English Edition
Dhivehi Edition

އުތުރު އެފްރިކާގެ ހިސާބެއްގައި އޮންނަ މޮރޮކޯގެ މިނިމަމް ވޭޖް 10 އިންސައްތަ މަތިކުރަން އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ. މިގޮތަށް އެ ގައުމުގެ ސަރުކާރުން ނިންމީ މަސައްކަތްތެރިންގެ ހައްގުގައި އެގައުމުގައި ކުރަމުންދާ މުޒާހަރާތަކާއި ގުޅިގެންނެވެ.

މޮރަކޯގެ މިނިމަމް ވޭޖަކީ މިހާރު މަހަކު 2570.86 ދިރުހަމެވެ. މިއީ 266 އެމެރިކާ ޑޮލަރެވެ. މިއީ ޕަބްލިކް ސެކްޓަރ ގައި މަސައްކަތް ކުރާ މީހުންނަށް ދޭ މުސާރައިގެ އެންމެ ދަށް މިންވަރެވެ.

ސަރުކާރުން ބޮޑުކުރި މިނިމަމް ވޭޖުގެ އަދަދަށް އަމަލުކުރަން ފަށަން ހަމަޖެހިފައިވަނީ ޖުލައި މަހުން ފެށިގެންނެވެ. އެގައުމުގެ ސަރުކާރުން ބުނެފައިވަނީ މި ބަދަލު ގެންނަން ނިންމީ ރައްޔިތުންގެ ތަނަވަސްކަން އިތުރުކޮށް ގައުމުގެ މަސްލަހަތު ރައްކާތެރި ކުރުމަށްޓަކައި ކަމަށެވެ.

ސަރުކާރުން އެގައުމުގެ މިނިމަމް ވޭޖް އިތުރުކުރުމަށް ނިންމައިފައިވަނީ މަސައްކަތްތެރިންގެ ގިނަ ޖަމުއިއްޔާތަކަކުން އެކަމަށް ޑިމާންޑުކޮށް އަދި ޓީޗަރުން މުޒާހަރާތަކުގައި ބައިވެރިވެ އެކަމުގެ ގެއްލުން ތައުލީމީ ދާއިރާއަށް ކުރަން ފަށައިފައި ވަނިކޮށެވެ.