English Edition
Dhivehi Edition

ގައުމީ ޓީމުގެ ވައިސް ކެޕްޓަން އަސްހަދު އަލީ (އަޑުބަރޭ) ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އޭނާ އިއުލާންކޮށްފިއެވެ

އަޑުބަރޭ ކުއްލި ގޮތަކަށް ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އޭނާ އިއުލާން ކުރީ މިއަދު މެންދުރުގެ ވަގުތެއްގައި ކުރި ޓްވީޓަކުންނެވެ. އަޑުބަރޭގެ މި ޓްވީޓުގައި ޓީމަށް ކުޅުން ހުއްޓާލުމުގެ ވަކި ސަބަބެއް ބަޔާންކޮށްފައިނުވާއިރު ޓްވީޓުގައި ވަނީ މިއަދުން ފެށިގެން ގައުމީ ޓީމަށް ކުޅުން ހުއްޓާލި ކަމަށެވެ

މިރޭ އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ފަހު މެޗުގައި ގައުމީ ޓީމާއި ބޫޓާން ބައްދަލު ކުރާއިރު މިރޭގެ މެޗުގެ ކުރިން ޓީމުގެ ވައިސް ކެޕްޓަން ކުއްލި ގޮތަކަށް ކުޅުން ހުއްޓާލިންކަން އިއުލާން ކުރިއިރު އިއްޔެގެ ވަގުތެއްގައި ޓީމުގެ ކެޕްޓަން އަލީ އަޝްފާގު(ދަގަނޑޭ) ވަނީ ޕްރެސްއަށް ހާޒިރުނުމުގެ ސަބަބުންޓީމުން ވަކިކޮށްފައެވެ.

މިކަމާއި ގުޅިގެން އަޑުބަރޭ ދަގަނޑޭގެ ދިފާއުގައި ތެދުވުމުން އަޑުބަރޭގެ އަތުން ވައިސް ކެޕްޓަން ބޭންޑު އަތުލައި ބޭންޑު ވަނީ ބޫޓާން މެޗަށް އަކްރަމް އަބްދުލްޢަނީއާ ހަވާލުކޮށްފައެވެ.

2007ވަނަ އަހަރުން ފެށިގެން ގަވާއިދުން ގައުމީ ޓީމުން ޖާގަ ހޯދަމުންގެންދާ އަޑުބަރޭ ވަނީ ވިކްޓަރީ، ވީބީ، ބީޖީ ސްޕޯޓްސް، މާޒިޔާ އަދި ނިއު ރޭޑިއަންޓަށް ވެސް ކުޅެފައެވެ.

ގައުމީ ޓީމަށް މުހިންމު ރޯލެއް އަދާކުރި އަޑުބަރޭ ވަނީ މިހާތަނަށް ގައުމީ ޓީމާއެކު 52 މެޗު ކުޅެފައެވެ.