English Edition
Dhivehi Edition

ސްރީލަންކާގެ ހާލަތު ހަމައަކަށް އެޅުވުމަށްޓަކައި އަޅާ ފިޔަވަޅުތަކުގެ ދަށުން ލަންކާގެ ކޮންމެ ގެއެއްވެސް ބަލައި ފާސްކުރާނެ ކަމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހު އެގައުމުގައި ދިން ހަމަލާތަކާ ގުޅޭގޮތުން އެގައުމުގެ ރައީސް ވިދާޅުވީ ހަމަލާގެ މައުލޫމާތު އިންޓެލިޖެންސަށް ލިބިފައިވީނަމަވެސް އެކަމާ ފިޔަވަޅެއްނާޅާ އޮތުމުން، ލަންކާގެ ސަލާމަތީ ބާރުތައް ފެއިލްވެފައިވާ ކަމަށެވެ. މި ހަމަލާއާއި ގުޅިގެން ލަންކާގެ ޑިފެންސް ސެކްރެޓަރީ މިހާރު މަގާމުން ދުރުކޮށްފައިވާއިރު މި ހަމަލާގެ ކުރިން ހަމަލާ އާއި ގުޅުން ހުރި މީހުންގެ ނަމާއި އެޑްރެސް އަދި ފޯނު ނަންބަރަށް ދާންދެން ސިފައިންގެ މެމޯއެއްގައި ލިޔެފައިވާކަމަށް ރައީސްވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ލަންކާގެ ހުރިހާ ގެއެއް ފާސްކޮށް ގޭތަކުގައި ދިރިއުޅޭ މީހުންގެ ލިސްޓެއް ނަގާނެކަމަށާއި ގޭގޭގައު ގޮތް ނޭގޭ އެއްވެސް ބަޔަކު ދިރިނޫޅޭކަން ޔަގީންކުރާނެކަމަށެވެ. އަދި މި ހަމަލާ އަންނާނެކަން އެނގިތިބެ އެކަން ހުއްޓުވުމުގެ ޒިންމާ އުފުލަންޖެހޭ ފަރާތްތަކުން އެ ޒިންމާ އުފުލާފައި ނުވާތީ، އެ ފަރާތްތަކާމެދުވެސް ފިޔަވަޅު އަޅުއްވާނެކަަމަށް ސިރިސޭނާ ވިދާޅުވިއެވެ.

ސިރިސޭނާ ވިދާޅުވީ އައިއެސްއާ ގުޅުން އޮންނަ ކަމަށް ބެލެވޭ 140 މީހުން ލަންކާގައި އުޅޭކަމުގެ މައުލޫމާތު ލިބިފައިވާކަމަށާއި ހަމަލާ ދިން މީހުންނާ ގުޅުން ހުރި ކަމަށް ބެލެވޭ 75 މީހުން މިހާރު ހައްޔަރުކޮށްފައިވާކަމަށެވެ.