ޅ. އަތޮޅު ދިއްދޫ ނަމަކަށް ކިޔާ ފަޅުރަށަކުން ފެނުނު 5 ފޫޓުގެ ކިނބުލެއް، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި ކިނބޫ ފެނިފައިވަނީ މިއަދު ހެނދުނު 07:00 ހާއިރު، ޑިންގީއެއްގައި އެ ރަށަށް ދިޔަ ބަޔަކަށެވެ. އެމީހުން ވަނީ ހުޝިޔާރުކަމާއެކު އެ ކިނބޫ ހިފައި، ޅ. ނައިފަރަށް ގެންގޮސްފައެވެ.
މި ހާދިސާގެ މައުލޫމާތު ލިބުމާ ގުޅިގެން، ޅ. ނައިފަރު ޕޮލިސް ސްޓޭޝަން މެދުވެރިކޮށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއަށް މިއަދު 10:51 ހާއިރު އެ މައުލޫމާތު ވަނީ ލިބިފައެވެ. އެއާއެކު ސިފައިން ނައިފަރަށް ގޮސް އެ ކިނބުލާ ހަވާލުވެ، މިހާރު ވަނީ ރައްކާތެރިކަމާއެކު ޅ. މާފިލާފުއްޓަށް ގެންގޮސްފައެވެ.