English Edition
Dhivehi Edition

އޭޝިޔާގެ ކުރިއަރާފައިވާ އެއް ގައުމު ކަމަށްވާ ތައިލެންޑްގެ ފިހާރަތަކުގައި ވިއްކަން ހުންނަ ތަރުކާރީ އާއި މޭވާ ބަންދުކުރުމަށް ޕްލާސްޓިކް ވްރެޕްގެ ބަދަލުގައި ކެޔޮ ފަތް ބޭނުންކުރުން މިހާރު އާންމު ވެއްޖެއެވެ.

މިދިޔަ މަހުގައި މީސް މީޑިޔާގައި އާންމުވި ފޮޓޯތަކުން ދައްކާ ގޮތުގައި ބާޒާރުގައި މިގޮތަށް ބަންދުކޮށްފައިވާ މޭވާއާއި ތަރުކާރީގެ ތެރޭގައި އެސްޕާރަގަސް، މިރުސް، ކިއުކަންބާ ހިމެނެއެވެ. އޭގެ ފަހުން މިކަން އާންމުވެ އެ ސަރަހައްދުގެ ގިނަ ފިހާރަތަކުގައި މިހާރު ބޭނުން ކުރަނީ ތަރުކާރީ އާއި މޭވާ ބަންދުކުރުމަށް ޕްލާސްޓިކް ގެ ބަދަލުގައި ކެޔޮ ފަތެވެ.

ދޮންކެޔޮ ގަހުގެ ފަތަކީ ތައިލެންޑް ހިސާބުގައި ވަރަށް އާންމު އަދި އެހާމެ ފަސޭހަކަމާއެކު ހެއްދޭ އެއްޗެކެވެ. އާންމުކޮށް އެހިސާބުގައި ހުންނަ ކެޔޮ ފަތް 9 ވަރަކަށް ފޫޓަށް ދިގެވެ. ދުނިޔޭގެ އެހެން ހިސާބުތަކުގައި ވެސް ކެޔޮ ފަތް ކުރީޒަމާނުއްސުރެ ބޭނުން ކުރެއެވެ. އެގޮތުން ރާއްޖޭގައި މިހާރުވެސް އެކި ކަންކަމަށް ކެޔޮފަތް ބޭނުން ކުރެއެވެ. އަވަށްޓެރި އިންޑިޔާގައި ބޮޑެތި ކައިވެނި ހަފްލާ ތަކުގައި ކެއުމަށް ވެސް ހުންނަނީ ކެޔޮ ފަތެވެ. މިއީ ފަސޭހަކަމާއެކު ލިބޭ އަދި ތިމާވެއްޓާ ގުޅޭ އެއްޗެކެވެ.

ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް މިހާރު ތިމާވެއްޓާ ރައްޓެހި ގޮތްގޮތަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭއިރު މިއީ މިކަން ކުރިއެރުވުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ

. ތައިލެންޑަކީ ފަތުރުވެރިކަމުގައި ވަރަށް ކުރިއަރާފައިވާ ގައުމަކަށް ވެފައި އެގައުމުގައި މިގޮތަށް ފިހާރަތަކުގައި ކެޔޮފަތް ބޭނުން ކޮށްގެން ބަންދުކޮށްފައިވާ މޭވާއާއި ތަރުކާރީ ހުރުމުން ކޮންމެ ދުވަހަކު މި އުކާލާ ޕްލާސްޓިކް އަދި މި އުފައްދާ ޕްލާސްޓިކް ގެ މިންވަރު ދައްވާނެއެވެ.