ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ދެވަނަ ލެގުގައި ލިއޮނަލް މެސީގެ ދެ ގޯލާ އެކު އަމިއްލަ ދަނޑުގައި ފަސޭހަކަމާ އެކު މެންޗެސްޓާ ޔުނައިޓެޑް އަތުން މޮޅުވެ ބާސެލޯނާ ހަތަރު އަހަރު ތެރޭ ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ކުއާޓާ ފައިނަލުގެ ދެ ވަނަ ލެގުގެ މެޗުގައި މެންޗެސްޓަރ ޔުނައިޓެޑް އަތުން ބާސެލޯނާ މިރޭ އަމިއްލަ ދަނޑުގައި މޮޅުވީ 3-0 އިންނެވެ.ފުރަތަމަ ލެގުގައި 1-0 އިން ހޯދި މޮޅާ އެކު ބާސެލޯނާ ދެ ލެގުގެ އެގްރިގޭޓުން ކުރި ހޯދީ 4-0 އިންނެވެ.
ވާދަވެރި މިދެޓީމް ކުޅުނު މިމެޗުގެ ފުރަތަމަ 10 މިނެޓް ތެރޭގައި ޔުނައިޓެޑްއިން މޮޅު ކުޅުމެއް ފެނިގެން ދިޔަ ނަމެވެސް އޭގެފަހުން ބާސާއިން ވަނީ މެޗުގެ ކޮންޓްރޯލް ހޯދައިގާތް ގާތުގައި ޔުނައިޓެޑްގެ ގޯލާއި އަމާޒުކޮށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލަން މަސައްކަތް ކޮށްފައެވެ. ނަތީޖާ އެއްގެ ގޮތުން ބާސެލޯނާ އަށް ޕެނަލްޓީ އެއް ދިނުމަށްފަހު ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ގެ އެހީތެރިކަމާއެކު ނިންމުން ބަދަލުކޮށްފައެވެ.
ރޭގެ މެޗުގައި ބާސެލޯނާގެ ފުރަތަމަ ލަނޑު މެޗުގެ 16 ވަނަ މިނެޓުގައި މެޗުގައި މޮޅު ކުޅުމެއް ދެއްކި ބާސާގެ ކެޕްޓަން ލިއޮނަލް މެސީއެވެ. ބާސެލޯނާގެ ދެ ވަނަ ގޯލް އޭގެ ހަތަރު މިނެޓު ފަހުން މެސީ ވައްދާލީ ޔުނައިޓެޑުގެ ޑިފެންސަށް ރަނގަޅަށް ސާފުކޮށްނުލެވުނު ބޯޅައެއް ހޯދައިގެންނެވެ. ރޭގެ މެޗުގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ލިވަޕޫލުގެ ކުރީގެ މިޑްފީލްޑަރު ފިލިއްޕެ ކުޓީނިއޯ އެވެ.