ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ސުޕްރީމް ކޯޓަށް ހާޒިރުވާން ޗިޓު ފޮނުވައިފި އެވެ.
އިމްތިޔާޒް ފަހުމީ ވަނީ މިކަން ކަށަވަރުކޮށް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލިސް ޖަލްސާގައި އޭނާ ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގާފައިވާ ކަމަށް ބުނެފައެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުން އިމްތިޔާޒް ފަހުމީ ވިދާޅުވީ ސުޕްރީމް ކޯޓަށް ހާޒިރުވާން އެންގީ ބިރު ދެއްކުމުގެ ގޮތުން ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކުރާ ގޯސްކަންތައްތަކުގެ ވާހަކަ ދެއްކުން ހުއްޓުވާ ނުލެވޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އިމްތިޔާޒު ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގާފައިވާއިރު މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލައި ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދާއި ފޮނަދޫ ދާއިރާގެ މަޖިލިސް މެންބަރު ކަމަށް އިންތިހާބުކޮށްފައިވާ ގާނޫނީ ވަކީލް މޫސާ ސިރާޖު ވެސް ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ސުޕްރީމް ކޯޓުގެ ދަށުން ހިންގާ ޑީޖޭއޭ އަށް ހާޒިރުކޮށް ބަޔާން ނަގާފަ އެވެ.
އިމްތިޔާޒް ކޯޓަށް ހާޒިރު ކުރުމަށް ޗިޓް ފޮނުވާފައުވާއިރު މިއަދުގެ ޖަލްސާގައި ވެސް އޭނާ ވަނީ ޖުޑިޝަރީ އިސްލާހުކުރަން ޖެހޭ ކަމަށާއި، ސުޕްރީމް ކޯޓުގެ ފަޑިޔާރުން ވަކިކުރަން ޖެހޭ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.