English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއަ ލީގުގައި ރޭ ކާޑިފް ސިޓީ އާއި މި ސީޒަންގައި ލީގައަށް އެންމެ ބޮޑަށް ވާދަކުރަމުންގެންދާ ލިވަޕޫލް ބައްދަލުކުރި މެޗު ލިވަޕޫލްއިން ކާމިޔާބުކޮށްފިއެވެ.

ޕްރިމިއަ ލީގުގައި ރޭ ކާޑިފް 2-0 ލަނޑުން ރަށުން ބޭރުގައި ބަލިކޮށް ލިވަޕޫލް ހޯދި މުހިއްމު މޮޅާއެކު އެޓީމު ވަނީ އަލުން އެއް ވަނައަށް އަރައިފައެވެ.

ލީގުގައި ރޭ ހޯދި މިމޮޅާއި އެކު ލިވަޕޫލްއިން ވަނީ 35 މެޗުން 88 ޕޮއިންޓް ހޯދާފައެވެ.ދެ ވަނައިގައި 86 ޕޮއިންޓާއެކު މެންޗެސްޓަރ ސިޓީ އޮތް އިރު ތިން ވަނާގައި ޓޮޓެންހަމް އޮތީ 67 ޕޮައިންޓާއި އެކުގައެވެ.66 ޕޮއިންޓާއެކު ޗެލްސީ ފަސް ވަނައިގައި އޮތްއިރު 33 މެޗު ކުޅެފައިވާ އާސެނަލް އޮތީ 66 ޕޮއިންޓާއެކު ހަތަރު ވަނައިގައެވެ.

ލިވަޕޫލްގެ ފަރާތުން މޮޅު ކުޅުމެއް ރޭގެ މެޗުގައި ފެނިގެން ގޮސްފައިވާއިރު މިމެޗުގެ ފުރަތަމަ ހާފްގައި ލިވަޕޫލްއިން ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.ރޭގެ މެޗުގައި ލިވަޕޫލްގެ ފަރާތުން ފުރަތަމަ ހާފްގައި މޮޅު ކުޅުމެއް ދެއްކި ނަމަވެސް މި ހާފްގައި ލިވަޕޫލްއަށް ލަނޑެއް ކާމިޔާބު ކުރެވިފައެނުވެއެވެ.

ފުރަތަމަ ހާފްއަކީ އެތްގޮތަށް ދެ ވަނަ ހާފުގައި ވެސް ލިވަޕޫލުންގެ ފަރާތުން ގިނަ ހަމަލާތަކެއް ކާޑިފްގެ ގޯލާއި އަމާޒުކޮށް ފޮނުވާލަން މަސައްކަތް ކޮށްފައިވާއިރު މިމެޗުގައި ލިވަޕޫލްގެ ފުރަތަމަ ލަނޑު ދެވަނަ ހާފްގެ 56 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖިޖީ ވައިނަލްޑަމް އެވެ. އެޓީމުގެ ދެ ވަނަ ގޯލު ލިބުނު ޕެނަލްޓީއަކުން މެޗު ނިމެން ނުވަ މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ޖޭމްސް މިލްނާ އެވެ.

ލީގުގައި ސިޓީ އަށް ބާކީ ހަތަރު މެޗު އޮތްއިރު ލިވަޕޫލަށް ބާކީ އޮތީ ތިން މެޗެވެ. ދެޓީމުން ވެސް ހުރިހާ މެޗެއް ކާމިޔާބުކޮށްފިނަމަ އެއް ޕޮއިންޓުގެ ތަފާތުން ލީގު ލިބޭނީ ސިޓީ އަށެވެ.