English Edition
Dhivehi Edition

މިއަހަރުގެ ރަމަޟާން މަހާ ދިމާކޮށް އަލިފާނުގެ ހާދިސާތަކުން އާންމު ރައްޔިތުން ހޭލުންތެރިކުރުމަށް، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސާރވިސްއިން “ފަޔަރ ޕްރިވެންޝަން ވީކް 2019” ގެ ނަމުގައި މިއަދު ހަވީރު ޕްރޮގްރާމެއް ފަށާގޮތަށް ހަމަޖައްސައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވާ ގޮތުގައި މިއީ ހަތް ދުވަހުގެ މުއްދަތަށް މާލޭސިޓީގެ އިތުރުން އެމްއެންޑީއެފް އޭރިއާތަކުގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. އަދި އެ އިދާރާއިން ވިދާޅުވީ މި އީ ބަރަކާތްތެރި ރަމަޟާން މަހުގައި، ގޭބިސީތަކުން އާންމުން ބަދިގޭގައި ހޭދަކުރާ ވަގުތު އިތުރުވާ މަހެއްގެ ގޮތުގައި ފާހަގަވެފައިވާތީ، ބަދިގޭގައި ހިނގާފާނެ އަލިފާނުގެ ހާދިސާތަކުން ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން އާންމު ރައްޔިތުން ހޭލުންތެރިކުރުވުމުގެ މަޤްޞަދުގައި، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހިންގާ ޕްރޮގްރާމެކެވެ.

އެމްއެންޑީއެފް އިން އިތުރަށް ވިދާޅުވީ މިއީ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާ އަލިފާނުގެ ހާދިސާތައް މަދުކުރުމަށް އާންމު ރައްޔިތުންނާއި ވީހާވެސް ގާތުން ހޭލުންތެރިކުރުމުގެ ގޮތުން މަޢުލޫމާތު ފޯރުކޮށްދިނުމަކީ ވެސް މި ޕްރޮގްރާމްގެ މަޤްޞަދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މާލޭސިޓީ ކައުންސިލްގެ އެހީތެރިކަމާއެކު، މާލޭ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ މިއަހަރުގެ “ފަޔަރ ޕްރިވެންޝަން ވީކް” ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ، މާލޭގެ އިތުރުން ވިލިމާލެ އަދި ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައެވެ. އަދި، އެމްއެންޑީއެފް އޭރިއާތައް ހިމެނޭ ރަށު ކައުންސިލްތަކާ ގުޅިގެން މިއަދުން ފެށިގެން އަންނަ މެއި މަހުގެ 4 ވަނަ ދުވަހާ ހަމައަށް އެމްއެންޑީއެފް އޭރިއާތަކުގައި ވެސް މި ޕްރޮގްރާމް ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.