ވައިޓްހައުސް (ހުދު ގަނޑުވަރު) އަކީ އެމެރިކާގެ ރައީސަކަށް އޭރަކު ހުންނަވާ ބޭފުޅަކު ދިރިއުޅުއްވާ ގަނޑުވަރެވެ. އަދި އެބޭފުޅަކު މަސައްކަތް ކުރައްވާ އޮފީސްވެސް މެއެވެ.
އެ ގަނޑުވަރު ހުންނަނީ އެމެރިކާގެ ވެރިރަށް ވޮޝިންޓަން ޑީސީގެ ހުޅަނގު އުތުރުގެ ޕެންސަލްވީނިއާ މަގުގެ 1600 ގައެވެ. ވައިޓްހައުސް ބިނާކޮށްފައިވަނީ 1792 އާއި 1800 އާ ދެމެދުގައެވެ. ގަނޑުވަރު ފަރުމާކޮށްފައިވަނީ ޖޭމްސް ހޯބަންއެވެ.
“ޑިމޮކްރަސީސް ބިގްޑޭ: ދަ އިނޮގްރޭޝަން އޮފް އަވަރ ޕްރެޒިޑެންޓް 1789-2009” މި ފޮތުގައި ބުނެފައިވަނީ އެންމެ ފުރަތަމަ ވައިޓްހައުސްއަށް ދިރިއުޅުއްވުން ބަދަލުކުރެއްވި ރައީސަކީ ޖޯން އެޑަމްސްއެވެ. ޖޯން އެޑަމްސްއަށް ފަހު ވައިޓުހައުސްގައި 43 ރައީސުން އުޅުއްވާފައިވެއެވެ. އެންމެފަހުން އުޅުއްވީ އެމެރިކާގެ 44 ވަނަ ރައީސް ބަރަކް ހުސައިން އޮބާމާއެވެ. އެމަނިކުފާނުގެ ރިޔާސީ ދެ ދައުރު ފުރިހަމަ ކުރުމަށްފަހު ވައިޓްހައުސްއިން ނުކުމެ ވަޑައިގެންފައިވަނީ މިމަހު 20 ވަނަ ދުވަހުއެވެ. ހަމަ އެދުވަހު އެމެރިކާގެ 45 ވަނަ ރައީސް ޑޮނަލްޑް ޖޭ ޓްރަޕްވަނީ އެގަނޑުވަރުގައި އުޅުއްވަން ފައްޓަވައިފައެވެ.
އެމެރިކާގެ ފުރަތަމަ ރައީސް އަދި އެގައުމުގެ “ބައްޕަ” ކަމަށްބަލާ ޖޯޖް ވޮޝިންޓަން އެގަނޑުވަރުގައި ނުއުޅުއްވައެވެ.
ވައިޓްހައުސްގެ ތާރީޚަކީ ޒަމާނުއްސުރެ މީހުން ޝައުގުވެރިވާ ތާރީޚެކެވެ. އެގަނޑުވަރުގެ ތާރީޚަށް ބަލާއިރު 1814 ވަނަ އަހަރު އިނގިރޭސީންނާ ދެކޮޅަށްކުރި ހަނގުރާމައެއްގައި އިނގިރޭސީންވަނީ ވައިޓްހައުސްގައި ރޯކޮށް އަންދައިލައިފައެވެ. އެ ހާދިސާއަށްފަހު އެތަން މަރާމާތު ކުރިއެވެ. އަދި ދުންޖެހި ކަޅުވެފައިވާ ތަންތަނުގައި ހުދު ކުލަލައި ރީތިކުރިއެވެ.
ވައިޓް ހައުސްއަށް އެނަން ދެވުނީ 1901 ވަނަ އަހަރު އެވެ. އެނަން ދެއްވީ އެމެރިކާގެ 32 ވަނަ ރައީސް ފްރެންކްލިން ޑިލާނޯ ރޫޒަވެލްޓް ކަމަށްވެއެވެ. އެނަން ދެވުނީ އެމަނިކުފާނު ލިޔުއްވަން ބޭނުންފުޅު ކުރެއްވި ކަރުދާސް ތަކުގައި “ވައިޓް ހައުސް” ލިޔުއްވަން ފެއްޓެވި ހިސާބުންނެވެ. އޭގެކުރިން އެއީ “ޕްރެޒިޑެންޓްސް ޕެލަސް” އެވެ.
އެކި ޒަމާންތަކުގައި ވައިޓް ހައުސް އަށް ތަފާތު ބަދަލު ގެނެސްފައިވެއެވެ. އެގޮތުން 1902 ވަނަ އަހަރު ” ވެސްޓް ވިންގް” ގެ ނަމުގައި ބައެއް އިތުރުކުރިއެވެ. 1942 ވަނަ އަހަރު “އީސްޓް ވިންގް” ގެ ނަމުގައި ބައެއް އިތުރުކުރިއެވެ. 1952 ވަނަ އަހަރު ޕެންޓް ހައުސް އާއި ބޮމް ޝެލްޓާއެއް ހެދިއެވެ.
1948 ވަނަ އަހަރުން ފެށިގެން 1952 ވަނަ އަހަރުގެ މާރިޗް މަހާ ހަމައަށް ރައީސް ހެރީ އެސް ޓްރޫމަންގެ ވެރިކަމުގައި ވައިޓް ހައުސްގެ އެތެރޭގެ ފަރުމާ އެއްކޮށް ބަދަލު ކުރެއްވިއެވެ. އަދި ބޭރުގެ ފައުރުތައް ވަރުގަދަ ކުރެއްވިއެވެ.
އެމެރިކާގެ ކޮންމެ ރައީސަކުވެސް ވައިޓްހައުސްއަށް ވަޑައިގަންނަވަނީ ވެރިކަމުގެ ހުވައި ކުރެއްވުމަށްފަހުއެވެ. އެމެރިކާގެ ރައީސް ކަމުގެ ހުވައި ކުރިން ކުރަމުންއައީ މާރިޗު 4 ވަނަ ދުވަހުއެވެ. އެހެންނަމަވެސް 1933 ވަނަ އަހަރު، އެގައުމުގެ ގާނޫނު އަސާސީއަށް ގެނައި 20 ވަނަ ބަދަލާ އެކު ރައީސް ހުވައި ކުރައްވާނީ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ކަމަށް ކަނޑައެޅުނެވެ. އޭގެ ފަހުން އަދާ ޖެހެންދެންވެސް އެމެރިކާގެ ރައީސް ވެރިކަމުގެ ހުވައި ކުރެއްވުން އޮންނަނީ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ.
މި ބަދަލު ގެނެސްފައި ވިޔަސް، ޖެނުއަރީ 20 ވަނަދުވަހަކީ އާދީއްތަ (ބަންދު) ދުވަހަކާ ދިމާވެއްޖެނަމަ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތު ބާއްވަނީ އެހާހުޅުވައިލައިގެނެއް ނޫނެވެ. އެހެންނަމަވެސް ޖެހިގެން އަންނަ ހޯމަ ދުވަހު އެރަސްމިއްޔާތު ކުލަގަދަ ގޮތެއްގައި ބާއްވައެވެ.
ޖެނުއަރީ 21 ވީ ހޯމަދުވަހެއްގައި، އެންމެ ފަހުން ހުވައި ކުރެއްވި އެމެރިކާގެ ރައީސަކީ ބަރަކް އޮބާމާއެވެ. އެއީ އޮބާމާގެ ދެވަނަ ދައުރުގެ ހުވައެވެ. އޭގެއިތުރަށް 1957 ވަނަ އަހަރާއި، 1985 ވަނަ އަހަރުވެސް ޖެނުއަރީ 21 ވީ ހޯމަ ދުވަހެއްގައި އެމެރިކާގެ ރައީސް ކަމުގެ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައިވެއެވެ.
ރައީސެއްގެ ހައިސިއްތު ލިބިވަޑައިގެން އެންމެ ފަހުން ވައިޓްހައުސްއަށް ވަދެވަޑައިގެންނެވި، އެމެރިކާގެ 45 ވަނަ ރައީސް ޑޮނަލްޓް ޓްރަމްޕް ވެރިކަމުގެ ހުވައި ކުރެއްވީ މިމަހުގެ 20 ވަނަ ދުވަހުއެވެ. އެ ރަސްމީއަޔާތު އޮތީ އެ ގައުމުގެ ވެރިރަށް ވޮޝިންޓަން ޑީސީގައި ހުންނަ ޕާލަމެންޓް އިމާރާތް ކެޕިޓޯލް ހިލްގައެވެ. އެރަސްމިއްޔާތުގައި 800،000 އެއް ހާ މީހުން ބައިވެރިވެފައިވެއެވެ.