English Edition
Dhivehi Edition
ސްރީ ލަންކާގައި ހިންގަމުން އަންނަ މުޒާހަރާއެއްގެ ތެރެއިން/ފޮޓޯ އަލްޖަޒީރާ

ސްރީލަންކާގެ ސަރުކާރާ ދެކޮޅަށް އެ ގައުމުގައި މިހާރު ކުރިއަށް ގެންދާ މުޒާހަރާތަކުގައި ބޮޑެތި ހަމަނުޖެހުންތައް ހިނގަމުންދާތީ އެގައުމުގައި ދިރިއުޅޭ ދިވެހިން އިތުރަށް ސަމާލުވުމަށް ދިވެހި ސަރުކާރުން އިލްތިމާސްކޮށްފިއެވެ.

ސްރީ ލަންކާގައި ހުންނަ ދިވެހި ރާއްޖޭގެ ހައި ކޮމިޝަނުން މިއަދު ވަނީ ލަންކާގެ އިގުތިސޯދީ ހާލަތު ދަށަށް ގޮސް، ތަކެތީގެ އަގު އުފުލި ތަކެތި ލިބުމުގައި ހުރި ދަތިތަކާ ގުޅިގެން އެގައުމުގެ ރައްޔިތުން ކުރަމުން އަންނަ މުޒާހަރާތަކާއި އެއްވުންތަކުގައި ބައެއް ފަހަރު ހަމަނުޖެހުން ހިނގަން މެދުވެރިވެ މީހުންނަށް އަނިޔާވަމުން ދާތީ، އެފަދަ މުޒާހަރާތަކަށް ސަމާލުވެ ބޭރަށް ނުކުންނަ އިރު ޕާސްޕޯޓު ހިފައިގެން ނުކުތުމަށް ދިވެހިންނަށް އިލްތިމާސް ކޮށްފައެވެ.

ހައި ކޮމިޝަނުން ވަނީ އެމަޖެންސީ ހާލަތެއް މެދުވެރި ވެއްޖެނަމަ އެ ކޮމިޝަންގެ ހޮޓްލައިން ނަމްބަރު، 0768816666 ގުޅުމަށް އެދިފައެވެ.

ލަންކާގައި ކުރަމުންދާ މުޒާހަރާތައް ހޫނުވެ، މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ފުލުހުން އަންނަނީ ބާރުގެ ބޭނުން ކުރަމުންނެވެ. އެގޮތުން ތެލުގެ އަގު ބޮޑުކުރުމާގުޅިގެން ކަމަށްބުނެ އިއްޔެ ރަމްބުކަނާގައި ކުރިއަށްގެންދިޔަ މުޒާހަރާ ކޮންޓްރޯލުކުރުމަށް ފުލުހުން ދިން ބަޑީގެ ހަމަލާއާ ގުޅިގެން އެކަކު މަރުވެ، 10 މީހަކަށް ވަނީ އަނިޔާވެފައެވެ.

ރާއްޖެއާއި އެންމެ އަވަށްޓެރި ސްރީ ލަންކާއަކީ ރާއްޖޭގެ 20،000 އާ ގާތްކުރާ އަދަދަކަށްތަފާތު އެކި އެކި ބޭނުންތަކުގައި ދިވެހިން ދިރި އުޅެމުން އަންނަ ޤައުމެކެވެ. ފަހަކަށް އައިސް ކޮވިޑް 19 އާއި ގުޅިގެންނާއި އަދި ލަންކާގެ އިގްތިސާދު އިނދަޖެހި، ތަކެތީގެ އަގުތައް އިންތިހާއަށް މައްޗަށް ގޮސް ތެލަށް ޖެހުމާ ގުޅިގެން ހިންގަމުންދާ ހަމަނުޖެހުންތަކާހެދި ބައެއް ދިވެހި އާއިލާތަކުން ވަނީ އެނބުރި ޤައުމަށް ހިޖުރަވެސް ކޮށްފައެވެ.