English Edition
Dhivehi Edition

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގެ ފަހު މެޗުގައި މާޒިޔާގެ ހަސަން ނާއިޒް(ދާދު) ކާމިޔާބުކޮށްދިން ހަތަރު ލަނޑުން ރޭ ރާއްޖެއިން ބޫޓާން ފަސޭހަ ކަމާއި އެކު ބަލިކޮށްފިއެވެ.

ބޫޓާނާއި ދެކޮޅަށް ރޭ ރާއްޖައި ކުޅުނު މެޗު ދިވެހި ޓީމުން ކާމިޔާބުކޮށްފައިވަނީ 7-0 ލަނޑުގެ ބޮޑު ތަފާތަކުންނެވެ.

ކެޕްޓަން އަލީ އަޝްފާގު(ދަގަނޑޭ) ސްކޮޑުން ބާކީކޮށް ކުލި ގޮތަކަށް ވައިސް ކެޕްޓަން އައްސަދު އަލީ(އަޑުބަރޭ) ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކޮށްފައި ވަނިކޮށް ޓީމަށް ބޮޑެތި މަސަލަތަކެއް ކުރި މަތި ވެފައި ވަނިކޮށް ރޭ ކުޅުނު މި މެޗްގެ 11 ވަނަ މިނިޓްގައި ރާއްޖެ އަށް ޕެނަލްޓީ އެއް ލިބުނު ނަމަވެސް އަލީ ފާސިރު އަތުން ޕެނަލްޓީ ވަނީ ބޭކާރު ވެފައެވެ.

ޒުވާން ގިނަ ކުޅުން ތެރިންނަށް ފުރުސަތު ދީގެން ކޯޗު ސެގެޓް ކުޅުވި މިމެޗުގައި ރޭ ރާއްޖޭގެ ފުރަތަމަ ލަނޑު 35 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ހަމްޒާ މުހައްމަދުއެވެ.

ދެ ވަނަ ހާފުގައި ރާއްޖޭން ފަސް ގޯލް ޖެހިއިރު ދާދުގެ އިތުރުން ދެން ލަނޑު ޖެހީ އުއްމީދީ މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ ވަހީދު) އާއި ހުސެއިން ސިފާއު ޔޫސުފެވެ. ދެ ވަނަ ހާފުގައި ރާއްޖޭގެ ލަނޑުތައް ޖެހުމުގައި ބަދަލު ކުޅުންތެރިޔާ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ގެ ދައުރު ބޮޑެވެ

މިއަދުގެ މެޗަށް ނުކުތް އިރުވެސް ރާއްޖެ އަދި ބޫޓާނަށް ވަނީ އޭޝިއަން ކަޕަށް ކޮލިފައިވުމުގެ ފުރުސަތު ގެއްލިފައެވެ.

މިނަތީޖާ އާއި އެކު ރާއްޖޭން އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއަށް ހަ ޕޮއިންޓާ ގުރޫޕްގެ ތިންވަނަ ލިބޭއިރު މި ގްރޫޕުގެ އެއް ވަނަ ހޯދާފައިވަނީ 16 ޕޮއިންޓާއި އެކު ފަލަސްތީން ހޯދިއިރު 13 ޕޮއިންޓާއި އެކު ދެވަނަ އަށް ދިޔައީ އޮމާނެވެ.އަދި ޕޮއިންޓެއް ނުލިބި ގުރޫޕްގެ ފުލަށް ދިޔައީ ރޭ ރާއްޖެ އަތުން ބަލިވި ބޫޓާންއެވެ.