English Edition
Dhivehi Edition

އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާން އާއި ދެކޮޅަށް ކުޅޭ ތައްޔާރުވުމުގެ ގޮތުން މިރޭ ސިންގަޕޫރަށް ދާން ނެގި ގައުމީ ސްކޮޑް ގިނަ ޒުވާން ކުޅުންތެރިންނާއި އެކު އިއުލާންކޮށްފިއެވެ.

ގައުމީ ޓީމްގެ ކޯޗު ކަމާއި ހަވާލުވުމަށް ފަހު ސެގާޓް ނެގި ސްކޮޑްގައި މިފަހަރު ކުރިން ގައުމީ ޓީމަށް ކުޅެފައިވާ ތަޖުރިބާ ކާރު ކުޅުން ތެރިން ކަމުގައިވާ ޝާފިއު އަހުމަދު (ޝާފީ) އާއި މުހައްމަދު އާރިފް (ބަކާ) އާއި އަހުމަދު އަބްދުﷲ (ލިލީ) އަދި މުހައްމަދު ރަޝީދު (ހޮކޭ) ފަދަ ކުޅުންތެރިންނަށް ފުރުސަތު ނުދީ ކޯޗު ވަނީ މިފަހަރު ޒުވާން ގިނަ ކުޅުންތެރިންނަށް ފުރުސަތު ދީފައެވެ.

މިއަދު ހެނދުނު 30 ކުޅުން ތެރިންގެ ސްކޮޑް އަކާއި އެކު ގައުމީ ޓީމާއި ހަވާލު ވުމަށް ފަހު ކޯޗު ސެގެޓް ކުރި ފަރިތަކުރުން ތަކަށް ފަހު ކޯޗު މިމަހުގެ 27 ވަނަ ދުވަހު އޭއެފްސީ އޭޝިއަން ކަޕްގެ ކޮލިފައިންގެ ގްރޫޕް ސްޓޭޖުގައި ބޫޓާން އާއި ދެކޮޅަށް ކުޅޭ މެޗާއި މިމަހު 23 ވަނަ ދުވަހު ސިންގަޕޫރުގައި ކުޅޭ އެކުވެރިކަމުގެ މެޗަށް ނެގި ސްކޮޑް ވަނީ އިއުލާން ކޮށްފައެވެ.

ކުރިން ގައުމީ ޓީމުގައި މުހިންމު ދައުރެއް އަދާ ކޮށް މި ސްކޮޑުން ދެން ބާކީވީ ކުޅުންތެރިންގެ ތެރޭގައި އަނިޔާގެ ސަބަބުން މި ވަގުތު ކުޅުމާ ދުރުހުރި މާޒިޔާގެ ޑިފެންޑަރު އަމްދާން އަލީ (އެންޑީ) އާއި ނިއުގެ ރިލްވާން ވަހީދު (ރިލޭ) އާއި އިމްރާން ނަޝީދާއި ވިކްޓަރީގެ ކީޕަރު އަބްދުﷲ ޒިޔަޒަން އާއި ގްރީން ސްޓްރީޓްސްގެ އިބްރާހިމް ރިޒުހާން (ރިޒްކޯ) އަދި މުހައްމަދު ސާއިފް ހިމެނެއެވެ. އަދި މީގެ އިތުރުން ފަހަކަށް އައިސް ރާއްޖޭގެ ގައުމީ ޓީމުގެ ސްކޮޑުން އާއްމުކޮށް ޖާގަ ހޯދަމުން އަންނަ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ނާއިޒް ހަސަން (ދާދު)އާއި ކްލަބު އީގަލްސްގެ އަހުމަދު ރިޒުވާން (ރިޒޭ) އަށް ވެސް ވަނީ ޓީމުން ޖާގަ ގެއްލިފައެވެ.

މިފަހަރުގެ ސްކޮޑްގައި ދަނގަޑޭ ހިމަނާފައިވާއިރު ސްކޮޑުގައި މުޅިން އަލަށް ހިމެނުނު ތިން ކުޅުންތެރިންނަކީ އީގަލްސްގެ މުހައްމަދު ނާއިމް އާއި ގްރީންސްޓްރީޓްސްގެ އަބްދުﷲ ޔާމީން (ޔާން) އަދި ޓީސީގެ އައްޒާމް އަބްދުﷲ (އެޑޫ) އެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑް:

ނިއު ރޭޑިއަންޓް: އަލީ އަޝްފާގު (ދަގަނޑޭ)، އަކުރަމް އަބްދުލް ގަނީ (އަކޫ)، މުހައްމަދު އުމެއިރު، ހަމްޒާ މުހައްމަދު (ހަމްޕު)، އަލީ ފާސިރު (ސެންޓޭ)، މުހައްމަދު ފައިސަލް، ހިސާމް ސަލީމް (ކޮކީ)، ރިހާމް އަބްދުލް ގަނީ (ބޮބީ).

މާޒިޔާ: މުހައްމަދު އިރުފާން (އިރޭ)، ސަމޫހު އަލީ (ސަމުއްޓެ)، ހުސެއިން ޝަރީފް، ޔަސްފާދު ހަބީބް (މުލަކޭ)، މުޖުތާޒް މުހައްމަދު (މުޖޭ).

ޓީސީ: އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)، އިބްރާހިމް ވަހީދު (އިއްބެ)، އައްޒާމް އަބްދުﷲ.

އީގަލްސް: އަހުމަދު ނޫމާން (ހެލްމެޓް)، މުހައްމަދު ނާއިމް، ހުސެއިން ޝިފާއު.

ގްރީން ސްޓްރީޓްސް: އަބްދުﷲ ޔާމީން (ޔާން)، އަސްހަދު އަލީ (އަޑުބަރޭ).

ވިކްޓަރީ: ހުސެއިން ނިހާން (ނިހަޓު).