English Edition
Dhivehi Edition

އިންޑިއާ އާއި ސްރީލަންކާ އަދި މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ދައުލަތުގެ ޚަރަދުގައި ސިއްހީ ޚިދުމަތް ދިނުމަށް “މެރަނާ” ސްކީމް ތައާރަފު ކޮށްފިއެވެ. ކޮންމެ މީހަކަށް ވެސް މިހިދުމަތުގައި ބައިވެރިވެވޭނީ މަދުވެގެން 6 މަސްދުވަހުގެ ވިސާ ލިބިފައިވާ ނަމައެވެ. މީގެ ތެރޭގައި ބިޒްނަސް ވިސާ ނުހިމެނޭކަމަށް އާސަންދަ ކުންފުނިން އިއްޔެ ވަނީ ބުނެފައެވެ. “މެރަނާ”ސްކީމްގައި ހިމެނޭނީވެސް އާސަންދާއިން ލިބިދޭ ޚިދުމަތްތަކެވެ. މިސްކީމްގައި ރަޖިސްޓްރީ ކުރުމަށް ކޭމްޕެއް އިންޑިޔާއާއި ސްރީލަންކާގައިވަނީ ކުރިއަށް ގެންގޮސްފައިވެއެވެ.

މެރަނާ ސްކީމާ ގުޅޭ ގޮތުން އާސަންދަ ކުންފުނީގެ އެސިސްޓެންޓް ޖެނެރަލް މެނޭޖާ އައިމިނަތު ޒީނިއާ ވިދާޅުވީ މެރަނާ ސްކީމުގައި ރަޖިސްޓްރީ ވުމުން ހުސްނުވާ އާސަންދައިގެ ހިދުމަތް އެ މީހަކަށް ލިބޭނެ ކަމަށެވެ. އިންޑިއާ އާއި ސްރީލަންކާގައި އާސަންދައިގެ ޚިދުމަތް ފޯރުކޮށްދޭ ހޮސްޕިޓަލްތަކުން މި ޚިދުމަތް ލިބޭނެއެވެ. މެލޭޝިއާގައި ކުރިއަށް އޮތް ދެމަސްދުވަހުގެތެރޭގައި މިޚިދުމަތް ލިބިގެންދާނެ ކަމަށް އާސަންދަ ކުންފުނިން ޒީނިއާ މަޢުލޫމާތުދެއެވެ.

މެރަނާ ސްކީމަކީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އެކިކަންކަމުގައި ލުއިފަސޭހަ ގޮތްތައް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވަޢުދުފުޅުގެ ދަށުން ހަމަޖެއްސެވި ޚިދުމަތެކެވެ. މިކަމާއި ގުޅިގެން އިންޑިއާ އާއި ސްރީލަންކާ އަދި މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ސިއްހީ ޚިދުމަތް ހޯދުމުގައި ފަސޭހަތަކެއް ލިބިގެންދާނެއެވެ.