English Edition
Dhivehi Edition

މި އަހަރުގެ ރޯދަމަހުގައި ރައްޔިތުނަށް ބޭނުންވާ ވަރަށް ދަޅު މަސް ލިބެން ހުންނާނެ ކަމަށާއި ދަޅުމަހަށް ޖެހިގެން އުޅޭކަށް ނުޖެހޭނެ ކަމަށް މޯލްޑިވްސް ފިޝަރީޒް ކޮމްޕްލެކްސް (މިފްކޯ) އިން ބުނެފިއެވެ.

މިފްކޯ އިން ވާހަކަ ދެއްކެވި ސީނިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މި އަހަރުގެ ރޯދަ މަހަށް އެ ކުންފުނިން ފުރިހަމައަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.”ރޯދަ މަހު ބާޒާރަށް ބޭނުންވާ ވަރަށް ދަޅު މަސް ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް،” އޮފިޝަލް ވިދާޅުވި އެވެ.

ރޯދަމަހަށް މިފްކޯ ތައްޔާރު ވެފައިވާއިރު އެ ކުންފުނިން އުފައްދާ މަސްދަޅު ތަކަށް ވެސް ވަނީ އެކަމުގެ ހެޔޮ ބަދަލު އައިސްފައެވެ. އެގޮތުން މިހާރު ދަޅު މަސް ފަސޭހައިން ކެނޑޭނެ ގޮތަށް ދަޅު މަތީގައި ފުރަތަަމަ ފަހަރަށް ވަނީ ޕިން ހިމަނާފަ އެވެ. މީގެ ސަބަބުން މިހާރު އެ ކުންފުނިން އުފައްދާ މަސްދަޅުތައް ދަޅުކެނޑިއާ ނުލައި ފަސޭހަ ކަމާއެކު ދަޅު ކަނޑާލެވޭނެ އެވެ.

މޯލްޑިވްސް ފިޝަރީޒް ކޮމްޕްލެކްސް (މިފްކޯ) އަކީ ސަރުކާރުގެ ސަތޭކަ އިންސައްތަ ހިއްސާ އޮންނަ ކުންފުންޏެކެވެ. އަދި މިއީ ރާއްޖޭގައި އެންމެ ގިނައިން ދަޅުމަސް އުފައްދާ ކުންފުނި ވެސްމެއެވެ. އެ ކުންފުނިން ދަނީ “ފަސްމީރު” ބްރޭންޑުގެ ނަމުގައި ދަޅު މަސް ވިއްކަމުންނެވެ. މި ބްރޭންޑުގައި ތެޔޮ މަހާއި ފެން މަސް ވިއްކަ އެވެ. އަދި މީގެ އިތުރުން ވެސް ސޯސް އަޅައިގެން ވެސް ދަޅު މަސް ވިއްކަ އެވެ. މިފްކޯގެ ފިހާރަތައް ރާއްޖޭގެ އެކި ހިސާބުތަކުގައި އެބަ ހުއްޓެވެ.