English Edition
Dhivehi Edition

މި ސަރުކާރުން ރައްޔިތުންގެ ކަންބޮޑުވުންތައް ފިލުވައިދީ، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ވިދާޅުވެއްޖެއެވެ

މިއަދު ހެނދުނު ބަނޑޮސް އައިލެންޑް ރިޒޯޓު ކުރިއަށްދިޔަ ހެލްތް މިނިސްޓަރުކަން ކުރައްވާފައިވާ ޢިއްޒަތްތެރިންގެ ސަމިޓް އިފްތިތާޙް ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން ނުކުމެ މިތިބީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ކަމަށެވެ. ރައީސް ވިދާޅުވީ ރައްޔިތުންނަށް ފަސޭހައިން ވާޞިލުވެވޭ، ފެންވަރު ރަނގަޅު ފުރިހަމަ ޞިއްޙީ ޚިދުމަތުގެ ނިޒާމެއް ތަރައްޤީކުރުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށާއި އެހެން ނަމަވެސް މިކަން ހާސިލްކުރުމަށް ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.

މިކަން ހާސިލްކުރުމަށް ހުރި ގޮންޖެހުންތަކަށް އަލިއަޅުވާލަމުން ރައީސް ވިދާޅުވީ ހުރިހާ ގޮންޖެހުންތަކެއްގެ އަސްލަކީ، މަރުކަޒީ ގޮތެއްގައި ރާއްޖެ ތަރައްޤީ ކުރަން މީގެ ކުރިން މަސައްކަތް ކުރުމުގެ ނަތީޖާ ކަމަށެވެ.މި ގޮތުން ރަށްރަށުގެ ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތައް ތަރައްޤީ ކުރުމުގެ ބަދަލުގައި، މާލޭގައި ހުރި ހޮސްޕިޓަލް ތަރައްޤީކުރަން މަސައްކަތް ކުރުން ކަމުގައި ރައީސްވަނީ ފާހަނގަކުރައްވާފައެވެ.

މީގެ އިތުރުން ރައީސް ވަނީ ސަރުކާރާއި އަމިއްލަ ފަރާތްތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް، ސަމިޓުގެ ބައިވެރިންގެ ތަޖުރިބާގެ އަލީގައި ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކޮށް ތަރައްޤީ ކުރުމަށް، ލަފަޔާއި އިރުޝާދު ދެއްވުމަށް އެދި ވަޑައިގެންފައެވެ.