ދިވެހި ގައުމީ ޓީމްގެ މެނޭޖަރުގެ މަގާމާއި ހަވާލު ވެގެން ހުރި މުހައްމަދު އީސާ (މޯ) އިސްތިއުފާ ދީފިއެވެ.
މިދިޔަ އަހަރު އިންޑިޔާގައި ބޭއްވުނު ސާފް ސުޒުކީ ކަޕުގެ ޗެމްޕިއަންކަން ހޯދި ޓީމްގެ މެނޭޖަރުކަމުގެ މަގާމުގައި ހުރި މޯ ދެ އަހަރަށް ފަހު ގައުމީ ޓީމުން ވަކިވީ، އޭނާ ބުނި ގޮތުގައި މި މަގާމުގައި ހުންނައިރު ފުޓްބޯޅައިގެ އެހެން ކަންކަމުގައި އުޅެން ހުރަސްތަކެއް ހުރުމުންނެވެ. ގައުމީ ޓީމުގެ މެނޭޖަރަކަށް ކްލަބެއްގެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވެވޭނެ އެވެ.
މޯ ވަނީ، މިއަދު އޭނާގެ އިސްތިއުފާ އެފްއޭއެމްއަށް ހުށަހަޅާފަ އެވެ. މޯ ބުނީ، މެނޭޖަރު ކަމުން އިސްތިއުފާ ދޭން ނިންމީ ހިދުމަތްތަކެއް ކުރެވުނު ކަމަށް ގަބޫލު ކުރެވުމުން، ފުޓްބޯޅައިގެ އެހެން ދާއިރާއެއްގައި ކުރިއަށް ދިއުމުގެ ވިސްނުން ހުރުމުން ކަމަށެވެ.
“ކޮންމެވެސް ވަރެއްގެ ހިދުމަތްތަކެއް އަޅުގަނޑަށްވެސް ކޮށްދެވިއްޖެ، އެހެންވީމަ އަޅުގަނޑު ގަބޫލު ކުރަނީ ދެން އަޅުގަނޑު ދުރައްޖެހިލުން އެންމެ ރަނގަޅު ވަގުތު އަތުވެއްޖެ ކަމަށް،” އިސްތިއުފާ ދިން ސަބަބާ ބެހޭގޮތުން މޯ ބުންޏެވެ.
މޯ އިތުރަށް ބުނެފައިވަނީ”ގައުމީ ޓީމުގައި އަޅުގަނޑަށް ވަރަށް ގިނަ ކަންކަން ދަސްވެއްޖެކަމަށާއި އެ ދަސްވި ކަންކަމާއެކު ފުޓްބޯޅައިގެ އެހެން މަގާމެއްގައި މަސައްކަތް ކުރުމުގެ ވިސްނުން އެބަހުރި.”ކަމަށެވެ.
ކުރިން ޓީސީގެ މެނޭޖަރު ކަން ކޮއްފައިވާ އީސާ ވަނީ 2016 ގައި ބަނގުލަދޭޝްގައި ބޭއްވި ޝައިހް ކަމާލް އިންޓަނޭޝަނަލް ކްލަބް މުބާރާތުގެ ޗެމްޕިއަންކަން ޓީސީ ހޯދިއިރު އެ ޓީމްގެ މެނޭޖަރެއްގެ މަގާމުގައި މަސައްކަތްކޮށް ސާފް ޗެމްޕިއަންޝިޕް ފުޓް ބޯޅަ މުބާރާތް ރާއްޖެ ކާމިޔާބު ކުރި އިރު އެޓީމުގެ މެނޭޖަރު ކަމުގައި މުހިއްމު ރޯލެއް އަދާކޮށްފައެވެ.
މޯއަކީ މެނޭޖަރެއްގެ ހައިސިއްޔަތުން ބައިނަލްއަގްވާމީ ދެ މުބާރާތެއްގެ މެޑަލް ކަރުގައި އަޅުވާލި ފުރަތަމަ ދިވެއްސެއްގެ ޝަރަފު ހޯދާފައިވާ ކާމިޔާބު މެނޭޖަރެކެވެ.