އައްޑޫ ސިޓީ ގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމަޓީއިން އިންތިޒާމުކޮށްގެން ‘ދިޔެގެ ހަވި’ ނަމުގައި ފެސްޓިވަލްއެއް ބާއްވައިފިއެވެ.
އައްޑޫ ސިޓީގެ މަރަދޫ އަދި ހުޅުމީދޫގައި އިއްޔެ މި ފެސްޓިވަލް ކުރިއަށް ގެންގޮސްފައިވަނީ މެންދުރުފަހު 2 ކުން ރޭގަނޑު 11 އަށެވެ. އަންހެނުންގެ ދުވަހާއި ގުޅިގެން ބޭއްވި މި ފެސްޓިވަލް ކުރިއަށް ގެންގޮސްފައިވަނީ އައްޑޫގެ އަންހެން ކަނބަލުންގެ އަމިއްލަ އުފެއްދުންތައް ވިއްކުމާއި، ކުދި ވިޔަފާރިކުރާ ކަނބަލުންނަށް ވިޔަފާރި އިޝްތިހާރުކުރެވޭ ގޮތަށެވެ.
ލައިވް މިއުޒިކާއި އެކު ކުރިއަށް ދިޔަ މި ފެސްޓިވަލްގައި އައްޑޫގެ ގުޅިފައިވާ ރަށްތަކުން 20 ފަރާތަކުން އަދި ހުޅުމީދޫގައި 11 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. މި ހަރަކާތާއި ބެހޭ ގޮތުން ވާހަކަދައްކަމުން ބައިވެރިއަކު ބުނީ މިއީ އަންހެނުންގެ އުފެއްދުންތައް އިޝްތިހާރުކޮށް މާކެޓް ކުރުމަށް ލިބުނު ރަގަޅު ފުރުސަތެއް ކަމުގައެވެ. “މި އިވެންޓްގައި ބައިވެރިވީމަ އެނގިގެން ދިޔަ އަދި އެއްޗެއް ހަދާފަ ގޭގައި ވިކޭތޯ ބަލަން ތިބެގެން މިކަންތައް އެންމެ ފުރިހަމައަށް ކުރިއަށް ނުގެންދެވޭނެކަން. އިޝްތިހާރުކޮށް އަހަރެމެންގެ އުފެއްދުންތައް ބޭރުތެރެއަށްވެސް ނެރެން އެބަޖެހޭ ކަން”ސްޓޯލެއްގެ ވެރިއަކު ބުންޏެވެ.
މި ފެސްޓިވަލްއަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާއިރު އައްޑޫ ސިޓީ ކައުންސިލާއި އަންހެނުންގެ ކޮމަޓީ ގުޅިގެން މިފަދަ އިތުރު ފެސްޓިވަލްއެއް ބޭއްވުމަށްވަނީ ނިންމާފައެވެ.