English Edition
Dhivehi Edition

އިންޑިއާގެ އާގަރާގައި ބިނާކޮށްފައިވާ މަޝްހޫރު ތާޖުމަހަލްގެ ފުރިހަމަ ކަމުން މުޅި އިންސާނިއްޔަތު އާޝޯޚު ކޮށްފިއެވެ. އެތަނާ ގުޅުވައިގެން ޒަމާނުއްސުރެ ދައްކަމުން ގެންދާ ލޯބީގެ މަތިވެރި ވާހަކައިގެ ސަބަބުން އެތަނުގެ ހައިބަތު ވަނީ އިތުރުވެފައެވެ.

މިހާތަނަށް އަޅުގަނޑުމެން އަޑުއަހަމުން އައިސްފައިވަނީ މިއީ އިންޑިއާގެ މަޝްހޫރު ރަސްކަލެއް ކަމަށްވި ޝާހު ޖަހާން އޭނާގެ ލޯބިވާ އަނބިކަނބަލުން މުމްތާޒުގެ ލޯބީގެ ރަމްޒެއްގެ ގޮތުގައި ބިނާކުރެއްވި ލޯބީގެ ގަނޑުވަރެއްގެ ގޮތުގައެވެ.

ދުނިޔޭގެ އެންމެންގެ ހިތާއި ސިކުނޑިއާ ކުޅެލާފައިވާ މި އިމާރާތް ބިނާކޮށްފައިވަނީ 17 ވަނަ ގަރުނުގައި ކަމަށްވެއެވެ. ބުނެވޭ ގޮތުގައި މުމްތާޒު ވަނީ އޭނާގެ ފިރިކަލުން ޝާހު ޖަހާންގެ އަރިހުން، ޚާއްސަ ކަމަކަށް އެދިވަޑައިގެންފައެވެ. އެއީ އޭނާ މި ފަނާކުރުވަނިވި ދުނިޔެއާ ވަކިވުމަށްފަހު އޭނާގެ މަގުބަރާއަކީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ނުވާފަދަ ރީތި ތަނަކަށް ހައްދަވައިދެއްވުން ކަމަށްވެއެވެ.

tajmahal

އެންމެފަހުން ތާރީޚީ މިބިނާ ވުޖޫދު ކުރެވިއްޖެއެވެ. މިއިމާރާތް ކުރުމަށް ދެހާސް މީހުން ބޭނުންކޮށްފައިވާ ކަމަށްވެއެވެ. އޭގެ ތެރޭގައި އެޒަމާނުގައި ދުނިޔޭގައިތިބި އެންމެ މޮޅެތި ކުރެހުންތެރިން ހިމެނެއެވެ. އަތްތެރި މަސައްކަތްތަކަށް ކުޅަދާނަ މީހުން ހިމެނެއެވެ. އިމާރާތް ޒީނަތްތެރި ކޮށްފައިވަނީ ހުދު ސަންގުމަރުމަރު ހިލަތަކާއި އިމާރާތް ކުރުމަށް ބޭނުން ކުރާ އެހެނިހެން ތަކެތި ބޭނުންކޮށްގެން އެޒަމާނުގެ އެންމެ މަތީ ދަރަޖައިގައެވެ.

ތާޖުމަހަލް ބިނާކޮށް ނިމިއްޖެއެވެ. އެތަނުގެ މަޝްހޫރު ކަމާއި ރީކަމުން މީހުން އަޖައިބު ކުރުވައިފިއެވެ. އެހެންނަމަވެސް އެތަން ބިނާ ކުރުމުގެ މަސައްކަތުގައި ބައިވެރިވި މީހުންގެ ބަދުނަސީބުވެރި ކަމުގެ ބޮޑުކަމާއެވެ. އިމާރާތުގެ މަސައްކަތް ފުރިހަމަކޮށް ނިމުމުން އެ މީހުންގެ އަތްތައް ހަށިގަނޑާ ވަކިކޮށްލިއެވެ. ދޫތައް ބުރި ކޮށްލިއެވެ. އެފަދަ ދެވަނަ އިމާރާތެއް ދުނިޔޭގެ މި ބިންމަތީގައި ބިނާކުރުމުގެ ފުރުސަތު ނުދިނުމަށެވެ.

p1000607

ދެހާސް މީހުންގެ މަސައްކަތުން ރީތި މި އިމާރާތް ނުވަތަ ގަނޑުވަރު ނިންމައި އަތުން ދޫކޮށްލިއެވެ. އޭރު ބަލާ ލޯތަކަށް އެތަން ފެންނަމުން ދިޔައީ ވިދާ ބަބުޅާ ހުދު ޖަވާހިރެއް ފަދައިންނެވެ. އެ ހިނދު އެތަނަށް ތައުރީފު ކުރުމުގައި ދޫތައް ހަރަކާތްވާން ފެށިއެވެ. ރީތިކަމާއި ފުރިހަމަ ކަމުގެ ވާހަކައިންނެވެ.
އެތައް ޒަމާނެއްވެގެން ދިޔައިރުވެސް ތާޖުމަހަލްއަށް އޮންނަ ގަދަރެއް ކުޑައެއް ނުވެއެވެ. އެތަން ހަދާފައިވާ ގޮތެއް ކަމާބެހޭ މިޒަމާނުގެ މާހިރުންނަށް އަދިއަދަށްވެސް ދެނެގަނެވިފައެއް ނުވެއެވެ. މިކަން މިހެން އޮއްވައި އަނެއްކާ ތާޖު މަހަލްއާ ބެހޭ އާވާހަކަތަކެއް ދައްކަން ފަށައިފިއެވެ.

މިވާހަކަ ދައްކަން ފެށީ އާދައިގެ ބޭފުޅެއް ނޫނެވެ. މަޝްހޫރު ޕްރޮފެސަރެކެވެ. ދުނިޔޭގެ މަޝްހޫރު ޕްރޮފެސަރ ޕީ.އެން.އޯކް އެވެ. ތާޖުމަހަލްއާ ބެހޭ ގޮތުން ދެކެވެމުން އައިވާހަކަ އޭނާވަނީ އެކޮޅުކޮޅުން ޖައްސަވައިފައެވެ. އޭނާ ގަބޫލު ކުރައްވާ ގޮތުގައި ތާޖު މަހަލްއާ ބެހޭގޮތުން މިހާތަނަށް މޮޅެތި ވާހަކަ ދައްކައި، އެވާހަކަ ތަކުގެ ސަބަބުން މުޅި ދުނިޔެވަނީ މޮޔަ ހައްދައިފައެވެ.

techradarcom

ޕްރޮފެސަރ ލިޔުއްވާފައިވާ ފޮތެއް ކަމުގައިވާ، ތާޖް މަހަލް: ދަ ޓްރޫ ސްޓޯރީ (ތާޖު މަހަލް: ހަގީގީ ވާހަކަ) ގައި ހާމަކޮށްފައިވާ ގޮތުގައި ތާޖް މަހަލް އަކީ ރާނީ މުމްތާޒަށް ޓަކައި އިމާރާތް ކުރެއްވި ގަނޑުވަރެއް ނޫނެވެ. އެއީ މާކުރީ ޒަމާނެއްގައި އިންޑިއާ މީހުން އަޅުކަން ކުރަން ހަދާފައިހުރި ފައްޅިއެއް ކަމަށް އޭނާ ލިޔުއްވާފައިވެއެވެ. އެތަނަކީ ހިންދޫން އެމީހުންގެ ކަލާނގެއެއް ކަމުގައި ގަބޫލުކުރާ ޝިވް ބުދު، އެޒަމާނުގެ ނަމުން ނަމަ “ތެޖޯ މަހަލަޔާ” ބަހަށްޓާފައި ހުރި ފައްޅިއެވެ.

ޕްރޮފެސަރ ކުރެއްވި ދިރާސާއިން އެނގިފައިވާ ގޮތުގައި، ޝާހުޖަހާން ވަނީ އިސްވެ ބުނެވުނު ޝިވް ފައްޅި، އޭނާގެ ބާރުގެ ދަށަށް ގެންނަވާފައެވެ. އެކަން އޭނާ ކުރެއްވީ އިންޑިއާގެ ޖެއިޕޫރުގައި އެދުވަސްވަރު ވެރިކަން ކުރައްވަމުން ވަޑައިގެންނެވި، މަހާރާޖާއާ ދެކޮޅަށް ހިންގެވި ކުރިމަތިލުން ތަކަށްފަހުގައެވެ.

ޖެއިސިންގުގެ އަތްޕުޅުން، ޝާހުޖަހާން މި ތަން އަތުލެއްވީ މުމްތާޒުގެ މަގުބަރާ ހެއްދެވުމަށް ކަމަށް، އިންޑިއާގެ ބައެއް ފަނޑިޔާރުގެ ލިޔުންތަކުން އެނގެންއެނަހުރި ކަމަށް ޕްރޮފެސަރ ވިދާޅުވެފައިވެއެވެ.

މިހާ ހިސާބުން ޕްރޮފެސްރ އޭނާގެ ދިރާސާ، އައު ހިތްވަރަކާއެކު ކުރައްވަން ފެއްޓެވިއެވެ. ފުރަތަމަ ކަމެއްގެ ގޮތުގައި އޭނާ ބެއްލެވީ ތާޖު މަހަލް މި ނަން އައިސްފައިވާ ގޮތެވެ.

taj-crowd

ޕްރޮފެސަރ ވިދާޅުވެފައިވާ ގޮތުގައި މަހަލް ނުވަތަ މެހެލް އަކީ އަފްޣާނިސްތާނުން ފެށިގެން އަލްޖީރިއާއާ ހަމައަށް މުސްލިމު އެއްވެސް ގައުމަކުން، އިމާރާތަކަށް ދީފައިވާ ނަމެއްނޫން ކަމަށެވެ. “ތާޖު މަހަލް” މި ނަން ގެނެވިފައިވަނީ މުމްތާޒުގެ ނަމުން ކަމަށް ބުނާ ބުނުމަށްވެސް ޕްރޮފެސަރ ދެކޮޅު ހައްދަވައެވެ. އޭނާ ވިދާޅުވެފައިވަނީ ބުއްދި ގަބޫލުކުރާ އެއްވެސް ހަޤީޤަތެއް އެކަމުގައި ނުވާކަމަށެވެ. އެ ކަމަށް ދެ ސަބަބެއްވެސް ޕްރޮފެސަރ ދައްކަވާފައިވެއެވެ.

ފުރަތަމަ ސަބަބެއް ކަމަށް ޕްރޮފެސަރ ވިދާޅުވެފައިވަނީ ރާނީގެ ނަމަކީ މުމްތާޒު މަހަލް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެކަމަނާގެ ނަމަކީ “މުމްތާޒުލް ޒަމާނީ” ކަމަށް އޭނާ ވިދާޅުވެއެވެ. ދެވަނަ ސަބަބަކަށް ޕްރޮފެސަރ ވިދާޅުވެފައިވަނީ ޝާހީ އާއިލާއެއްގެ އެއްވެސް ކަނބަލަކަށް ކިޔުއްވާފައިވާ ނަމަކުން، ފުރަތަމަ ތިން އަކުރު ކަނޑާލާފައި ބާކީ ހުރި އަކުރުތައް ބޭނުން ކޮށްގެން ތަނަކަށް ނަމެއް ނުދެވޭނެ ކަމަށެވެ. އެއީ ބުއްދި ގަބޫލުކުރާ ހަމައެއް ނޫން ކަމަށްވެސް ޕްރޮފެސަރ ފަތުވާ ދެއްވައެވެ. މި ދެސަބަބު މިހެން އޮތުމުން ޕްރޮފެސަރ ގަބޫލު ކުރައްވާ ގޮތުގައި “ތާޖް މަހަލް” މިނަން އައިސްފައިވަނީ “ތެޖޯ މަހަލަޔާ” ގެ ނަމުންނެވެ.

ޕްރޮފެސަރުގެ މިފަތުވާގެ ސަބަބުން ތާޖް މަހަލްގެ ތާރީޚާމެދު މިއޮތީ ސުވާލުތަކެއް އުފެދިފައެވެ. ގަބޫލު ކުރަންވީ ޒަމާނުއްސުރެ އެތަނާމެދު ގަބޫލު ކުރަމުން އައި ގޮތްހެއްޔެވެ؟ ނުވަތަ މިޒަމާނުގެ ޕްރޮފެސަރަކު ވިދާޅުވެފައިވާ މި ބަސްތަކަށް ހެއްޔެވެ؟