English Edition
Dhivehi Edition

އެމެރިކާއާއި ޔޫރަޕްގެ ގައުމުގެ ތަކުގެ އިތުރުން ޖަޕާން އަދި ސިންގަޕޫރު ސްކޫލުތަކުގެ ކުދިންނަކީ އެކުދިން ކިޔަވާ ހުރިހާ މާއްދާއަކުންވެސް ވަރަށް މޮޅު ކުދިންނެވެ. ޚާއްސަކޮށް ހިސާބުގެ ޢިލްމަށް މޮޅުކަމަށް ފާހަގަ ކުރެވުނެވެ. ނަމަވެސް މިހާރު ދުނިޔޭގައި “މެތްސް” ނުވަތަ ހިސާބަށް އެންމެ މޮޅުކުދިން އުޅެނީ ޗައިނާގެ ޝަންހާއީގައެވެ. ޗައިނާގެ ކުދިން މިހާ މޮޅުވީ ކީއްވެ ހެއްޔެވެ؟ މީގެ ހަގީގަތަކީ ކޮބައި ހެއްޔެވެ؟

ރާއްޖޭގައިވެސް ހިސާބު މާއްދާ ވެފައި އޮންނަނީ ކުދިންނަށް ވަރަށް ބޮޑު ގޮންޖެހުމަކަށެވެ. ގިނަ ކުދިން ހިސާބު ކިޔަވާ ހިތްވެސް ނުވެއެވެ. ސްކޫލުގައި ކުދިންނަށް ކުރިއަށް އަރައިގެން ނުދެވެނީވެސް ހިސާބު މާއްދާގެ ފޫހިކަން ބޮޑުވެގެން ކަމަށް ބައެއް ކުދިން ބުނެއެވެ. ޝަންހާއީގައި ކިޔަވާ ދިނުމުގެ ވައްޓަފާޅިއަށް ބަލާލަމާ ހިނގާށެވެ.

ޝަންހާއީގެ ޕްރައިމަރީ ސްކޫލުތަކުގެ ޓީޗަރުންނާއި ދުނިޔޭގެ އެހެން ހުރިހާ ގައުމެއްގެ ޕްރައިމަރީ ޓީޗަރުންނާއި ވަރަށް ތަފާތެވެ. ޝަންހާއީގައި ކޮންމެ ޓީޗަރަކުވެސް ޚާއްސަވެފައި އޮންނަނީ ހަމަ އެކަނި އެންމެ މާއްދާއެއް ކިޔަވާ ދިނުމަށެވެ. މެތްސް ކިޔަވާދޭ ޓީޗަރު ކިޔަވާދޭނީ ހަމައެކަނި މެތްސް އެވެ.

ޝަންހާއީގެ ސްކޫލު ތަކުގެ މިންގަނޑަށް ކިޔަވާދިނުމަށް އެޓީޗަރުން ފަސް އަހަރު ދުވަހުގެ ޓްރެއިނިން އެއްގައި ބައިވެރިވާން ޖެހެއެވެ. އަދި އެޓީޗަރުން ތަމްރީނު ކުރެވޭނީ ވަކި އުމުރު ފުރައަކަށެވެ. މިތަމްރީނު ދުވަސް ވަރު އެޓީޗަރުންނަށް އެމީހުން ކިޔާވާދޭންޖެހޭ މާއްދާއާއި އަދި ކުދިން ފިލާވަޅު ދަސްކުރާގޮތް ވަރަށް ރަނގަޅަށް ބުނެދީ ތަމްރީނު ދެއެވެ.

މިގޮތަށް ތަމްރީނުވާ ޓީޗަރުން ދުވާލަކު ކިޔަވާދިނުމަށް ހަމަޖެހިފައި އޮންނަނީ ދެފިލާވަޅެވެ. އެހެން ވަގުތުތައް ހޭދަ ކުރަންޖެހޭނީ އެކުދިންނަށް އެހީތެރި ވުމަށާއި އަދި އެހެން ޓީޗަރުންނާއި ބައްދަލުކޮށް ކިޔަވާ ދިނުމުގެ ހުނަރުތަކާއި މެދު ވާހަކަ ދައްކާ ޚިޔާލު ބަދަލު ކުރުމެވެ.

ރާއްޖޭގައި ޕްރިމަރީ ޓީޗަރުން ހުރިހާ މާއްދާއެއް ކިޔާވާދޭން ޖެހެއެވެ. އަދި އެޓީޗަރުން އެހުރިހާ މާއްދާއެއް ކިޔާދިނުމަށް ފުރަތަމަ ހޭދަ ކުރަން ޖެހެނީ ގިނަވެގެން ދޮޅުއަހަރެއްހާ ދުވަހެވެ. އޭގެފަހުން ސްކޫލުތަކާއި ގުޅި ކިޔަވާދޭން ފަށަނީއެވެ. މިގޮތަށް ޓްރެއިންވާ ގިނަ ޓީޗަރުންގެ މަގްސަދަކީ ދިރިއުޅުމުގެ ކަންތައްތައް ހަމަޖެއްސުމަށް ވަޒީފާއެއް ހޯދުމެވެ. ތަމްރީނު ލިބިގަންނަނީ ވަޒީފާ ހޯދާށެވެ. ކިޔަވާ ދިނުން އޮންނަނީ ދެވަނަ ގިންތީގައެވެ.

ސެކަންޑްރީ މަރުހަލާގައި ރާއްޖޭގައިވެސް ކޮންމެ މާއްދާއަކަށް ވަކި ޓީޗަރަކު ހަމަޖެހިފައި ހުރެއެވެ. އެޓީޗަރުން ފިލާވަޅު ތައްޔާރު ކުރުމަށާއި އަދި ފޮތްތައް މާކް ކުރުމަށް ހޭދަ ކުރާ މިންވަރުގެ ބައިކުޅަ ބައިވެސް ކުލާހުގައި ކުދިންނާއެކު ހޭދަކޮށް ނުލައެވެ. އެދުވަހެއްގައި އެމާއްދާއެއް ކިޔަވާ ދިނުމަށް އޮންނަ 35 މިނިޓު ގާތްގަނޑަކަށް 30 ކުދިންނާއެކު ހޭދަކޮށްލުމުން ނިމުނީއެވެ. ކުއްޖަކަށް އެހީތެރިވުމަށް މިނިޓެއްގެ މިންވަރުވެސް ހޭދަ ނުވެއެވެ. ދުވަސް ނިމޭއިރު ނަގާދޭން ޖެހިފައި އޮންނަ ގަޑި ގިނަވުމުގެ ސަބަބުން ސްކޫލު ނިމޭ ގަޑި ޖެހޭއިރު ޓީޗަރު ހުންނަނީ ވަރުބަލިވެފައެވެ.

ޝަންހާއީގައިވެސް ޓީޗަރު ކްލާސް ރޫމުގައި ހޭދަ ކޮށްލަނީ މީހާވަރުގެ ވަގުތު ކޮޅަކެވެ. އެހެނަސް ކްލާހުން ބޭރުގައި ޓީޗަރު އެކުދިންނާ އަޅާލާ އަދި އެހީތެރިވުމަށް ގިނަވަގުތު ހޭދަ ކުރައެވެ. އެމީހުން ދުވާލަކަށް ނަގަން ޖެހޭނީ ދެ ގަޑިއެވެ. އެހެނަސް ސްކޫލުގައި ހޭދަ ކުރަންޖެހޭ ވަގުތު ޝެންހާއީގައި ގިނައެވެ. ކްލާހުގައި ކުދިންވެސް ގިނައެވެ. ކިޔަވާދިނުމަށް 35 މިނިޓް ހޭދަކޮށް 15 މިނިޓް ކުޅެން ލިބެއެވެ.

ތަފާތު ލެވެލް ތަކުގެ ކުދިން ވަކި ބަޔަކަށް ބެހުމެއް ނޯވެއެވެ. ދަށްގްރޭޑް ތަކުގައި މުޅިންހެން އޮންނަނީ އެރިތްމެޓިކްސް އެވެ. މިބައި ކިޔަވާދެނީ ވަރަށް ގިނަ ދުވަހުންނެވެ. ކުދިން މިބަޔަށް ވަރަށް ބޮޑަށް ފަރިތަ ކުރުވައެވެ.

ފްރެކްޝަންގެ ބައިތައް އެންމެ ފުރަތަމަވެސް ބުނެދޭން ފަށަނީ ގްރޭޑް 4 ނުވަތަ 5 ގައެވެ. އަދި ފްރެކްޝަން ފަށައި ގަތުމުގެ ކުރިން ހުރިހާ ކުދިން ގުނަކުރަންށާއި އަދި ގެއްލަން ރަނގަޅަށް ދަންނަން ޖެހޭނެއެވެ.

ޓީޗަރުގެ މަސައްކަތަކަށް އޮންނާނީ ހުރިހާ ކުދިންނަށް ވަރަށް ރަނގަޅަށް އެބުނެދިނުމެވެ. ވަގުތު ދިގުލައިގެން ދިއުމަކަށް ބެލުމެއް ނޯވެއެވެ. ކުދިންނާއެކު ގިނަވަގުތު ހޭދަކޮށް އެކުދިން އެރިތްމެޓިކަށް ފަރިތަކުރުމަކީ ޓީޗަރުގެ އެންމެ މުހިއްމު މަސައްކަތެވެ.

ރާއްޖޭގެ ސަގާފަތަކީ ކުދިން ސްކޫލުން ގެނެސް އަވަހަށް ޓިއުޝަނަށް ފޮނުވުމެވެ. ހަގީގަތުގައި ރާއްޖޭގެ ކުދިން ކިޔަވަނީ ޓިއުޝަނުންނެވެ. ޓީޗަރުންގެ މަގުސަދަކަށް ވެފައިވެސް އޮންނަނީ ގިނަކުދިންނަށް ޓިއުޝަން ދިނުމެވެ. ލިބޭ އާމްދަނީ ބޮޑު ކުރުމަށެވެ. އެޓީޗަރު ކިޔަވާދެއްވާ ކުދިންނަށް ވަކިން ގޭގެއަށް ގޮސް ޓިއުޝަން ދިނުމަކީ މަނާ ކަމެކެވެ. އެހެނަސް ޓީޗަރު ކުދިން ގާތު ކުލާހުގައި ބުނާކަމަށްވަނީ ޓިއުޝަނަށް އައުމުން ބުނެދޭނެ ކަމަށެވެ.

ސްކޫލުތަކަށް ސަރުކާރުން ކުރާ ހޭދައަށްވުރެ ބޮޑު ހޭދައެއް މީހާރު ބެލެވެރިން ކުދިންނަށް ޓިއުޝަން ދިނުމަށް ހޭދަ ކުރައެވެ. މިއީ ހަގީގަތެވެ. ޓިއުޝަނަށް ނުދާ ކުއްޖެއް ނަމަ ދުވަހަކުވެސް ކުލާހުގެ ޓެސްޓުން ފާހެއް ނުވެއެވެ. ގްރޭޑް އެކަކުން ފެށިގެން ޓިއުޝަން ނުނަގާ ކުއްޖަކު މިހާރު ރާއްޖޭގެ ނެތޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.

އޮކްސްފޯޑް ޔުނިވާސިޓީގެ ޕްރޮފެސާ އޭން ވަޓްސަން ވިދާޅުވަނީ، ހިސާބު މާއްދާ ކިޔަވާ ދިނުމަށް ކޮންމެ ޓީޗަރަކުވެސް ކުދިން ހިސާބު ކިޔަވާ ގޮތް ނުވަތަ އެކުދިން އެއުނގެނިގަންނަ ވައްޓަފާޅި ދަސްކޮށް އެކުދިންނަށް ފަސޭހާވާ ގޮތަކަށް ކިޔަވާ ދިނުމަކީ މުހިއްމު ކަމެއް ކަމަށެވެ. ގިނަ ވަގުތު ބޭނުންވާ ކުދިންނަށް ގިނަވަގުތު ދޭން ޖެހޭނެ ކަމަށެވެ.

ހިސާބުގެ އަސާސީ ހުރިހާ ބައިތަކެއް ކުދިން އަހުލުވެރި ކުރުވަން އެބަޖެހެއެވެ. އެކުދިން ދަސްކުރާ ވައްޓަފާޅި ދަނެގަނެ އެކުދިންނާއި ގުޅޭގޮތަށް އަސާސީ ބައިތައް ރަނގަޅަށް ދަސްކޮށްދިނުމަކީ ޕްރައިމަރީ ގްރޭޑް ތަކުގައި ވަރަށް މުހިއްމު ކަމެއް ކަމަށް ކަމުގެ މާހިރުން ވިދާޅުވެއެވެ.

އަދި މަތީ ސާނަވީގައިވެސް ކުދިން ވަކި ޓޮޕިކަކަށް ދަށް ނަމަ އޭގެ އަސާސީ ބައިން ފެށިގެން ކިޔަވާ ދިނުމަކީ މުހިއްމު ކަމެއް ކަމަށް ޝަންހާއީ ސްކޫލުތަކުގެ ޓީޗަރުން ގަބޫލު ކުރައެވެ. ޝަންހާއީ ސްކޫލުތަކުގެ ކުދިން ހިސާބު މާއްދާއަށް މޮޅުވަނީ ސްކޫލުގައި އެކުދިންނަށް އަޅާލާ، އެކުދިންނާއި ގުޅޭގޮތަށް އެކިޔަވާ ދީގެންނެވެ.

ނަމަވެސް ރާއްޖޭގެ މާހައުލުގައި ޓީޗަރުން މިދައުރު އަދާ ކުރަނީ ޕްރައިވެޓް ޓިއުޝަން ދީގެންނެވެ. މިފަދަ ޓިއުޝަންތަކުގައި ކުދިންނަށް ސްޕޫން ފީޑް ކުރެވެނީއެވެ. އެއީ ހަމައެކަނި ޓެސްޓުން ފާސްވުމަށް ދެވޭ ޓްރެއިނިންއެކެވެ.

ސާނަވީ ގްރޭޑް ތަކުގެ ހިސާބު މާއްދާ ޓެސްޓް ޕޭޕަރުން މުޅިންހެން މިފެންނަނީ އޯލެވެސް ޕާސްޓް ޕޭޕަރު ތަކުގައި ހުންނަ ސުވާލު ތަކެވެ. ސްކޫލު ޓީޗަރާއި ޓިއުޝަން ޓީޗަރުގެ ހުރިހާ މަސައްކަތަކީ ޕާސްޓް ޕޭޕަރުތައް ކުދިންލައްވާ ހައްދަނީއެވެ. ގިނަފަހަރު ޓެސްޓުގައި އަންނަނީ ހަމަ މިސުވާލެވެ.

މިކުދިން ވަޒީފާގެ މާހައުލަށް ނިކުތުމުން، މީގެ ސަބަބުން އަސަރު ކުރާނެ ކަމަށް ކަމުގެ މާހިރުން ވިދާޅުވެއެވެ. މިހާރު ތައުލީމު އުނގެނުން މިއޮންނަނީ ވަޒީފާއެއް ހޯދުމުގެ މަގުސަދަކަށް ވެފައެވެ. ކޮންމެ ގޮތެއް ހަދާފަވެސް ޕާސްމާކްސް ހޯދައެވެ. ނުވަތަ އެދާއިރާއަކަށް ބޭނުންވާ ސެޓްފިކެޓް ހާސިލް ކުރައެވެ.