗެކުގައި ތިމާގެ ބޭންކު އެކައުންޓު ނަންބަރު ފަދަ އެހެނިހެން މައުލޫމާތު އެ ޗެކުގައި ހިމެނޭކަން ވިސްނަން ޖެހެއެވެ. މީގެ ސަބަބުން ކުށް ކުރާ މީހުންނަށް ތިމާގެ ނަމުގައި ފޭކު ޗެކު ހެދުމުގެ ފުރުސަތު ބޮޑުވެގެން ދެއެވެ.

މިއީ ހައިޓެކްނޮލޮޖީގެ ޒަމާނެވެ. މިއީ ހެކަރުންގެ ޒަމާނެވެ. މިއީ މުޅިދުނިޔެ ކުޑަކޮށްލާފައިވާ ޒަމާނެކެވެ. މިއީ ސައިބަރ ކްރައިމް އިންތިހާއަށް ބޮޑުވެފައިވާ ޒަމާނެކެވެ. ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ހިތައްވެސް ނާރާ ކަންކަން މިޒަމާނު ކޮށްފާނެއެވެ. އެހެންކަމުން ތިމާގެ އަމިއްލަ މައުލޫމާތު ސޯޝަލް މީޑިއާގައި ހިއްސާކުރުން ހުއްޓާލުމަކީ ވަރަށް ރައްކާތެރި ކަމެއް ކަމަށް ވާނެއެވެ.