English Edition
Dhivehi Edition

ހިތް ހުއްޓިގެން މީހުން މަރުވާ ވާހަކައަކީ އާއްމު ވާހަކަ އެކެވެ. ބްރޯކެން ހާޓް ސިންޑްރޯމުގެ ސަބަބުން އެކުގައި ދިރިއުޅު، އެކުގައި މަރުވެގެން ދާވާހަކަވެސް އަޑު އިވެއެވެ. މީގެ ސަބަބެއް މީގެ ކުރިން ހޯދިފައި ނެތް ނަމަވެސް ދިރާސާ ކުރާފަރާތްތަކުން މީގެ ހަގީގަތް ވަނީ ހޯދާފައެވެ.

ބައެއް ހާލަތް ތަކުގައި ހުވަފަތް ވުމަކީ އިންސާނާގެ ސިއްޙަތަށް ކުއްލި ގޮތަކަށް ބޮޑެތި ބަދަލު އަންނަ ކަމަކެވެ. އެކަމަށް ކެތް ނުކުރެވި އަޅާ ހިތްދަތި ވޭނެއްގެ ސަބަބުން ކަމަށް ވެއެވެ. ޚާއްސަ ގޮތެއްގައި އެކުގައި އުޅެ، އުމުރުން ދުވަސްވީ ދެމަފިރިއަކަށް މިފަދަ ހާލަތް މެދުވެރިވުން ގާތެވެ.

ގިނަ ބަޔަކު ހައިރާން ކޮށް، އަދި ގާތްތިމާގެ މީހުންނާއި އެކުވެރިން ރޮއްވާލި ޝާހިދު އާއި ރަޒީނާގެ ކުއްލި މަރަކީވެސް މިފަދަ ހާލަތެއް ކަމަށް ވުން އެކަށީގެންވެއެވެ. އިއްޔެގެ އިރު އަރާ، އިރުގު ހޫނުކަން ބިއްމައްޗަށް ވެރިވެގަތް ވަގުތު ލޯބީގެ ލާމަސީލު ދެމަފިރިއަކު މިދުނިއާއި ވަކިވެ ދިޔަ ކަމުގެ އަޑަކީ ގިނަ ބަޔަކު ރޮއްވާލި ގަބޫލުކުރަން ދަތި އެހެނަސް ހަގީގަތަކެވެ.

ދުނިޔޭގެ އެހެން ގައުމު ތަކުގައިވެސް މިފަދަ ހާދިސާތައް މެދުވެރި ވެފައި އެބަހުއްޓެވެ. ސައިންސްވެރިން ވަނީ މިގޮތަށް ދިމާވާ ސަބަބު ހޯދުމަށް ގިނަ ދިރާސާތައް ކޮށްފައެވެ. ލޯތްބާއި ކުލުނާއި އަޅާލުމާއި އަދި އޯގާތެރިކަމާއި ވަފާތރިކަމާއކު އިނދެގެން އުޅޭ ދެމީހުންގެ ތެރެއިން އެކަކު މަރުވުމުން މަދު ވަގުތު ކޮޅެއްގެ ތެރޭ އަނެކާ މަރުވުމަކީ ވަރަށް ގާތްކަމަކެވެ.

މިކަމުގެ އެންމެ އެކަށޭނެ ދިރާސާއެއް މިއަދާއި ހަމައަށް ކޮށްފައި ވަނީ އެމެރިކާގެ ޔުނިވާސިޓީ އޮފް ވިސްކޮސިން މެޑިސަންގެ ސައިންޓިސްޓެއް ކަމަށްވާ ފެލިކްސް އެލްވާޓް އާއި ހާވާޑު ޔުނިވާސިޓީގެ ނިކޮލަސް އޭ ކްރިސްޓާކިސް އެވެ. މިދެ ސައިންސް ވެރިންގެ ދިރާސާ ރިޕޯޓު ވަނީ ނިއުޔޯކު މެގަޒިންގައިވެސް ޝާއިއު ކޮށްފައެވެ.

މިދިރާސާ ކުރުމަށް ގިނަ ދުވަހު އެކުގައި އުޅެމުން އައިސްފައިވާ ޖުމުކަ 373،189 ދެމަފިރިންގެ ޑާޓާތައް އެއްކުރެވުނެވެ. އަދި މިޑާޓާ ތަކުގެ އަލީގައި އެކުގައި އުޅެ، އެކުގައި މަރުވާ ދެމަފިރިއަކށް ދިމާވެދާނެ ހާލަތު ވަރަށް ރަނގަޅަށް އެނގިގެން ގޮސްފައި ވެއެވެ.

ދެމަފިރިންގެ ތެރެއިން އަންހެން މީހާ މަރުވުމުން ފިރިމީހާ ކުޑަވަގުތު ކޮޅެއްގައި މަރުވެދާނެ ކަމުގެ 18 އިންސައްތަ ދިރާސާ ތަކުން ދެއްކިއެވެ. އަދި ފިރިމީހާ މަރުވުމުން އަންހެންމީހާއަށް މިހާލަތު މެދުވެރި ވެދާނެ ކަމުގެ 16 އިންސައްތަ އިތުރެވެ.

ކޮންމެ ފަދަ ހާލަތެއް މެދުވެރިވެ ދެމީހުން ކުރެ އެކަކު މަރުވުމުން އަނެކާގެ ސިއްޙަތައް ބޮޑެތި ބަދަލުތައް އައިސް މަރުވުމަކީ ބިރުއޮތް ކަމެކެވެ. އެއީ ހަގީގީ ލޯތްބަކުން ގުޅިފައިވާ ދެމަފިރިއެއް ނަމަ ދިމާވެދާނެ ހާލަތެއް ކަމަށް ކަމުގެ މާހިރުން ވިދާޅުވެއެވެ. މަރު ނުވި ކަމުގައި ވީނަމަވެސް ސިއްޙަތަށާއި ދިރިއުޅުމަށް އުނދަގޫވެ ހިތާމައާއި ވޭނުގައި އުޅެއެވެ.

ދެމަފިރިން ކުރެ އެކަކު ކުއްލި ގޮތަކަށް ވަރުވެ، އެނެކާ އަކީ ހިތުގެ މައްސަލަ ހުންނަމީހެއް ނަމަ މިކަން ދިމާވުން ވަރަށް ގާތްކަމަށް ޑރ. ލީ ލިޕްސެންތާލުގެ ރިޕޯޓެއްގައި ބަޔާން ކޮށްފައިވެއެވެ.

މިގޮތަށް މަރުވާ މަރުވުމަށް ކިޔާނަމަކީ “ޓަކޮޓްސޫބޯ ކާޑިއޯމިޔޮޕަތީ” އެވެ. އާއްމު ގޮތެއްގައި މިހާލަތައް ކިޔާ އުޅެނީ “ބްރޯކެން ހާޓް ސިންޑްރޯމް” އެވެ.

ގެރިއޭޓްރިކް ސްޕެލިސްޓެއް ކަމަށްވާ ޑރ، ބާބަރާ މެސިންގާ ވިދާޅުވާ ގޮތުން މިފަދަ ހާލަތް މެދުވަރިވަނީ ލިބޭ ކުއްލި ޝޮކެއްގެ ސަބަބުން މީހާގެ ހިއްސުތަކުގެ ބާރު ދެރަވުމުން ކަމަށެވެ. މީގެ އެންމެ ބޮޑު އަސަރު ކުރުވަނީ އަންހެނުންނަށް ކަމަށް ޑރ، ބާބަރާ ވިދާޅުވެއެވެ.

ލިބޭ ކުއްލި ޝޮކްގެ ސަބަބުން މޭމައްޗަށް ދަތުވެ ކުއްލި ގޮތަކަށް ހިތް ހުއްޓެނީއެވެ. މިގޮތަށް ދިމާވެދާނެ ކަމަށް ގަބޫލު ކުރެވޭ ގޮތަކީ މީހާގެ ކެކުޅުން ތަކާއި އުދާސްތަކަށް ކެތް ނުރެވި ހޯމޯންސްތައް ގިނަވުމުންނެވެ.

އެލްވާޓާއި ކްރިސްޓާކިސް ހޯދުން ތަކުންވެސް އެގޭގޮތުގައި މިހާލަތު މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ ލިބޭ ކުއްލި ޝޮކެއްގެ ސަބަބުންނެވެ.

ބަލި ހާލުގައި ގިނަދުވަސް ވޭތު ކުރުމަށްފަހު މަރުވެ ދިއުމުން އަނެކާއަށް މިފަދަ ހާލަތު މެދުވެރި ވުމަކީ ވަރަށް ދުރު ކަމެކެވެ. މިފަދަ ބަލިތަކުގެ ތެރޭ އަލްޒީމާ، ޕާކިންސަން އަދި ކެންސަރު ފަދަ ބަލި ހިމެނެއެވެ.

ދިރާސާއިން ދެއްކި ގޮތުގައި އެކްސިޑެންޓްވެ ނުވަތަ އެމާޖެންސީގައި ނުވަތަ ނޭވާލާ ނިޒާމަށް ދިމާވެދާ ބައްޔަކުން މަރުވުމުން އަނެކާއަށް އަސަރު ކުރާ މިންވަރު ބޮޑުވެ މަރުވެދިއުމަކީ ވެދާނެ ކަމެކެވެ.

ނަމަވެސް މިހޯދުން ތަކުން އެނގޭ ގޮތުގައި ހިތްދަތިވުން އަދި ކުއްލި ޝޮކް ލިބުމަކީ ހަމައެކަނި ބްރޯކެން ހާޓް ސިންޑްރޯމް މެދުވެރިދާނެ ހާލަތްތަކެއް ނޫނެވެ. އެހެންކަންތައްތައްވެސް އެކުލެވެއެވެ.

މިގޮތަށް ގިނަ ދުވަހު އެކުގައި އުޅެ އެކަކު މަރުވެ ދިއުމުން އަނެކާއަށް ވަރަށް ބޮޑަށް އެކަނިވެރިކަން އިހްސާސް ކުރެވެއެވެ. މާޔޫސް ކަމުގެ ތެރޭ ދިރިއުޅުން ތަހައްމަލު ކުރައެވެ. މީގެ ސަބަބުން ނޭދެވޭ އެތައް ކަމެއް ސިއްޙީ ގޮތުން މެދުވެރި ވެއެވެ. އަދި ނޭވާލާން އުނދަގޫ ވުން އިތުރުވެ ފަރުވާ ހޯދަން ޖެހިދެއެވެ.

ރަޒީނާއި ޝާހިދުގެ މަރަކީވެސް މިފަދަ ހާލަތެއް ކަމަށް ބުނެވިދާނެއެވެ. އެދެމަފިރިންގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނާކަށް ނެތެވެ. ދުޅަހެޔޮ ސިއްޙަތެއްގައި އުފަލާއި ހިތްހަމަ ޖެހުމާއެކު ދިރިއުޅެމުން އައި ދެމަފިރިއެކެވެ. ކުދިންގެ މުސްތަގުބަކަށްޓަކައި ގަދައަޅާ މަސައްކަތް ކުރަމުން ދިޔަ ދެމަފިއެކެވެ. ގިނަ ބަޔަކު ގަބޫލު ކުރާގޮތުގައި އެއީ ގުދުރަތީ މަރަކެވެ.

މަރުވެދިޔައީ ބައްދާލައިގެން ތިއްބައެވެ. އެކުއެކީ ކަހަލަ ގޮތަކަށެވެ. ވަޅުލެވުނީ އެއް ވަޅެއްގައެވެ. މިއީ ގުދުރަތުގެ ނިޔާއެވެ. މަރު އަންނާނީ ކޮންވަގުތަކު ކަމެއް އެކަކަށްވެސް ނޭގޭނެއެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ދެކޭނެ މީހެކެވެ.