ދިވެހި ރާއްޖެއަށް އެންމެ ފުރަތަމަ ޒިޔާރަތް ކުރާ މީހަކަށް ފެނިގެންދާނީ ކަނޑުގެ މެދުން ގަތާލެވިފައިވާ މުރަކައިގެ ރީތި ޖަޒީރާ ރަށް ތަކެކެވެ. ރާއްޖޭގެ ހުދު ފަސްގަނޑުގައި ބީހިލުމާއެކު ފައިގައި ބޮސްދެމުންދާނީ ބޯކިރުކޮޅެއްފަދަ ހުދު އަތިރިމަތީގެ ހުދު ދޮންވެއްޔާއި ނޫފަޅުތަކާއި ރީތި މޫދާއި އެމޫދުގެ ސާފު ލޮނުގަނޑެވެ. އެއަށްވުރެ އިތުރަށް ރާއްޖޭގެ ރީތިކަން ދެކިލަން ބޭނުންވާ ނަމަ ރިތިމުރަކައިގެ ތެރެއަށް ފީނުމުން އެ އަގުބޮޑު ޚަޒާނާ ފެނިގެންދާނެއެވެ. އެކިކުލަކުލައިގެ މަސްތަކާއި މުރަކައިގެ ބަގީޗާތަކެވެ. ކަނޑުގެ ދިރުންތަކެވެ. ރާއްޖެއަކީ ދުނިޔެ މަތީގެ ސުވަރުގެ ކަމަށް ބޭރުގެ ފަތުރުވެރިން ބުނާ ސަބަބަކީ މިއީއެވެ.
ފަތުރުވެރިކަމަށް ބަރޯސާ ވެފައިވާ މި ރީތި ރާއްޖޭގެ ގުދުރަތީ ރީތިކަން މިއަދު މިވަނީ ނާޒުކު ފައްތަރެއްގައެވެ. މޫދުގައިވާ މުރަކަތަކުގެ ދިރުންތައް މަރުވަމުންދާ މައްސަލައަކީ ރާއްޖޭގެ އެންމެން ކަންބޮޑުވާ މައްސަލައެކެވެ. ރީތި ގޮނޑުދޮށްތައް ގިރި އަތިރިމަތީގެ ރީތިކަން ގެއްލެމުންދާ ކަމީ ގައުމީ މައްސަލައަކަށް ވަނީ ވެފައެވެ. މޫދުގެ ލޮނުގަނޑު އުފުލި ރާއްޖޭގެ ތިރި ޖަޒީރާ ރަށްތައް ކަނޑުގެ އަޑިއަށް ގެއްލިދާނެ ކަމާމެދު ބައިނަލް އަގުވާމީ ފޯރަމް ތަކުގައި ދަނީ ބަހުސް ކުރެވެމުންނެވެ.
ރާއްޖޭގެ ފެންފަށަލައިގައިވާ މީރުފެންފޮދު ހުސްވެ ލޮނުފެނަށް ބަދަލުވަމުންދާ ދިއުމަކީ މީގެ ބިރުވެރި އިންޒާރެކެވެ. އުދަ އެރުމާއި ރަށް ގިރުމާއި ވިއްސާރަވެ ފެންބޮޑުވުން ފަދަ ކަންކަން ފަހަކަށް އައިސް ދިވެހިން މިވަނީ ތަޖުރިބާކުރަން ޖެހިފައެވެ. 2004 ވަނަ އަހަރު ތަޖުރިބާކުރި ސުނާމީގައި އެންމެ ބޮޑު އެއް ގެއްލުމެއް ލިބިގެން ދިޔައީ ބިންތިރި ޖަޒީރާ ރަށްތަކަށް ކަން ދިރާސާތަކުން ފެންނާން އެބައޮތެވެ. މީގެ ތެރޭގައި ރާއްޖޭގެ ރަށްތަކުގެ ނަން ބޮޑު އަކުރުން ފަވާލެވިފައި އޮންނާނެއެވެ.
ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުން ޖައްވަށް ދޫކުރާ ވިހަގޭހުގެ ސަބަބުން ދުނިޔެ މިދަނީއެއްދުވަހުން އަނެއްދުވަހަށް ހޫނުވަމުންނެވެ. ދުނިޔޭގެ ދެތަނޑީގައިވާ ގަނޑުފެންތައް ވިރި ކަނޑުގެ ލޮނުގަނޑު ދަނީ އުފުލެމުންނެވެ.
1950 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު 1.7 މިލިލީޓަރަށް ކަނޑުގެ ލޮނުގަނޑު ދަނީ އުފުލެމުންނެވެ. މި ރޭޓުން ގޮސް 1 މީޓަރަށް ކަނޑުގެ ލޮނުގަނޑު އުފުލި އަދި މިކަމަށް ހައްލެއް ހޯދައިނުގަނެވިއްޖެނަމަ 2085 ވަނަ އަހަރާއި ގާތްކުރާއިރު ދުނިޔޭގެ ޗާޓުން ރާއްޖޭގެ މި ރީތި ރަށްތައް ގެއްލި ނިމިދިއުމަކީ ދުރުގައިވާ ކަމެއް ނޫނެވެ.
މި މައްސަލައަށް ދުނިޔޭގެ އެންމެ ބޮޑު ސަމާލުކަން ލިބިގެން ދިޔައީ 2009 ވަނަ އަހަރު ޔޫއެންގައި ބޭއްވި ކޯޕަންހޭގަން ގައި ބޭއްވި ޔޫއެން ކްލައިމެޓް ކޮންފަރެންސްގައި އޭރުގެ ރައީސް ނަޝިދު ދެއްވި ތަގުރީރާއެކުގައެވެ. ހަމައެއާއެކު ދުނިޔޭގެ ސަމާލުކަން މި މައްސަލައަށް ހޯދުމަށް ކަނޑުއަޑީގައި ބޭއްވި ކެބިނެޓް މީޓިން އަކީވެސް މީގެ ތެރެއިން ސިލްސިލާ ބޮޅެކެވެ. މިއާއެކު ރާއްޖޭގައި ފެށި ކާބަން ނިއުޓްރަލް ޕްރޮގްރާމަކީވެސް މި މައްސަލައަށް ހައްލެއް ހޯދުމުގެ ބޭނުމުގައި ފެށި މަސައްކަތެކެވެ.
ފަތުރުވެރިކަމާއި މަސްވެރިކަމުގެ މައްޗަށް ބަރޯސާވެފައިވާ މި ރާއްޖޭއަށް ދިމާވެފައިވާ ގުދުރަތީ ބޮޑެތި މައްސަލަތަކަށް އަވަސް ހައްލު ބޭނުމެވެ. މި ކަމަކީ ސިޔާސީ ލީޑަރުންގެ ކޯޅުންތަކުގެ ތެރެއިން ކޯޅުންގަނޑަކަށް ނަހަދައި އަމިއްލަ ގައުމުގެ ސަލާމަތަށްޓަކައި މަސައްކަތް ކުރުމަކީ ކޮންމެ ފަރުދެއްގެ ޒިންމާއެކެވެ. ގޮނޑުދޮށުން ވެލި ނެގުމާއި ފަރުތަކަށް ގެއްލުން ލިބޭފަދަ އަމަލުތަކުން އަހަރެމެން ރައްކާތެރިވާން އެބަޖެހެއެވެ. ފަރުދީ އަދި ގައުމީ ފެންވަރުގައި މިކަމަށް ހައްލެއް ހޯދަން ޖެހޭމެއެވެ.