ދެވަނަ ހާފުގައި ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ކާމިޔާބުކުރި ލަނޑާއެކު ރަށުން ބޭރުގައި ބާންލީ ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން ލީގުގެ އެއްވަނަ އަށް ޖެހިލައިފިއެވެ. މި މެޗުން ޔުނައިޓެޑް މޮޅުވީ 1-0 އިންނެވެ.
މިއީ ވޭތުވެދިޔަ ހަތްވަރަކަށް އަހަރުގެ ތެރޭގައި ޔުނައިޓެޑުން ލީގުގެ އެއްވަނަ އަށް އެރި ފުރަތަމަ ފަހަރެވެ. މިހާ ގިނަ މެޗުތަކަކަށްފަހު އެ ޓީމު އެންމެ ފަހުން ތާވަލްގެ އެއްވަނަ އަށް ޖެހިލީ ކުރީގެ ކޯޗު އަލެކްސް ފާގަސަންގެ އިރުޝާދުގެ ދަށުން 2012 ވަނަ އަހަރުގެ ލީގު ކާމިޔާބުކުރި ސީޒަނުގައެވެ.
ރޭގެ ނަތީޖާއާއެކު ޔުނައިޓެޑަށް މިހާތަނަށް ކުޅުނު 17 މެޗުން 36 ޕޮއިންޓް ލިބިފައިވާއިރު އޭގެ ތިން ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލެވެ. ތިންވަނައިގައި 32 ޕޮއިންޓާއެކު ލެސްޓާ ސިޓީ އޮތްއިރު، އެވަޓަން ވަނީ ލީގުގައި ރޭ ރަށުން ބޭރުގައި ވުލްވްސްގެ މައްޗަށް 2-1 އިން ހޯދި މޮޅާއެކު 32 ޕޮއިންޓް ހަމަކޮށް ހަތަރުވަނަ އަށް ޖެހިލައިފައެވެ. ލެސްޓާ އަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ.
ބާންލީގެ ޓާފް މޫރ ގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑުޖަހާނެ ރަނގަޅު ފުރުޞަތުތައް ޔުނައިޓެޑުން ތަނަވަސްކޮށްފައިވާއިރު، އެ ޓީމުގެ ކެޕްޓަން ހެރީ މެގުއާ ވަނީ މި ހާފުގައި ގޯލެއް ކާމިޔާބުކޮށްފައެވެ. ނަމަވެސް، އެ ބޯޅަ ފޮނުވާލުމުގެ ކުރީން ބާންލީގެ އެރިކް ޕީޓާސް އަށް މެގުއާ ފައުލްކުރިކަމަށް ނިންމާ ރެފްރީ އެ ގޯލް ގަބޫލުނުކުރިއެވެ.
ފުރަތަމަ ހާފުގައި ޔުނައިޓެޑަށް ލަނޑުޖެހުމަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ޕެނަލްޓީއޭރިޔާ ބޭރުން އެންތަނީ މާޝިއަލް ފޮނުވާލި ބޯޅަ ބާންލީގެ ކީޕަރު ނިކް ޕޯޕް މަތަކުރިއެވެ. އޭގެކުރީން، ސަސްޕެންޝަނަކަށްފަހު ކުޅުމަށް އެނބުރިއައި އެޑިންސަން ކަވާނީ ފޮނުވާލި ހަމަލާ ބާންލީގެ ކުޅުންތެރިން ވަނީ ބްލޮކް ކޮށްފައެވެ.
ރޭގެ މެޗުގައި ޔުނައިޓެޑުން ޖެހި ހަމައެކަނި ލަނޑު، މެޗުގެ 71 ވަނަ މިނެޓުގައި ޕޮގްބާ ވައްދާލީ އެ ޓީމުގެ މާކަސް ރަޝްފޯޑް ތަނަވަސްކުރި ފުރުޞަތަކުންނެވެ. އޭގެފަހުން، ބާންލީ އަށް ނަތީޖާ ހަމަހަމަކޮށްދިނުމަށް ފަހު ހާފުގައި ކުޅެން ނިކުތް މަޓެޖް ވީޑްރާގެ އިތުރުން ޖޭމްސް ޓާކޯސްކީ އަށް ރަނުގެ ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ.
މި މުބާރާތުގައި ރޭ ވުލްވްސްގެ ދަނޑުގައި 2-1 އިން އެވަޓަން އަތުން އެ ޓީމު ވަނީ ބަލިވެފައެވެ. މި މެޗުގައި އެވަޓަންގެ ލަނޑުތައް ޖަހައިދިނީ އަލެކްސް އިވޯބީ އާއި މައިކަލް ކީން އެވެ. ވުލްވްސްގެ ހަމައެކަނި ލަނޑުޖަހައިދިނީ ރުބެން ނެވޭސް އެވެ.
ލީގުގައި ރޭ ކުޅުނު އަނެއް މެޗުގައި ތާވަލްގެ އެންމެ ފުލުގައި އޮތް ޝެފީލްޑް ޔުނައިޓެޑް ވަނީ މި ފަހަރުގެ ސީޒަނުގައި ފުރަތަމަ މޮޅު ހޯދާފައެވެ. ޝެފީލްޑްގެ ދަނޑުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ޕެނަލްޓީ ސްޕޮޓްމަތީން ކާމިޔާބުކޮށްދިނީ ބިލީ ޝާޕް އެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ނިއުކާސަލްގެ ރަޔާން ފްރޭޒާ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދެއްކުމުން އެ ޓީމުން މެޗުގެ ބޮޑުބައި ކުޅުނީ 10 ކުޅުންތެރިންނާއެކު އެވެ.