English Edition
Dhivehi Edition

ސްރީލަންކާ ނުވަތަ އިންޑިއާއަށް ގޮސްފި ކޮންމެ މީހެއްގެ ޝަކުވާ އަކަށް ވަނީ އޮޓޯ ޑްރައިވަރުންގެ މަކަރުވެރި ކަމުގެ ވާހަކައެވެ.

ދަތުރާ އެކަށީގެން ނުވާ އަގެއް ނުހައްގުން އަތުލާ ވާހަކައެވެ. ކުރޮޅީގައި މީޓަރު ހުރެމެ، މީޓަރު ނުޖައްސާ ވާހަކައެވެ. މީޓަރު ހަލާކުވެފައި ކަމަށް ބުނެ ދައްކާ ބަހަނާތަކުގެ ވާހަކައެވެ.

މި ފަހަރު މިއޮތީ، ސްރީލަންކާއަށް ދަތުރު ރާވަމުންދާ މީހުންނަށް އުފާވެރި ޚަބަރެކެވެ. އެ ގައުމުގެ ސަރުކާރުން، މި ޖެނުއަރީ މަހުގެ 9 ވަނަ ދުވަހު ގެޒެޓްކުރި ގަވާއިދު ބުނާގޮތުން ކުރޮޅި ޑްރައިވަރުންނަށް މީޓަރު ނުޖައްސައި ދުއްވައިގެން ދެނެއް ފަރަކު ނުޖެއްސޭނެއެވެ.

އެ ގަވާއިދު ބުނާ ގޮތުން ދަތުރުކުރާ ކުރޮޅީގައި މީޓަރު ބަހައްޓައި އެ ބޭނުން ކުރަން ޖެހެއެވެ. އަދި ދަތުރު ކުރަމުންދާ އިރު ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާކަމެކެވެ.
ފަސިންޖަރުން ދާން ބޭނުންވާ މަންޒިލާ ހަމައަށް ނުދެވެނީސް ދަތުރު ހުއްޓާލުމްކީ މަނާކަމެކެވެ. ފަސިންޖަރުން ނުއެދޭ ކަމަށްވާނަމަ، އެދާ މަންޒިލަށް ދިޔުމަށްޓަކައި ދިގު ރާސްތާ ބޭނުން ކުރުމަކީވެސް މަނާ ކަމެއް ކަމުގައި އެ ގަވާއިދު ބުނެއެވެ. މީގެ އިތުރަށް ދަތުރު ނިންމާލުމަށްފަހު، ދަތުރުގެ ދިގުމިނާއި، އުޅަނދުގެ ރަޖިސްޓްރޭޝަން ނަމްބަރާއި، ދަތުރުގެ ފީ އަދި ތާރީޚް ހިމެނޭ ރަސީދެއް ފަސިންޖަރަށް ދޭންޖެހެއެވެ.

މީގެ އިތުރަށް، އުޅަނދު ދުއްވާ ފަރާތުގެ ޑްރައިވިން ލައިސަންސް ނަމްބަރާއި، ދުއްވާ ފަރާތުގެ ފޮޓޯ، ޑްރައިވަރުގެ ފޯނު ނަމްބަރު، އަދި އެމަޖެންސީ ހާލަތުގައި އަންގަންޖެހޭ ފޮލިސް ސްޓޭޝަންގެ ނަންބަރު ދަތުރުކުރާ ފަސިންޖަރަށް ފަސޭހައިން ފެންނާނެ ގޮތަށް ބެހެއްޓުމަށްވެސް އެ ގަވާއިދު ބުނެއެވެ.

ކޮންމެ ގޮތެއް ވިޔަސް މިފަހަރު މިއޮތީ ސްރީލަންކާ ސަރުކާރުން މިކަމަށް ހައްލެއް ގެނައުމަށްޓަކައި ފިޔަވަޅު އަޅުއްވާފައެވެ. ޑްރައިވަރުންގެ އަމަލުތައް ބަލަން ތިބެމާ ހިނގާށެވެ.