English Edition
Dhivehi Edition

މީލާދީ ގޮތުން 800 ގެ އަހަރު ތަކުގެ ތެރޭގައި ‘ބައިތުލް ޙިކްމާ’ ގެ ނަމުން ތަފާތު ފޮތްތަކާއެކު އިލްމީ މަރުކަޒެއް އުފެދުނެވެ.

އެ ތަނުގައި ހިސާބާއި، ފަލަކީ އިލްމުގެ ފޮތްތަކާއި، ސައިންސާއި، ބޭސްވެރިކަމާއި، ފާރިސީންގެ ތަފާތު ފޮތްތަކާއި، އެހެނިހެން އިލްމީ ފޮތްތައް ވެސް ހިމެނެއެވެ. އެ ތަނުގައި ތަރިތައް ބެލުމަށް އޮބްޒަވޭޓަރީއެއް ހުއްޓެވެ. ތަފާތު ދިރާސާތައް ކުރުމަށް އެޒަމާނުގެ އެންމެ ފަހުގެ ވަސީލަތްތައްވެސް ހުއްޓެވެ.

އެ މަރުކަޒު އުފެދިފައިވަނީ އިސްލާމީ ޚިލާފަތުގެ އެންމެ ފާގަތި އަދި އެންމެ ކުރިއަރައިގެން ދިޔަ ދުވަސްވަރުއެވެ. އޭރު އިސްލާމީ ޚިލާފަތުގައި އިންނެވީ މަޝްހޫރޫ ޚަލީފާ ހާރުނުއް ރަޝީދެވެ. އެ މަނިކުފާނަށްފަހު އެތަން އެންމެ ކުރިއަރައިގެން ދިޔައީ ޚަލީފާ ހާރުނުއް ރަޝީދުގެ ދަރިކަލުން އަލް-މައުމޫންގެ ޚިލާފަތުގައެވެ.

ޚަލީފާ ހާރުނުއް ރަޝީދު، ފޮތްތައް އެއްކުރައްވަން އިސްލާމީ ދައުލަތް ދިމިޝްގުގައި އޮތްދުވަސްވަރުއެވެ. އެދުވަސްވަރަކީ އައްބާސީ ޚިލާފަތުގެ ދުވަސްވަރެވެ. ފޮތްތައް އެއްކުރެއްވުމަށްފަހު ބައިތުލް ހިކްމާ ގެ ނަމުގައި ތަނެއް ހުޅުވައި އެތަނުގައި ފޮތްތައް ރައްކާ ކުރައްވަން ފެއްޓެވިއެވެ.
އިލްމީ ކުރިއެރުންތައް ހޯދުމުގެ ބޭނުމުގައި، ނަސާރާއިންނާއި ފާރިސީންވެސް އެމީހުންގެ ފޮތްތައް ތަރުޖަމާ ކޮއްދިނުމަށް އެތަނަށް އައްޔަން ކުރެވުނެވެ. އެ ތަނުގައި ތަފާތު އެކި ދާއިރާތަކުގެ ފޮތްތައް ހުއްޓެވެ.

މީލާދީ ގޮތުން 762 ގައި ބަޣުދާދު ބިނާ ކުރެވުނެވެ. އެއަށްފަހު އެ މަރުކަޒު އެޅުމަށް ރަނގަޅު މާހައުލެއް ތަނަވަސް ވެގެންދިޔައެވެ. އޭރު ވެސް ތަފާތު ފޮތްތައް ދިޔައީ ތަރުޖަމާ ކުރެވެމުންނެވެ. އަރަބި ބަހަށް ވަރަށްގިނަ ފޮތްތައް ތަރުޖަމާ ކުރެވި އިލްމީ ޚަޒާނާއެއް އުފެދިގެން ދިޔައެވެ. އެހުރިހާ ފޮތްތައް ވަނީ ފަހުން ބަޣުދާދަށް ބަދަލުކޮށް ކުތުބުޚާނާއެއް ހުޅުވައިފައެވެ. އުނގެނެން ބޭނުންވާ ހުރިހާ އެންމެންނަށްވެސް އުނގެނުމުގެ ފުރުސަތު އޭރުވަނީ ހުޅުވިފައެވެ.

އިސްލާމީ ޚިލާފަތުގެ އިލްމީ މައިމަރުކަޒަށް އެތަން ވެގެން ދިޔައެވެ. ތަފާތު ދިރާސާތައް ކުރެވި އެތަނުގައި އެކި މީހުން ފޮތްތައް ތަރުޖަމާކޮށް އުނގެނެމުން ދިޔައެވެ. އަލް މަޢުމޫންގެ ދުވަސްވަރު އެތަނަށް ބޮޑެތި ޚަރަދު ކުރެވި އަމިއްލަފުޅަށް ކޮންމެ ދުވަހަކު ޒިޔާރަތްކޮށް އިލްމުވެރިން އެއްކޮށް ތަފާތު ދިރާސާތައް ހައްދަވާފައިވެއެވެ. އެތަނުން އިސްލާމީ އުންމަތް ވަރަށް ބޮޑަށް ކުރިއަރައިގެން ދިޔައެވެ.

އަލް މައުމޫން އަމިއްލަފުޅަށް އިސްނަންގަވައިގެން ހެއްދެވި ދިރާސާ ތަކަށް ބަލާއިރު ދުނިޔޭގެ މެޕެއް ހެދުމާއި ދުނިޔޭގެ އަސްލު ސައިޒު ބަލާ ދިރާސާކޮށް، ހޯދައިފައި ވެއެވެ. އޭގެ އިތުރަށް މިސްރުގެ ގީޒާ ޕިރަމިޑް ދިރާސާ ކުރުމަށް ވެސް ބާރުއަޅުއްވާފައިވެއެވެ.

އެޒަމާނަށް ބަލާއިރު ވަރަށްމަތީ ފެންވަރެއްގައި އެތަން ކުރިއަށް ދަނިކޮށް އަލް-މުތަވައްކިލްގެ ޚިލާފަތުގައި އެތަނުން ކުރަމުން ގެންދިޔަ ދިރާސާތައް ހަނިކުރެއްވިއެވެ. ދިރާތައް ހަނިކުރައްވައި، ބޮޑަށް އިސްކަން ދެއްވީ ޤުރުއާނާއި ހަދީސް ޢިލްމަށެވެ.

މިގޮތަށް ކުރިއަށްދަނިކޮށް މީލާދީން 1258 ވަނަ އަހަރު މޮންގޮލް މީހުން ބަޣުދާދަށް ހަމަލާދިނެވެ. އަދި ބައިތުލް ހިކްމާއާއެކުހުރި ހުރިހައި ކުތުބުޚާނާތައް ހަލާކުކޮށް ސުންނާފަތި ކޮށްލިއެވެ. އެތަނުން ސަލާމަތް ކުރެވިފައި ވަނީ 4 ލައްކައެއްހާ ފޮތެވެ. އެއީ ހަމަލާގެ ކުރިން ނާސިރުއްދީން އަލް-ތުލްސީ އަށް ގެންދެވުނު ފޮތްކޮޅެވެ. ބުނެވޭ ގޮތުގައި ޓައިގްރިސް ރިވާ ވަނީ ގަލަމު ދެލިން އެއްކޮ ކަޅު ވެފައެވެ. ހަލާކު ކޮށްލުމަށް އެތަނަށް އުކައިލި ފޮތްތަކުގެ ސަބަބުންނެވެ.

1 ކޮމެންޓް
Collage student
އޮކްޓޯބަރު 12, 2020
Thanks really helped on my assignment