English Edition
Dhivehi Edition

މިދިޔަ 2016 ވަނަ އަހަރުގެ އޮކްޓޫބަރ އަދި ނޮވެމްބަރ މަހުގެ އޯލެވެލް އިމްތިހާނުގައި އައްޑޫގެ ސްކޫލުތަކުން ބައިވެރިވި ކުދިންގެ ނިސްބަތް އުޅެނީ 80 އިންސައްތައިގައި ކަމަށް އެސްކޫލުތަކުން ފާހަގަ ކޮށްފިއެވެ.

ސްކޫލުތަކުގެގެ ޕްރިންސިޕަލުން ފާހަގަ ކުރައްވާ ގޮތުގައި، ދަސްވާރު ޕްރޮގްރާމް ނުހިމަނާ އެސްކޫލުތަކުންން އޯލެވެލްގައި ބައިވެރިވި ކުދިންގެ ތެރެއިން ޖުމުލަ 5 މާއްދާއިން ފާސްވި ނިސްބަތް އުޅެނީ 80 އިންސައްތައިން މަތީގައި ކަމަށެވެ.

މިދިޔަ އަހަރު އޯލެވެލް އިމްތިހާނުގައި އައްޑޫ ސިޓީގެ 5 ސްކޫލަކުން 376 ކުދިން ބައިވެރި ވެފައިވެއެވެ. އެސްކޫލު ތަކަކީ ޝަރަފުއްދީން ސްކޫލް، ހިތަދޫ ސްކޫލް، ފޭދޫ ސްކޫލް، އިރުޝާދިއްޔާ ސްކޫލް އަދި ހުޅުމީދޫގެ ސ.އަތޮޅު މަދަރުސާއެވެ.

އޭގެ ތެރެއިން ޝަރަފުއްދީނު ސްކޫލުން 150 ކުދިން ބައިވެރިވެފައިވާއިރު އެސްކޫލުގެ އުއްމީދަކީ 30 ކުއްޖަކު ގައުމީ ޓޮޕްޓެންގައި ހިމެނިގެންދާނެ ކަމަށެވެ. ހިތަދޫ ސްކޫލުން 60 ކުދިން އިމްތިހާނުގައި ބައިވެރިވެ 6 ކުއްޖަކު ގައުމީ ޓޮޕްޓެންގައި ހިމެނޭނެ ކަމަށް އެސްކޫލުން ލަފާކުރައްވައެވެ. އަދި ފޭދޫ ސްކޫލުގެ 54 ކުއްޖަކު އިމްތިހާނުގައި ބައިވެރިވެ އޭގެ ތެރެއިން 7 ކުއްޖަކު ގައުމީ ޓޮޕްޓެންގައި ހިމެނިގެންދާނެ ކަމަށް އެސްކޫލުން އުއްމީދު ކުރައްވައެވެ.

މިއަހަރުގެ ސްކޫލުތަކުގެ ނަތީޖާ މިދިޔަ އަހަރާއި އަޅާބަލާއިރު ކުރިއެރުން ލިބިފައިވާ ކަމަށް ހުރިހާ ސްކޫލަކުންވެސް ފާހަގަ ކުރެއްވިއެވެ. އެހެންކަމުން މިއަހަރުގެ ނަތީޖާއާއި މެދު ހުރިހާ ސްކޫލަކުންވެސް ވަނީ ހިތްހަމަ ޖެހިފައެވެ. ނަމަވެސް އަންނަ އަހަރުގެ ނަތީޖާ މިއަށްވުރެ ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ސްކޫލުތަކުން ވިދާޅުވެއެވެ.

އައްޑޫ ސިޓީގެ ސްކޫލުތަކުގައި ކިޔަވާ ދެއްވާ އެސްއެސްސީ އިމްތިހާނުގެ ދެމާއްދާ ކަމަށްވާ އިސްލާމާއި ދިވެހި މާއްދާއިން އެކަށީގެންވާ ރަނގަޅު ނަތީޖާއެއް މިއަހަރު ހާސިލު ކުރެވިފައިވީ ނަމަވެސް އާއްމު ގޮތެއްގައި މިދެމާއްދާގެ ނަތީޖާ އެހާ ރަނގަޅު ނޫންކަމަށް ފާހަގަ ކުރެވެއެވެ.

އަމިއްލަ މާދަރީ ބަހުން މިދެމާއްދާ ކިޔަވާ ދެއްވާއިރުވެސް ގިނަކުދިން މިދެމާއްދާއިން ދަށްނަތީޖާ ހޯދަމުން ދިއުމަކީ ވިސްނާލަން ޖެހިފައިވާ މުހިއްމު ކަމެކެވެ. ގިނަކުދިން ގަބޫލު ކުރާގޮތުގައި މިދެމާއްދާ އެހާވަރަކަށް ކިޔަވާ ހިތެއް ނުވެއެވެ. ސަބަބެއްކަމަށް އެކުދިން ފާހަގަ ކުރަނީ ފޫހިވާތީ ކަމަށެވެ.

މިގޮތަށް ކުދިން ފޫހިވުމަށް މެދުވެރިވާނެ ހަމައެކަނި ސަބަބަކީ އެކުދިންނާއި ރައްޓެހި ގޮތަކަށް ނުވަތަ ޝައުގު ވެރިވާނެ ގޮތަކަށް އެދެމާއްދާ ކިޔަވާ ދެއްވާ މުދައްރިސުންނަށް ކިޔަވާ ނުދެވޭތީ ކަމަށް ތައުލީމީ ދާއިރާގެ ދުވަސްވެފައިވާ ތަޖުރިބާ ކާރުން ގަބޫލު ކުރައްވައެވެ. “މިހާރަށް ވުރެ މުދައްރިސުންގެ ފެންވަރު ރަނގަޅުވާން އެބަޖެހޭ. ކުދިން ޝައުގު ވެރިވާ ގޮތައް ފިލާވަޅު ނަގާދެވެން އެބަޖެހޭ. އަސްލު މީ ކަންބޮޑުވާން ޖެހޭ ކަމެއް.” ކިޔާވަދާ ދެއްވުމުގައި އުޅުއްވާ ބޭފުޅަކު ވިދާޅުވިއެވެ.

“މުދައްރިސް ވަރަށް ފޫހި. އަބަދު ހުންނަނީ ރުޅި އައިސްފަ. އަބަދު ހަޅޭލަވާނީ. އެއްޗެއް އަހާލާކަށް ނުކުރޭ. ލިޔުން ހަޑިއޭ ކިޔާ ހަޅޭލަވާނެ. ދެވަނަ ފަހަރަށް ސުވާލެއް ކޮށްލާކަށް ނުކެރޭ” މިއީ ބައެއް ކުދިން މިދެމާއްދާ މުދައްރިސުންނާއި މެދު ވިސްނުން ހުރިގޮތެވެ.