English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބާންލީ އަތުން ބަލިވެ ލީގުގައި އެ ޓީމުން އަމިއްލަ ދަނޑުގައި ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑް 68 މެޗަށްފަހު ނިމުމަކަށް އައިސްފިއެވެ. ރޭގެ މެޗުން ބާންލީ މޮޅުވީ 1-0 އިންނެވެ.

މިއީ 1974 ވަނަ އަހަރުގެ ފަހުން ލިވަޕޫލްގެ ދަނޑުގައި ބާންލީ މޮޅުވި ފުރަތަމަ ފަހަރެވެ. ލިވަޕޫލުން ލީގުގައި އަމިއްލަ ދަނޑުގައި އެންމެ ފަހުން ބަލިވީ މީގެ 3 އަހަރާއި 273 ދުވަސް ކުރީންނެވެ. 2017 ވަނަ އަހަރުގެ އޭޕްރީލް މަހުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗުން ލިވަޕޫލް ބަލިވީ 2-1 އިންނެވެ.

މީގެއިތުރުން، މިއީ މީގެ 5 ވަރަކަށް އަހަރުކުރީން ލިވަޕޫލްގެ ކޯޗުކަމާ ހަވާލުވި ކްލޮޕްގެ އިރުޝާދުގެ ދަށުން ލީގުގައި މޮޅެއް ނުލިބި އެ ޓީމުން ފަސް މެޗު ފުރިހަމަކުރަން ޖެހުނު ދެވަނަ ފަހަރެވެ. އަދި ލީގުގައި އެ ޓީމު އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި ވެސް ގޯލެއް ކާމިޔާބުކުރެވިފައެއްނުވެއެވެ.

ރޭގެ ނަތީޖާއާއެކު ލިވަޕޫލް އަދިވެސް އޮތީ 19 މެޗުން ހޯދީ 34 ޕޮއިންޓާއެކު ތާވަލްގެ ހަތަރުވަނައިގައެވެ. އެއްވަނައިގައި އުޅޭ މެންޗެސްޓާ ޔުނައިޓެޑަށް 40 ޕޮއިންޓް ލިބިފައިވާއިރު، އޭގެ ދެ ޕޮއިންޓް ފަހަތުން ދެވަނައިގައި މެންޗެސްޓާ ސިޓީ އޮތްއިރު، ހަމަ އެ އަދަދަށް ޕޮއިންޓް ލިބިގެން ތިންވަނައިގައި އޮތީ ލެސްޓާ ސިޓީ އެވެ. ސިޓީ އަށް ކުރިލިބެނީ ގޯލްގެ ތަފާތުންނެވެ.

ބާންލީއާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ޕްރިމިއާ ލީގު.ކޮމް

ލިވަޕޫލުން ރޭގެ މެޗަށް ނިކުތްއިރު އާއްމުކޮށް އެ ޓީމުގެ ފުރަތަމަ އެގާރައިގައި ގަވާއިދުން ކުޅެމުން އަންނަ މުހައްމަދު ސަލާހާއި ރޮބާޓޯ ފިރްމީނޯގެ ބަދަލުގައި ޑިވޮކް އޮރީގީ އާއި އަލެކްސް އޮކްސްލޭޑް ޗެމްބަލެއިން ވަނީ ފުރަތަމަ އެގާރައިން ފުރުޞަތުދީފައެވެ.

ލިވަޕޫލްގެ އެންފީލްޑްގައި ބާންލީއާ ދެކޮޅަށް އެ ޓީމު ކުޅުނު މެޗުގެ ބޮޑުބައި ޑޮމިނޭޓްކޮށްފައިވާއިރު، ފުރަތަމަ ހާފުގައި ލިވަޕޫލަށް ލަނޑުޖެހުމަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ބެލްޖިއަމްގެ ފޯވާޑް އޮރިީގީ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ. އޭގެކުރީން، އެ ޓީމުގެ ސެނެގޯލް ފޯވާޑް ސަޑިއޯ މާނޭ އާއި ޒެރްދާން ޝަކީރީ އަށް ލިބުނު ފުރުޞަތުތަކުގެ ވެސް ބޭނުންހިފޭގޮތެއްނުވިއެވެ.

އޭގެނަތީޖާއެއްގެ ގޮތުން، ދެވަނަ ހާފުގެ ކުޅުން ފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ވަނީ ސަލާހާއި ފިރްމީނޯ ކުޅެން ނެރެފައެވެ. އެގޮތުން، ލިވަޕޫލަށް ލީޑްނަގައިދިނުމަށް ސަލާހު އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ހަމަލާ ބާންލީގެ ގޯލްކީޕަރު ނިކް ޕޯޕް މަތަކުރިއިރު، ސަލާހު ހުސްކޮށްލާފާ މާނޭ އަށް ދިން ބޯޅަ އޭނާ ފޮނުވާލުމުން ދިޔައީ ގޯލްގެ ހުރަސްދަނޑިމަތިންނެވެ. އޭގެފަހުން، ބާންލީގެ ޔޯހަން ގުޑްމުންޑްސަން އަށް އެ ޓީމަށް ލީޑްނަގައިދިނުމަށް ރަނގަޅު ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ.

ރޭގެ މެޗުން ބާންލީ މޮޅުވި ލަނޑު، 83 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އޭޝްލީ ބާންސް އެވެ. މިއީ ޕެނަލްޓީއޭރިޔާތެރެއިން ބާންލީގެ ފޯވާޑް ބާންސް އަށް ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މި މޮޅާއެކު ބާންލީ އޮތީ ކުޅުނު 18 މެޗުން ހޯދީ 19 ޕޮއިންޓާއެކު ލީގުގެ 16 ވަނައިގައެވެ.