އައްޑޫސިޓީ ގަންއިންޓަރނޭޝަނަލް އެއާޕޯޓަށް ސްރީލަންކަންގެ ދަތުރުތައް މިއަދު ފަށައިފިއެވެ. ހިތަހަމަޖެހުމާއި މުސްތަގުބަލަށް ކުރެވޭ ފިސާރި އުންމީދުތަކާ އެކުގައެވެ.
ކޮޅުނބުލް ގަމަށް މިއަދު އައި ފުރަމަ ބޯޓުން ލަންކާއަށް ފުރަން ގޮސްތިބި މީހުންގެ މޫނުމަތިން ފެންނަމުން ދިޔައީ އުންމީދީ ކުލަވަރެވެ. އެ ހުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ހަރަކާތްތެރި ވަމުންދިޔަ ސްރީލަންކަންގެ މުވައްޒަފުންގެ ކިބައިން ފެނުނީ ހިތްހެޔޮކަމެވެ. އެއްބާރުލުމެވެ. އައު މަންޒިލިގެ ދަތުރުވެރިން އުފާކޮށްދިނުމަށް އެމީހުން ވަރަށް މަސައްކަތްކުރިކަން ފާހަގަ ކުރެވުނެވެ.
މިއީ އުންމީދީ ފެށުމެކެވެ. އެއުންމީދުގައިވަނީ ދިރުމެވެ. މިއީ ރީތީ ފެށުމެކެވެ. މި އުންމީދުތަކަށް އިތުރު އާރޯކަމެއް ލިބުނީ މިއީ ފެށުމެއް ކަމަށް ވިދާޅުވެ ގަންއިންޓަރނޭޝަނަލް އެއާޕޯޓު ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ޖެނެރަލް މެނޭޖަރ އިބްތިޝާމާ އަހުމަދު ސައީދު ދެއްކެވި ވާހަކައަށް ފަހުގައެވެ. އޭނާ ވިދާޅުވީ އައްޑޫ ފަދަ ރީތި މަންޒިލަކަށް އިތުރު ފުލައިޓްތައް އަންނަޖެހޭ ކަމަށް ގަބޫލް ކުރައްވާ ކަމަށެވެ. އެހެކަމުން އިތުރު ފްލައިޓުތައް ގަމަށް ގެންނެވުމަށްޓަކައި މަސައްކަތް ކުރައްވާނެ ކަމަށެވެ. އޭނާ ވިދާޅުވީ މިއީ އައްޑޫ ރައްޔިތުންގެ ހުވަފެނެއް ހަގީގަތަކަށްވުމުގެ ފެށުން ކަމަށެވެ. “އިރާދަކުރެއްވިއްޔާ، ގަން އިންޓަނޭޝަނަލް އެއާޕޯޓު ވެގެންދާނީ އެމްމެގިނައިން ފްލައިޓު ޖައްސާ އެއްމަންޒިލަށް. އެކަން އެގޮތަށްވޭތޯ މަސައްކަތްކުރާނަން،” އިބްތިޝާމާ ވިދާޅުވިއެވެ. ޖީއެމްގެ މި ބަސްފުޅުން އުންމީދުވަނީ އެންމެ އުހަށް އަރައިފައެވެ.
ސްރީލަންކަންއެއާލައިންސްގެ ސީއީއޯ ކެޕްޓަން ސުރެން ރަތުވައްތަ ވިދާޅުވީ އައްޑޫގައި ވަރަށްގިނަ ފުރުސަތު އެބަހުރި ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެހެންކަމުން މުސްތަގުބަލުގައި ގަމަށް އަންނަ ފުލައިޓް އިތުރުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އޭނާ ވިދާޅުވީ އުންމީދު ކުރައްވަނީ އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއާޕޯޓަށް ސްރީލަންކަން ދަތުރުކުރާ ވަރަށް އައްޑޫއަށްވެސް ދަތުރު އިތުރުވެގެންދާނެ ކަމަށެވެ.
މި ބޭފުޅުންގެ އުންމީދީ ވާހަކަތަކުގެ ސަބަބުން މުސްތަގުބަލަށް އައްޑޫ ރައްޔިތުންނަށް ކުރެވޭ އުންމީދު ހައްތާވެސް ދަނީ ނިރުލާ ހެދެމުންނެވެ. އެހެންނަމަވެސް އައްޑޫގެ އިސް ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ހަމައެކަނި ފުލައިޓް ދަތުރުތަކުން ކުރިއެރުމެއް ނުލިބޭނެ ކަމަށެވެ. “ހަމަ ކަށަވަރުންވެސް މިއީ ފެށުމެއް. މި ފެށުމަށް ނިމުމެއް އައިސްގެންނުވާނެ. މި ފެށުމުގެ ނަތީޖާއަކަށް ވާންވާނީ އައްޑޫ ތަރައްގީވުން. ގަންއިންޓަރނޭޝަނަލް އެއާޕޯޓު ތަރައްގީވުން. މިކަންކަން ކުރެވޭނީ ގެސްޓް ހައުސްތަކުގެ ވިޔަފާރި އާންމުވެގެން. އައްޑޫގައި ބެޑް ކެޕެސިޓީ އިތުރުވެގެން. އިތުރު ވިޔަފާރިއަށް ފުރުސަތު ލިބިގެން. އެކަންކަން ސަރުކާރުން އެބަޖެހޭ ކޮށްދެއްވަން،” އައްޑޫ ސްކޫލެއްގެ ޕްރިންސިޕަލަކު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އަދުގެ އުފާވެރިކަން އާންމުވެގެންދާނީ އެގޮތަށް ކަންކަން ކުރެވިގެން ކަމަށެވެ.
ހިތަދޫ ދެކުނުދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަދި ހިތަދޫގެ ކުރީގެ ބޮޑު ކަތީބު ހަސަން ލަތީފު ވިދާޅުވީ މިއަދަކީ އުފާވެރި ދުވަހެއް ކަމަށެވެ. މިއަދަކީ އުންމީދުތައް ވަރަށް ދުރަށް ގެންގޮސްދިން ދުވަހެއް ކަމަށެވެ. ރަށުގައި ތބެފައި ސީދާ ކޮޅުނބަށް ދިޔުމަކީ ޚަރަދާއި އެހެނިހެން ގޮތްގޮތުން ބެއްޔަސް ވަރަށް ފަސޭހަ ވެގެންދިޔަ ކަމެއް ކަމަށެވެ. ދެން ކުރަންވީ ކަމަކީ މިދަތުރުތައް ފުޅާކޮށް ވަރުގަދަ ކުރުމެވެ. އިތުރު ދަތުރުތަކަށް މަގުފަހި ކުރުމެވެ.
އައްޑޫ ސިޓީގެ ޑެޕިޔުޓީ މޭޔަރ އަބްދުﷲ ތައްޔިބު ވިދާޅުވީ މިއަދަކީ އުންމީދީ ދުވަހެއް ކަމަށެވެ. އެހެންނަމަވެސް މި ފެށުމާއެކު އައްޑޫގެ ބެޑްކެޕެސިޓީ އިތުރުވާންޖެހޭ ކަމަށް އޭނާވެސް ވިދާޅުވިއެވެ. ގެސްޓްހައުސްގެ ވިޔަފާރި އާންމު ކުރެވެންޖެހޭ ކަމަށްވެސް ވިދާޅިވިއެވެ. ގެސްޓް ހައުސްގެ ވިޔަފާރިއަށް ވަންނަ މީހުންނަށް ފަސޭހައިން އެކަން ކުރެވޭނެގޮތްވެސް އޮންނަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. ތައްޔިބު ވިދާޅުވީ ރައްޔިތުން މިއަދު ކުރަންފެށި އެއުންމީދު ހަގީގަތަށްވާނީ މިހާރު ހިފެހެއްޓިފައިވާ އައްޑޫގެ އިގްތިސާދު ހުޅުވާލެވިގެން ކަމަށެވެ.
އައްޑޫސިޓީގެ މޭޔަރ އަބްދުﷲ ސާދިގު ވިދާޅުވެފައިވަނީ ގަން އިންޓަރނޭޝަނަލް އެއާޕޯޓަކީ އައްޑޫގެ ތަރައްގީކަމަށެވެ. އެތަން ތަރައްގީނުވާހާ ހިނދަކު އައްޑުއަށް ތަރައްގީއެއްނެތް ކަމަށެވެ.
ސޯބެ ވިދާޅުވީ މިއަދު އެންމެ ބޮޑު އުންމީދެއް ކުރާނީ އައްޑޫގެ ވިޔަފާރިވެރިންކަމަށެވެ. މިދަތުރުތައް ފެށުމުގެ ވާހަކަތައް ދެކެވެން ފެށުމާއެކު ވިޔާފާރިވެރިން ތައްޔާރުވާން ފެށިއެވެ. ސިޓީ ކައުންސިލާ ބައްދަލުކޮށް މަޝްވަރާ ކުރިއެވެ. ގަމާއި ކޮޅުނބާ ވައިގެ މަގުން ގުޅާލުމުން ވިޔަފާރީގެ ގޮތުން ލިބޭނެ ކުރިއެރުންތަކާ ބެހޭގޮތުން މަޝްވަރާ ކުރެވުނެވެ.
ގަމާއި ކޮޅުނބާ ދެމެދު ސީދާ ދަތުރުތައް ފެށުމަކީ އައްޑޫއަށް އިތުރު ވިޔާފާރި އައުމަށް ހުޅުވާލެވުނު ވަރަށް ވަރުގަދަ ދޮރާއްޓެއް ކަމަށް މޭޔަރ ވީދާޅުވިއެވެ. އަލަށް ތައާރަފް ކުރެވިދާނެ ވިޔަފާރިތަކުގެ ތެރޭގައި، މަލުގެ ވިޔަފާރި، ސްވެނިއާ ޝޮޕް، އަދިވެސް އިތުރު ވިޔަފާރިތައް އެބަހުރި ކަމަށް ސޯބެ ވިދާޅުވިއެވެ.
ސޯބެ ވިދާޅުވީ މިދަތުރުތަކުގެ ސަބަބުން ސައިހޮޓާ ރެސްޓޯރެންޓް ފަދަ ވިޔާފާރިކުރާ މީހުން އެތަންތަނަށް ބޭނުންވާ ތަރުކާރީއާއި އެހެނިގެން ސާމާނުވެސް ލަންކާއިން ގެނައުމަށް ރާވާފައިވާ ކަމަށެވެ. މިހާރު މިއޮތީ ދަތުރުތައް ފެށިފައެވެ. ދެންވީ ތަރައްގީގެ އެކިގިޔަރުތަކުގައި އަތްލާށެވެ. މި ކަންކުރުމަށް އައްޑޫސިޓީ ކައުންސިލުން އޮތީ ސަރުކާރަށް އެއްބާރުލެއްވުން ދެއްވާށެވެ. ރައްޔިތުންތިބީ ތަރައްގީއަށްޓަކައި ފެންބޮވައިގެންފައެވެ.
ސްރީލަންކަން އެއާލައިންސުން ގަމަށްއައި ފުރަތަމަ ބޯޓު ގަމުގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރަށް ތިރިކުރީ މިއަދު ހެނުނު 8.10 ގައެވެ. އެ ބޯޓުން ދިވެހީންނާއި ފަތުރުވެރިންވެސް ގަމަށް އައެވެ. އެ ބޯޓު ގަމުން ފުރީ 132 ފަސިންޖަރުން ގޮވައިގެންނެވެ. އޭގެ ތެރެއިން 16 މީހަކު ދަތުރުކުރީ ބިޒްނަސް ކްލާހުގައެވެ. ލަންކާއިން ގަމަށް އާދެވެނީ ގާތްގަޑަކަށް ދެގަޑި ފަސް މިނިޓުންނެވެ.
މިދަތުރުތަކީ އައްޑޫސިޓީއާއި ދެކުނުގެ އަތޮޅުތަކަށް ލިބިގެންދިޔަ ލުއިފަސޭހަ ކަމެކެވެ. މީގެ ސަބަބުން މާލެއަށް ދިޔުމަށް ކުރަންޖެހޭ ޚަރަދު ސަލާމަތްވީއެވެ. މީގެ ކުރިން ބޭރަށްދާންވީމާ މާލެ ނުގޮސް އެކަން ފުއްދާލެވޭނެ ގޮތެއް ނޯވެއެވެ.
ގަމާއި ކޮޅުނބާ ދެމެދު ހަފްތާއަކު ހަތަރު ދަތުރު ކުރާނެއެވެ. އެއީ ހުކުރު، ހޮނިހިރު، ހޯމަ، ބުރާސްފަތި މި ދުވަސްތަކެވެ. މި އެއާލައިނަކީ ދުނިޔޭ 47 ގައުމެއްގެ 102 މަންޒިލަށް ދަތުރުކުރާ މަޝްހޫރު އެއާލައިނެކެވެ.