English Edition
Dhivehi Edition

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި ސްޕެއިންގެ ބާސެލޯނާއާއި އިނގިރޭސި ވިލާތުގެ މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗު މުބާރާތުގެ ފެވަރިޓުންގެ ގޮތުގައި ބެލެވޭ ބާސެލޯނާ ކާމިޔާބުކޮށްފިއެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާގައި ރޭ ޔުނައިޓަޑްގެ އޯލްޑްޓްރަފާޑްގައި ބާސެލޯނާއިން ޔުނައިޓަޑް ބަލި ކުރީ 1-0 ލަނޑުންނެވެ.

ޔޫރަޕްގެ ގަދަ ބާރުގެ ގޮތުގައި ގިނަ ބަޔަކު ގަބޫލު ކުރާ މިދެޓީމް ކުޅުނު މިމެޗުގައި ބާސާއިން އެޓީމު އާންމުކޮށް ކުޅެމުންދާ ޕާސިން ގޭމް ކުޅުނު އިރު، ޔުނައިޓެޑުން ބެލީ ކައުންޓާ އެޓޭކްގައި ހަމަލާ އުފެއްދުމަށެވެ.

ރޭގެ މެޗްގައި ބާސެލޯނާއިން ޖެހި ހަމައެކަނި ލަނޑަކީ މެންޗެސްޓަރ ޔުނައިޓެޑްގެ އިނގިރޭސި ޑިފެންޑަރ ލޫކް ޝޯ އަތުން ބައިކޮޅަށް ވަންލަނޑެކެވެ. މި ލަނޑަކީ މެޗްގެ 12 ވަނަ މިނެޓްގައި ބާސެލޯނާގެ ލިއޮނަލް މެސީ އެޓީމްގެ ފޯވާޑް ލުއިސް ސުއަރޭޒް އަށް ދިން ބޯޅައެއް އޭނާ ބޮލުން ފޮނުވާލުމުން ޝޯ ގައިގައި ޖެހި މިސްރާބު ބަދަލުވުމުގެ ސަބަބުން ވަންލަނޑެކެވެ. މި ބޯޅަ ގޯލަށް ވަން ނަމަވެސް ރެފްރީ ފުރަތަމަ ނިންމީ އޮފްސައިޑް ކަމަށެވެ. އެކަމަކު ފަހުން ވީޑިއޯ ރީޕްލޭ ބެލުމަށްފަހު އެއީ ލަނޑެއް ކަމަށް ރެފްރީ ނިންމިއެވެ.

ރޭގެ މެޗުގައި ޔުނައިޓެޑްގެ ދަނޑުގައި ހޯދި މޮޅާއި އެކު ބާސެލޯނާއިން ވަނީ ޔޫރަޕްގައި ޔުނައިޓެޑްގެ ދަނޑުގައި ބާސެލޯނާއަށް މޮޅުނުވެވި އޮތުން ނިމުމަކަށް ގެނެސްފައެވެ.

އިނގިރޭސި ޓީމުތަކާ ދެކޮޅަށް ބާސެލޯނާ އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން ފަސް މެޗުން ވަނީ މޮޅުވެފަ އެވެ. މޮޅުނުވެވުނު ދެ މެޗުގެ ތެރޭގައި މި ފަހަރުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އަމިއްލަ ދަނޑުގައި ޓޮޓެންހަމްއާ އެއްވަރުވި މެޗު ހިމެނެ އެވެ.

ބާސެލޯނާ އާއި ޔުނައިޓެޑް ވާދަކުރާ ކުއާޓަރ ފައިނަލްގެ ދެވަނަ މެޗް ކުޅޭގޮތަށް ހަމަޖެހިފައިވަނީ މި މަހުގެ 17 ވަނަ ދުވަހުގެ ރެ އެވެ.