English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ސާޖިއޯ އަގުއޭރޯ ކާމިޔާބުކޮށްދިން ހަމައެކަނި ލަނޑުން ބާންލީ 1-0 ލަނޑުން ބަލިކޮށް މެންޗެސްޓާ ސިޓީ އަލުން ތާވަލްގެ އެއް ވަނަ އަށް ޖެހިލައިފިއެވެ.

ލީގުގައި ބާކީ ދެ މެޗު އޮތް އިރު ސިޓީ މެޗަށް ނުކުތްއިރު ލީގުގެ އެއް ވަނައިގައި އޮތީ ލިވަޕޫލެވެ. މި މޮޅާއެކު ސިޓީ މިހާރު އޮތީ ދެ ވަނައިގައި އޮތް ލިވަޕޫލަށްވުރެ އެއް ޕޮއިންޓް ކުރީގައެވެ. 36 މެޗުން ސިޓީއަށް 92 ޕޮއިންޓް ލިބިފައިވާއިރު ލިވަޕޫލަށް ލިބިފައިވަނީ 91 ޕޮއިންޓެވެ. ތިން ވަނައިގައި ޓޮޓެންހަމް 70 ޕޮއިންޓާއިއެކު އޮތް އިރު ހަތަރު ވަނައިގައި ޗެލްސީ އޮތީ 68 ޕޮއިންޓާއި އެކުގައެވެ.

ލީގުގައި ސިޓީ އަށް ބާކީ އޮތީ އަމިއްލަ ދަނޑުގައި ލެސްޓާ ސިޓީއާ ވާދަކުރާ މެޗާ ރަށުން ބޭރުގައި ބްރައިޓަންއާ ވާދަކުރާ މެޗެވެ. ލިވަޕޫލަށް ބާކީ އޮތީ ރަށުން ބޭރުގައި ނިއުކާސަލް ޔުނައިޓެޑާ ވާދަކުރާ މެޗާއި އަމިއްލަ ދަނޑުގައި ވުލްވްސްއާ ވާދަކުރާ މެޗެވެ.

މުޅި މެޗުގައިވެސް ބާންލީން ވަނީ ޑިފެންސިވް ކޮށް ކުޅެފައިވާއިރު މެޗުން މޮޅުވާން މަޖުބޫރުވެފައިވާ ސިޓީއިން މުޅި ޓީމް ކުރި އަތް ޖެހި ގިނަ ހަމަލާތަކެއް ބާންލީގެ ގޯލާއި އަމާޒުކޮށް ފޮނުވާފައިވާއިރު ފުރަތަމަ ހާފުގައި ސިޓީއަށް ވަނީ ބާންލީ ކޮޅައަށް ލަނޑެއް ވައްދާނުލެވިފައެވެ.

މޮޅޮކަށް ވަރަށް ބޮޑަށް ބޭނުންވެފައި ތިބި ސިޓީއިން ދެވަނަ ހާފް ފެށުނީއްސުރެ ބާންލީގެ ގޯލާއި އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައިވާއިރު މެޗުގައި ސިޓީގެ ހަމަ އެކަނި ލަނޑު މެޗުގެ 63 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ސާޖިއޯ އަގުއޭރޯ އެވެ. އަގުއޭރޯ ޖެހި ގޯލަކީ މި ސީޒަނުގައި އޭނާ ލީގުގައި ޖެހި 20 ވަނަ ގޯލެވެ. މި ގޯލާއެކު އަގުއޭރޯ ވަނީ 21 ގޯލު ޖަހާފައިވާ ލިވަޕޫލްގެ މުހައްމަދު ސަލާހްގެ ފަހަތުން ލަނޑު ލިސްޓުގެ ދެވަނައަށް އަރައިފައެވެ.

މިސީޒަންގައި އަގުއޭރޯ 20 ލަނޑު ހަމަކޮށްފައިވާއިރު އޭނާ ވެފައިވަނީ ލީގުގެ ތާރީހުގައި ޖެހިޖެހިގެން ފަސް ސީޒަނުގައި 20 ގޯލު ހަމަކުރި ދެވަނަ ކުޅުންތެރިޔާއަށެވެ. މީގެ ކުރިން މި ރެކޯޑު އޮތް ހަމައެކަނި ކުޅުންތެރިއަކީ އާސެނަލަށް ކުޅުނު ފްރާންސްގެ ފޯވާޑް ތިއެރީ އޮންރީ އެވެ.