English Edition
Dhivehi Edition
ރާއްޖެއަށް ޕޭޕަސް އިފްތިތާހު ކުރުމުގެ ހަފްލާގައި ރައީސް މުއިއްޒު

2030 ވަނަ އަހަރު އަންނައިރު، ރާއްޖޭގެ ޖީޑީޕީގެ 15 ޕަސަންޓު ޑިޖިޓަލް އިގުތިސާދުން ހިއްސާކުރުމަކީ ސަރުކާރުން ކަނޑައަޅާފައިވާ މުހިންމު އަމާޒެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މި އަމާޒަކީ 2040 ވަނަ އަހަރު ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ސަރުކާރުން ގެންގުޅޭ ތަސައްވުރުގެ ދަށުން، ގައުމުގެ އިގުތިސާދު ސިންދަފާތު ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މި އަމާޒަށް ވާސިލުވުމަށްޓަކައި، ގައުމުގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ވަރުގަދަ ކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ގޫގުލްއާ ގުޅިގެން ރާއްޖެއަށް އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ގެނައުމުގެ މަސައްކަތް ފެށުމަކީ މި ދާއިރާއިން ލިބުނު ބޮޑު ކުރިއެރުމެކެވެ. މި މަސައްކަތުގެ ސަބަބުން ރާއްޖޭގެ އިންޓަނެޓްގެ ހިދުމަތުގެ ފެންވަރު ރަނގަޅުވެ، ޑިޖިޓަލް ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުވެގެންދާނެއެވެ.

އޭގެ އިތުރުން، ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ރަސްމީކޮށް ތައާރަފުކުރުމަކީ ވެސް ޑިޖިޓަލް އިގުތިސާދުގެ އަމާޒުތައް ހާސިލުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މި ހިދުމަތާއެކު ދިވެހި ވިޔަފާރިތަކަށާއި އުފެއްދުންތެރިންނަށް ބައިނަލްއަގުވާމީ މާކެޓަށް ފަސޭހައިން ވާސިލުވެވޭނެ މަގުފަހިވެ، އިގުތިސާދީ މުއާމަލާތްތައް އިތުރަށް ހަލުވިވެގެންދާނެއެވެ.

ރައީސް ވިދާޅުވީ، ދިވެހި ކާބަފައިން ރާއްޖެއާ ދުނިޔެ ގުޅުވައިދިނީ ކަނޑުމަގުން ކަމަށާއި، ނަމަވެސް މިއަދު އެ ގުޅުން ބަދަހިކުރަން ޖެހެނީ ޑިޖިޓަލް އިގުތިސާދުގެ ތެރެއިން ކަމަށެވެ. އެހެންކަމުން، ސަރުކާރުގެ ހުރިހާ މަސައްކަތެއް އަމާޒުކޮށްފައިވަނީ 2040 ވަނަ އަހަރު ރާއްޖެ ތަރައްގީވެފައިވާ ގައުމެއްގެ ގޮތުގައި ފެނުމުގެ އުންމީދު ހާސިލުކުރުމަށެވެ.