19 ވަނަ މަޖިލިސް އިންތިޚާބަށް އައްޑޫސިޓީގެ ހިތަދޫ ދެކުނު ދާއިރާއިން ވާދަކޮށް ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވެވި އިބްރާހިމް ނާޒިލްގެ ކެމްޕެއިން ޓީމުގެ މެމްބަރުންގެ ތެރެއިން 30 މީހަކަށް އުމުރާ ދަތުރު ދޭގޮތަށް ނިންމައިފިއެވެ.
“އޭއޯ ނިއުސް” އަށް މައުލޫމާތު ދެއްވަވަމުން ނާޒިލް ވިދާޅުވީ ކެމްޕެއިން ޓީމުން ކުރެއްވެވި ބުރަ މަސައްކަތަށް ޝުކުރުވެރިވާ ކަމަށާއި އެގޮތުން ކުރިއަށް އޮތް 5 އަހަރު ދުވަހަށް ބަހާލައިގެން ކޮންމެ އަހަރަކު 5 މީހުން އުމުރާ އަށް ފޮނުވުމަށް މަސައްކަތް ކުރައްވަވާނެ ކަމަށެވެ. އަދި ދައުރު ފެށުމުގެ ކުރިން މިރަމަޟާން މަހު ވެސް އިތުރު 5 މީހަކު އުމުރާއަށް ފޮނުވާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
“ކެމްޕެއިންޓީމުގައި ހަރަކާތްތެރިވި މެމްބަރުންގެ ތެރެއިން ކޮންމެ އަހަރަކަށް 5 މެމްބަރަކަށް މި ފުރުސަތު މިދެނީ. މިއަހަރު ފުރަތަމަ 5 މީހުން ނަށް އެފުރުސަތު ދެވޭނެ. އަދި ކުރިއަށް އޮތް 5 އަަހަރު އިތުރު 5 މީހުން ފޮނުވައިދޭ ގޮތަށް މިއޮތީ. އެހެންވީމާ ދައުރު ނިމޭއިރު 30 މީހުންނަށް އެ ފުރުސަތު ދޭން ބޭނުންވަނީ” ނާޒިލް ވިދާޅުވިއެވެ.
ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ ރައީސް ގެ މަގާމު ފުރުއްވަވަމުން ގެންދަވާ ނާޒިލް ވަނީ ރަސްމީކޮށް ދާއިރާގައި އޮފީހެއްވެސް ހުޅުވައި ދާއިރާގެ ރައްޔިތުންނަށް ފަސޭހައިން ޚިދުމަތް ކޮށްދެވޭނެ މަގު ފަހިކޮށްފައެވެ.
19 މަޖިލިހަށް އިތިހާބުވި މެމްބަރުންގެ ތެރެއިން މުޅި ރާއްޖެއިން އެންމެ މަތިން ވޯޓް ހޯއްދަވައިގެން އިންތިޚާބު ކާމިޔާބު ކުރެއްވީ ވެސް ނާޒިލްއެވެ.
އަމިއްލަ ގޮތުން އެ ދާއިރާއަށް ވާދަކުރެއްވި ތިން ކެންޑިޑޭޓުން ފަހަތަށް ޖައްސާލުމަށްފަހު ތަނަވަސް އަޣުލަބިއްޔަތުން ނާޒިލް އެގޮނޑި ކާމިޔާބު ކުރެއްވީ 1930 ވޯޓް ހޯއްދަވައިގެންނެވެ. އެއީ ވޯޓުގެ %70.28އެވެ.
އިންތިޚާބުގެ ތެރޭގައި ވެސް ނާޒިލް ފާހަގަކުރެވިފައިވަނީ ދާއިރާގެ މީހުންނާއި ގާތްގުޅުމެއް ބޭއްވެވި އަދި މީހުންނާ ގުޅޭ ހިތްތިރި، މަޑުމައިތިރި ބޭފުޅެއްގެ ގޮތުގައެވެ. ގިނަ ބަޔަކު އޭރުވެސް ބުނަމުން ގެންދިޔައީ ނާޒިލް އާއެކު މިފަހަރު ހިތަދޫ ދެކުނު ދާއިރާ “ތަރައްގީގެ މެކުހަށް” ޖަހާލާނެ ކަމަށެވެ.
ހިތަދޫ ދެކުނު ދާއިރާގެ ގޮނޑި ނާޒިލް ކާމިޔާބު ކުރެއްވެވި އިރު އައްޑޫ ސިޓީގެ އެހެން ހުރިހާ ގޮނޑިތަކެއްވެސް ކާމިޔާބުކޮށްފައިވަނީ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީންނެވެ.