English Edition
Dhivehi Edition

ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ފޮނަދޫ ދާއިރާ އާއި ބާރަށު ދާއިރާގެ ބާތިލު ވޯޓު އަލުން ގުނަން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ އިސް ތަރުޖަމާން އަހުމަދު އަކްރަމް ވިދާޅުވީ ދެ ދާއިރާއެއްގެ ބާތިލް ވޯޓް އަލުން ގުނަން ނިންމާފައިވަނީ އެ ދެ ދާއިރާގެ އިންތިޚާބުގައި ވާދަކުރެއްވި ދެ ކެންޑިޑޭޓަކު ހުށައެޅި މައްސަލައެއް ބެލުމަށްފަހުކަމަށެވެ.
ބާރަށު ދާއިރާގެ ވޯޓް ގުނުމަށް ހުށައަޅާފައިވަނީ އެ ދާއިރާގެ މިހާރުގެ މެންބަރު އަދި މިފަހަރުގެ އިންތިޚާބުން ނާކާމިޔާބާއި ކުރިމަތިލައްވަންޖެހިވަޑައިގެންނެވި އިބްރާހިމް ޝުޖާއުއެވެ. ފޮނަދޫ ދާއިރާގެ ވޯޓް ގުނުމަށް ހުށައަޅާފައިވަނީ އެ ދާއިރާގެ މިހާރުގެ މެންބަރު އަދި މިފަހަރުގެ އިންތިޚާބުން ނާކާމިޔާބާއި ކުރިމަތިލައްވަންޖެހިވަޑައިގެންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

ވަގުތީ ނަތީޖާ ދައްކާގޮތުން ފޮނަދޫ ދާއިރާގެ އިންތިޚާބު ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް މޫސާ ސިރާޖެވެ. އޭނާއަށް 1007 ވޯޓު ލިބިވަޑައިގަތެވެ. ދެވަނައަށް ދިޔަ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް އަބްދުއްރަހީމް އަބްދުﷲ އަށް ލިބިވަޑައިގަތީ 963 ވޯޓެވެ. ދެބޭފުޅުންގެ ވޯޓުގެ ފަރަގަކީ 44 އެވެ. އެ ދާއިރާއަށް ޚާއްސަކުރެވިގެން ބަހައްޓާފައިވާ ވޯޓްފޮށިތަކުން ވަނީ 46 ވޯޓް ބާތިލް ވޯޓްގެ ގޮތުގައި ގުނާފައެވެ.

ބާރަށު ދާއިރާގެ ކޮނޑި ކާމިޔާބު ކުރެއްވި ކަމަށް ވަގުތީ ނަތީޖާ އިން ދައްކާ އެމްޑީޕީގެ ކެންޑިޑޭޓް އަހްމަދު އަބްދުﷲ އަށް ލިބިވަޑައިގަތީ 1524 ވޯޓެވެ. ދެވަނަ އަށް ދިޔަ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް އިބްރާހިމް ޝުޖާއުއަށް ލިބިވަޑައިގަތީ 1482 ވޯޓެވެ. އެ ދެ ބޭފުޅުންގެ ވޯޓުގެ ފަރަކީ 42 އެވެ. އެ ދާއިރާއަށް ޚާއްސަކުރެވިގެން ބަހައްޓާފައިވާ ވޯޓްފޮށިތަކުން ވަނީ 64 ވޯޓް ބާތިލް ވޯޓްގެ ގޮތުގައި ގުނާފައެވެ.

މިހާރުގެ ނަތީޖާތައް ދައްކާގޮތުން 19 ވަނަ މަޖިލީހުގައި ބާރަށު ދާއިރާގެ ގޮނޑި ފުުރުއްވާނީ އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު އަބްދުﷲއެވެ. އަދި ފޮނަދޫ ދާއިރާގެ ގޮނޑި ފުރުއްވާނީ މޫސާ ސިރާޖެވެ.

އަކްރަމް ވިދާޅުވީ މި ދެ ދާއިރާގެ އިތުރުން އިނގުރައިދޫ ދާއިރާގެ ވޯޓްވެސް ގުނަން ހުށައަޅާފައިވާކަމަށެވެ. އެ މައްސަލަ އީސީއަށް ހުށައަޅާފައިވަނީ މިހާރުގެ މެންބަރު އަދި ިއިންތިޚާބުން ނާކާމިޔާބުވެވަޑައިގެންނެވި އިބްރާހިމް ފަލާހެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ދާއިރާގެ ވޯޓް ނުގުނާގޮތަށް ނިންމާފައެވެ.

ކެންޑިޑޭޓުންނާއި، މަންދޫބުން ހުށައަޅާ މައްސަލަތަކާއި ގުޅިގެން މިހާތަނަށް ބައެއް ދާއިރާތަކުގެ ވޯޓްތައް އަދި ބައެއް ދާއިރާތަކުގައި ބާތިލް ވޯޓްތައް އަލުން ވަނީ ގުނާފައެވެ.