English Edition
Dhivehi Edition

ރީތިވުމަށް ބޭނުންކުރާ ގުދުރަތީ މާއްދާތައް މީހުން އެ ބޭނުން ކުރުމުގެ ކުރިންވެސް ދެނިޔޭގައި ވަނީ ލައްވާފައެވެ. އެޒަމާނުގައި ފެންގަޑު ކައިރިއަށް އައުމުން ނޫންގޮތަކަށް އެމީހެއްގެ މޫނެއް އެމީހަކަށް ނުފެނެއެވެ. ފެންގަނޑު ކައިރައަށް ގޮސް އުޅުމުގެ ތެރޭ މީހުން މޫނުގައި ކަޅު ލައްތައް ހުރިކަން އިހްސާސް ވުމުން ރީތިވުމަށް މޭކަޕް ބޭނުންވާކަން އެނގުނެވެ. މިހިސާބުން ފެށިގެން ރީތިވުމަށް ތަފާތު ގުތުރަތީ މާއްދާތައް ބޭނުން ކުރެވި މީހުންގެ ބުރުސޫރައަށް ރީތިކަން ގެނުވިއެވެ.

އެހެންކަމުން މޭކަޕްގެ ދިގު ތާރީޚުގެ ތެރެއިން ކުޑަކުޑަ މިންވަރަކަށް ނަޒަރު ހިންގާލަމާ ހިނގާށެވެ.

މިސްރުގެ މޭކަޕް

އެންމެ ފުރަތަމަ މޭކަޕް ކުރަން ފަށައިގަތީ މިސްރު މީހުންކަމަށް ތާރީޚުން ހެކިދެއެވެ. ކްލިއޮޕަޓްރާ އަކީ ކާކުން އެނގޭ ހެއްޔެވެ. އޭނަގެ ރީތިކަން ފެނިގެން ދިޔައީ ފާރުތަކުގައި އެޒަމާނު ކުރެހިގެން ދިޔަ ކުރެހުންތަކުންނެވެ. އޭނަ މެކަޕް ކުރުމަށް ބޭނުން ކޮށްފައިވަނީ ބްރޮންޒް އާއި ރަތްކިލާ ފެނަށް ގިރައިގެން ކަމަށް ތާރީޚީ ފޮތްތަކުގައި ލިޔެފައި ވެއެވެ. މިގޮތަށް މިއެއްޗެހި ފެނަށް ގިރައިގެން ނިޔަފަތި ތަކުގައާއި ބޮލުގެ އިސްތަށީގެ އިތުރުން ތުންފަތާއި ކޯތާފަތުގައި އުނގުޅީއެވެ.

a

އެޒަމާނުގައި މީހުން ރީތި ވާން ބޭނުންވީ ޖިންނީންގެ ކިބައިން ސަލާމަތް ވުމަށެވެ. އެމީހުންނަށް ގަބޫލު ވެފައިއޮތީ ހެއްދިވި ފަރާތާއި ކައިރިވެ އެދި އެފަރާތް ރުހޭނީ ރީތިވެގެން ތިބުމުން ކަމަށެވެ. އެހެން ކަމުން ކަނބަލުން ޖިންނީންގެ ފަރާތުން ސަލާމަތް ވުމަށް މޭކަޕް ކޮށް އުޅުނެވެ.

މިސްރުގައި ދެޖިންސުގެ މީހުންވެސް ސެންޓު އެކުލެވޭ ތެލާއި އަދި ކްރީމް ފާޑުގެ އެއްޗެހި ބޭނުން ކުރިއެވެ. އެއީ ހަންގަނޑު ރީތިކޮށް އޮމާންކޮށް ބެހެއްޓުމަށެވެ. އަދި ހަށިގަނޑުން ދުވާވަސް ނައްތާ ލުމުގެ ބޭނުމުގައެވެ. އެހެންކަމަން މޭކަޕް ކުރުމަށް ބޭނުން ކުރެވުނު ހުރިހާ އެއްޗެއް މިސްރު މީހުންނަށް ވެފައި އޮތީ ސާފުތާހިރުކޮށް ރީތިކޮށް ތިބުމުގެ އިތުރުން ސިއްޙީގޮތުން މުހިއްމު އެއްޗެއްގެ ގޮތުގައެވެ. ތެލާއި އަދި ކްރީމް އެމީހުން ބޭނުންކުރީ އިރުގެ ހޫނުން ހަންގަނޑު ރައްކާ ތެރި ކުރުމަށާއި އަދި ތޫނު ވައިން ސަލާމަތް ވުމަށެވެ.

މީރުވަސް ދުވާ އެއްޗެހި އުފެއްދުމަށް އެންމެ މުހިއްމު އެއްޗެއްގެ ގޮތުގައި އޭރު ބޭނުން ކުރެވުނީ މަރުޖޮރަމް، ޗަމޮމައިލް، ލެވެންޑަ މާ، ޕެޕާމިންޓް، ރޯސްމެރީ، ސެޑާ، ފިނިފެންމާ، އެލޮއި، ޒައިތޫނި ތެޔޮ، ސިސޭމް ތެލުގެ އިތުރުން އަލްމޮންޑް ތެލެވެ.

ޗައިނާ އަދި ޖަޕާން

ޢީސާގެ ފާނުގެ 1500 އަހަރު ކުރިން ޗައިނާ އާއި ޖަޕާނުގައި އެމީހުންގެ މޫނުގެ ކުލަވަރު ރީތިކުރުމަށް ބޭނުން ކުރެވުނީ ހަނޑުލު ކުނޑިއެވެ. ދަތުގައި ރަނުން ކުލަޖެއްސުމުގެ އިތުރުން ބޮލުގައި އެމީހުން އެޅީ ހީނާ ފަތެވެ.

ގްރީކުގެ ސަގާފަތް

ގާތްގަނޑަކަށް އީސާގެ ފާނުގެ 1000 އަހަރު ކުރިން ގްރީކުގެ ބޭފުޅު އާއިލާގެތެރޭ ފިރިހެނުންނާއި އަންހެނުންވެސް ބޮލުގައި ވިގެއް އަޅައިގެން އުޅުނެވެ. މިގޮތަށް ވިގް އަޅަން ޖެހުނީ ބޮލުގެ އިސްތަށީގެ ކުލަ ބަދަލު ކޮށްލުމަށް ބްލީޗް ބޭނުން ކުރުމުގެ ސަބަބުން ބޮލުން އިސްތަށި ފައިބާ ތަލަވުމުންނެވެ. އެޒަމާނުގެ ގްރީކް މީހުން އެމީހުންގެ ހަންގަނޑު ދޮންކުރަމަށް ޗޯކްވެސް ހާކާ ހެދިކަމަށް ވެއެވެ. ތުންފަތުގައި ކުލަޖެއްސުމަށް މުށި ކްލޭ އާއި ދަނގަޑު ކުނޑި އެއްކޮށްގެން އުނގުޅާ ހެދިކަމަށް ވެއެވެ.

ރޯމަނުންގެ ދުވަސްވަރު

ރޯމަނުން ދުވަސްވަރު ފެންވެރުމަކީ ވަރަށް މުހިއްމު ކަމަކެވެ. މިހާރުވެސް ރޯމުގައި އެޒަމާނުގެ މީހުން ފެންވަރަން ހަދާފައި ހުރި ތަންތަން ފެންނަން އެބަހުއްޓެވެ. އެމީހުންގެ ތެރޭ ކިސަޑުން ފެންވެރުމަކީވެސް އޮތްކަމެކެވެ. ކިސަޑަކަށް ބޭނުން ކުރީ ކިނބުލުގެ ބޮޑުކަމުދާ އެއްޗިއްސެވެ. ފުށާއި މާޖިރިން ބޭނުންކޮށްގެން މޫނުގަ ޖަހާ ބިހިތައް ފިލުވިއެވެ. ކަންބަޅީގެ ސަރުބީއާއި އޭގެ ލޭ ބޭނުންކޮށްގެން ނިޔަފަތީގަ ހާކައެވެ. ކަނބަލުން އެމީހުންގެ މޫނު ދޮންކުރުމަށް ބޭނުން ކުރީ ހުދުކުލައިގެ ލެޑުގެ ތެރެއަށް ޗޯކް އަޅައިގެންނެވެ. އޭރު މިގޮތަށް މޫނު ރީތި ކުރަން މަސައްކަތް ކުރީ އާދައިގެ މަސައްކަތު މީހުންނެވެ.

މުއްސަނދިން އަބަދު ގޭތެރޭ އުޅޭތީ އެމީހުންގެ މޫނުގައި ހުންނަ ކުލަ އަލިކޮށް ހުރުމުން އެކުލަ ޖެއްސުމުގެ ބޭނުމުގައެވެ. އެކުލަ މޫނުގައި ނެތްކަމަށް ވާނަމަ އެއީ ނިކަމެއްޗެކެވެ. އެހެން ކަމުން މުއްސަދިކަން އެހެން މީހުންނަށް ދެއްކުމަށް މިގޮތަށް މޫނުގައި އެމީހުން ހުދުކުލައިގެ ލެޑުގެ ތެރެއަށް ޗޯކް އަޅައި، އެއްކޮށްގެން ބޭނުން ކުރިއެވެ. މޫނުގައި ދޮންރީތި ކުލަހުރުމަކީ ކޮންމެހެންވެސް އެމީހުން ރަމްޒުކޮށްދޭ ކަމެއްގެ ގޮތުގައި ވެގެން ދިޔައެވެ.

ޔޫރަޕްގެ އަންހެނުން

އެޒަމާނުގައި ޔޫރަޕްގައި އެމީހުންގެ މޫނުގެ ކުލަރީތި ކުރުމަށް ބޭނުން ކޮށްފައިވަނީ ހުދުކުލައިގެ ލެޑް ދަވާދު އެކުލަވައިގެން އެމީހުން އުފައްދާ އެކި އެކި މޭކަޕް އުފެއްދުން ތަކުންނެވެ. އޭރުގެ އިނގިރޭސި ކުއީންގެ މޫނުގައި ވެސް ހުދުކުލައިގެ ލެޑް އުނގުޅާކަމަށް ވެއެވެ. މީގެ ސަބަބުން ކުއީންގެ ރީތިކަން ޒުވާންކަންމަތީ ދަމަހެއްޓިއެވެ. އޭރު ބްލޮންޑް އިސްތަށިގަނޑަކީ އެންމެ ރީތި ސިފަކަމަށް ވެގެން ދިޔައެވެ. މިގޮތަށް އިސްތަށިގަނޑު ބަހައްޓަން އެމީހުން ފޮނި މާމުއިގެ ތެރެއަށް ކަޅު ސަލްފާ އާއި އަލުމް އެއްކޮށްގެން ބޮލުގައި އުނގުޅިއެވެ.

ނަވާރަ ވަނަ ގަރުނާއި މިހާރުގެ އާދަތައް

މޫނުގައި ޖަހަން ގެންގުޅޭ ފުށަކީ ޒިންކް އޮކްސައިޑް ކިޔާ އެއްޗެކެވެ. މިއީ ކުރީގައި ބޭނުން ކުރެވުނު ލެޑް އަދި ކޮޕާ އަށްވުރެ ހަންގަނޑަށް ގެއްލުން ކުޑަ މާއްދާއެކެވެ. ސެރޫސް ބްރޭންޑްގެ މޫނުގަ ޖަހާ ފުށް ތައްޔާރު ކުރެވުނީ ހުދުކުލައިގެ ލެޑް ބޭނުން ކޮށްގެންނެވެ. އެހެންކަމުން އޭގެ އިން ހަންގަނޑަށް ގެއްލުންވާތީ އެބޭނުން ކުރުން މީހުން ހުއްޓާލިއެވެ. މީގެ ސަބަބުން މޫނުގެ ހަންގަނޑު ހަލާކު ވުމާއި އަދި ހަނގަޑުގެ ބާރު ކެނޑިގެން ދިޔައެވެ. ބައެއް މީހުން މީގެ ސަބަބުން ދިމާވި ކަންކަމުގައި މަރާ ކުރިމަތި ލާފައި އެބަހުއްޓެވެ.

ނަވާރަ ގަރުނުގައި ކެމިސްޓްރީއިންނާއި އަދި މެޑިސިންއިން މީހުން ތަރައްގީ ވުމާއި އެކު މޭކަޕް އުފެއްދުންތައް އުފައްދާ ސިނާއަތް ކޮސްމެޓިކްސް އުފެއްދުމަށް ވަރަށް ބޮޑުތަން ތަރައްގީ ކުރިއެވެ. ކޮސްމެޓިކްސްގެ ސިނާއަތަށް އެންމެ ބޮޑު ބަދަލެއް ގެނެސްދިނީ ވިކްޓޯރިއަން ސްޓައިލްސް އިންނެވެ. އެމީހުން ހުރިހާ ކަނބަލުންނަށް ވިސްނާ ދިނީ ރީތި ވުމަކީ އެންމެ މުހިއްމު ކަން ކަމުގައެވެ. ކޮންމެ މީހަކީވެސް ރީތި މީހެކޭ ބުނެވެން ޖެހޭނެ ކަމަށްވެސް ވިސްނާ ދިނެވެ. މީގެ އިތުރުން ތަފާތުގެ ރީތި ހެދުންލައި ފިރިހެނުންނަށް ފަރިކަން ދެއްކުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ބެލެވި އެކަކު އަނެކަކަށް ރީތިވުމަށް މަސައްކަތް ކުރިއެވެ.

ރީތިކަން ފުރިހަމަ ކުރުމަށް އައި ޝެޑޯ، ލިޕްސްޓިކް، ނެއިލް ޕޮލިޝް އަދި އެހެނިހެން މޭކަޕް ކުރާ ސާމާނު ބާޒާރުގައި ތިޔާގިވެ މަގުބޫލުކަން ހޯދިއެވެ. ބައެއް ކަނބަލުން ކެއުމަށް ކުރާ ޚަރަދަށް ވުރެ ރީތިވުމަށް ކުރާ ޚަރަދު އެތައް ގުނައަށް ބޮޑު ކޮށްލިއެވެ.

މީގެ ޒަމާން ތަކެއް ކުރިން އެޑްވާޑިއަން މުޖުތަމައުގައި މުސްކުޅި އުމުރުގެ އަންހެނުން ރީތިވުމަށް މާބޮޑަށް މަސައްކަތް ކުރިއެވެ. ސަބަބަކީ އެމީހުންނަކީ ސްޓޭޖް ޝޯތައް ކުޅޭ ބައެކެވެ. ސްޓޭޖަށް އަރާއިރު ބެލުން ތެރިންނަށް ރީތިކަން ދެއްކުމަށް އެމީހުން ރީތިވުމަށް ވަރު ހުރިއެވެ. އެހެން ކަމުން އެމީހުންނަށް މޭކަޕް ކުރާ ސާމާން ވެގެންދިޔައީ އަސާސީ މުހިއްމު އެއްޗެއްގެ ގޮތުގައެވެ.

މިހާރު ބިއުޓީ ސެލޫންއެއް ނެތްކަމަށް ވާނަމަ އެސަހަރެއްގައިވެސް އަންހެންވެރިން އެއްގޮތަކަށްވެސް އުޅޭކަށް ބޭނުމެއް ނުވާނެއެވެ. މީގެ ކުރިން ރީތިވުމަށް މީހެއްގެ އެހީތެރިކަން ހޯދަން ލަދުގަތް ނަމަވެސް މިހާރު މޭކަޕް ކުރާ ޚާއްސަމީހަކު ކޮންމެ މީހަކަށް ހުރުން ލާޒިމްވާ ހިސާބަށް ބޭކަޕްގެ ކަންތައް މިވަނީ ގޮސްފައެވެ. ތަންކޮޅެއް ކުރިން އަންހެންވެރިން ބިއުޓީ ސެލޫނަށް ވަދެލާނީވެސް މީހަކަށް ފެނިދާނެތީ ވަލު ދޮރާށީންނެވެ.