މިދުވަސްވަރަކީ އައްޑޫގައި ފާނަބަސަންދު ފެތުރެމުންދާ ދުވަސްވަރެކެވެ. މިމަހުގެ މިހާތަނަށް މަދުވެގެން 7 މީހަކު ވަނީ މިބައްޔަށް ފަރުވާ ހޯދައިފައެވެ. އެހެންކަމުން މިއީ އާންމުން ވަރަށް ބޮޑަށް ވިސްނާލާންޖެހޭ ކަމެކެވެ. ރައްކާތެރި ކަމުގެ ފިޔަވަޅު އަޅަންޖެހޭކަމެކެވެ.
މިފަދަ ފިޔަޅުވަތައް އަޅަން އެނގޭނީ އަޅަންޖެހޭ ފިޔަވަޅުތައް އެނގިގެންނެވެ. ފާނަބަސަންދަކީ ކޮބައިކަން އެނގިގެންނެވެ. އޭގެ އަލާމާތްތަކާއި އެ ޖެހުމުން އަމަލް ކުރަންވީ ގޮތް ދަސްކޮށްގެންނެވެ.
ފާނަބަސަންދު ނުވަތަ ޗިކަންޕޮކްސްއަކީ ވައިރަލް އެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. އާންމު ގޮތެއްގައި މިބަލިޖެހެނީ ކުޑަކުދިންނަށެވެ. އެހެންނަމަވެސް މިއީ ބޮޑެތި މީހުންނަށްވެސް ޖެހޭ ބައްޔެކެވެ.
ބަލީގެ އަލާމާތްތައް
މިބަލި ޖެހުމުން ހުން އައިސް، ނޭފަތުން ފެންއަންނާނެވެ. އޭގެ އިތުރަށް ގައިގައި ފެން ބިހިތަކެއް ނަގައި ވަރުދެރަވާނެއެވެ. މި ބިއްސަކީ ވަރަށް ގަދައަށް ހިރުވާ އެޗެކެވެ. އެހާމެ އަވަހަށް ފަޅައިގެންވެސްދާ އެއްޗެއް މެއެވެ. މި ބިހިތައް ނެގުމަށްފަހު ދެތިން ދުވަސްތެރޭގައި ގައިގެ އެކި ތަންތަނަށް ފެތުރިދެއެވެ.
އާންމު ގޮތެއްގައި މިބަލި ޖެހެނީ ގައިގައި ބީހިގެންނާއި، ނޭވާލާ ނިޒާމުގެ ޒަރިއްޔާއިން ނެވެ.
ނޭވާލާ ނިޒާމުގެ ޒަރިއްޔާއިން
ފާނަ ބަސަންދު ޖެހިގެން ފުރަތަމަ ދެދުވަހު ނޭފަތުން ފެންއައިސް ހުން އަންނަން ފަށައެވެ. އެހެންނަމަވެސް އެދުވަސްވަރު ހަށިގަނޑުން ބިހިނަގާކަށް ނުފަށާނެއެވެ. އެހެންނަމަވެސް ބަލިމީހާ ކެއްސައި، ކިނބިހި އަޅާ ހަދާއިރު ކައިރީގައި ތިބޭ މީހުންނަށް އެބަލި ޖެހެއެވެ.
ހަށިގަނޑުހައި ބީހިމުން
ބަލިމީހާގެ ގައިން ބިހިނަގަން ފެށުމުން އޭނާގެ ގައިގައި މީހުމުންނާއި، އޭނާ ބޭނުންކޮށްފައި ހުންނަ ތައްޓާއި، ތުވާއްޔާއި އަންނައުނު ފަދަ ތަކެތި ބޭނުނު ކުރުމުން ނުވަތަ ބީހުމުންވެސް މި ބަލި ޖެހެއެވެ. ގައިގައި ހުންނަ ބިހިތައް ކުރަމަގާލި ލާންދެން އެ ބަލި އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ފެތުރުމުގެ ފުރުސަތު އޮންނާނެއެވެ.
މިއީ ނުރައްކާތެރި ބައްޔެއްތަ
ކަމާ ބެހޭ ފަރާތްތަކުން ބުނެފައިވަނީ މިއީ ނުރައްކާތެރި ބައެއްޔެއް ނޫން ކަމަށެވެ. މިބަލި ޖެހޭ މީހުން ދިހަވަރަކަށް ދުވަސްތެރޭގައި އާންމު ގޮތެއްގައި ރަނގަޅު ވެއެވެ. މިބަލިޖެހޭ މީހުންގެ ތެރެއިން މަދުބައެއްގެ ފުއްޕާމެއަށް ނުވަތަ ސިކުނޑިއަށް އަސަރު ކުރުމުން ނުރައްކާވެ ފުރާނައަށް ގެއްލުންވާ ހިސާބަށް ދެއެވެ. އަދި މާބަނޑު ދުވަސްވަރު މިބަލި ޖެހޭ މީހުންގެ ތެރެއިން މަދު ބަޔަކަށް އެކަމުގެ ސަބަބުން ނުރައްކާ ވެއެވެ. އަދި ވަރަށް މަދުބައެއްގެ ބަނޑުގައިވާ ކުއްޖާއަށްވެސް ނުރައްކާވެއެވެ.
ރައްކާތެރިވުން
އެއްފަހަރުވެސް މިބަލި ނުޖެހޭ މީހަކަށް ބަލިޖެހުމުގެ ފުރުސަތު ވަރަށްބޮޑެވެ. އެހެންނަމަވެސް އެއްފަހަރު މި ބަލި ޖެހިފައިވާ މީހަކަށް ބަލިޖެހުމުގެ ފުރުސަތު ވަރަށް ކުޑަކަމަށް ކަމާބެހޭ ފަރާތްތަކުންވަނީ ހާމަކޮށްފައެވެ.
މިބަލިން ރައްކާތެރިވުމަށްޓަކައި ބަލި ޖެހިފައިވާ މީހެއްގެ ގެއަށް ޒިޔާރަތް ކުރުން ހުއްޓާލަން ޖެހެއެވެ. ބަލިމީހާގެ ގައިގައި ނަގާފައިވާ ބިހިތަކުގައި ކުރަމަގާލި ލައިފުމަށް ދާނދެން އޭނާވެސް ބޭރަށް ނުކުމެގެން ނުވާނެއެވެ. ސްކޫލަށްދާ ކުއްޖެއްނަމަ ސްކޫލަށްވެސް ގޮސްގެން ނުވާނެއެވެ. ފާނަ ބަސަންދު ޖެހިފައިވާ މީހާ ނުވަތަ ކުއްޖާ ގޭގެ އެހެން މީހުންނާ ވަކިކުރަން ވާނެއެވެ. އޭނާ ކާންބޯން ބޭނުންކުރާ ތަށިފަދަ ތަކެއްޗާއި ތުވާއްޔާއި އަންނައުނުވެސް ވަކިކޮށް އެހެން މީހުން އެއިން އެއްގޮތަކަށްވެސް ބޭނުން ކޮށްގެން ނުވާނެއެވެ.
މިބަލިން ރައްކާތެރިވުމަށް ފާނަބަސަންދު ނުވަތަ ޗިކަންޕޮކްސް ވެކްސިން ޖަހަން ވާނެއެވެ. މިއީ ފާމަސީތަކުން އާންމުކޮށް ލިބެން ހުންނަ ވެކްސިނެކެވެ. މި ވެކްސިން ޖަހަން ސަމާލުވާންޖެހޭ މީހުންނަކީ، މުސްކުޅިންނާއި، މާބަނޑު މީހުންނާއި، ހަށިގަނޑުގެ ދިފާއީ ނިޒާމް ބަލިކަށިވެފައިވާ މީހުންނެވެ.