އެމްޑީޕީން ނިންމައިފި ނަމަ، މަޖިލީހުގެ ރައީސް ކަމަށް ދިޔުމަށް ތައްޔާރަށް ހުންނެވި ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީއަށް ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ، ޕާޓީގެ ފަރާތުން، މަޖިލީހުގެ ރައީސަކަށް އޭނާ ގާބިލު ކަމަށް ނިންމައިފި ނަމަ، އެކަމަށް އިންކާރު ނުކުރާނެ ކަމަށެވެ. އަދި އެފަދަ މަގާމެއް އޭނާ އަށް ލިބިގެން ދިޔުމަކީ އައްޑޫ ސިޓީ އަށް ވެސް ލިބޭނެ ބޮޑު ޝަރަފެއް ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
މަޖިލިސް އިންތިހާބުގައި ހިތަދޫ އުތުރު ދާއިރާގެ ގޮނޑި މިފަހަރު ވެސް ކާމިޔާބު ކުރެއްވި މުހައްމަދު އަސްލަމް އަކީ މަޖިލީހުގެ ރައީސްކަމުގެ މަގާމަށް ޤާބިލް ބޭފުޅެއް ކަމަށް އެމްޑީޕީގެ ރައީސް، ނަޝީދު ވެސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެކަމާމެދު ގޮތެއް ނިންމަވާނީ އެމްޑީޕީގެ މެމްބަރުންނާއި މަޝްވަރާ ކުރެއްވުމަށްފަހު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ހޮނިހިރު ދުވަހުގެ އިންތިހާބުގައި އެމްޑީޕީން މަޖިލީހުގެ ސުޕަ މެޖޯރިޓީއެއް ހޯއްދަވާފައިވާ އިރު، އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ކަމުގައިވެސް ތިބެންވާނީ އެމްޑީޕީ މެމްބަރުން ކަމަށެވެ. އަދި އެމަނިކުފާނު އެމަގާމަށް ޝައުގުވެރިވެ ނުލައްވާ ކަމަށް ނަޝީދު ވިދާޅުވި އިރު، އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި އަސްލަމްއަކީ ރަނގަޅު ޗޮއިސްއެކެވެ.
ރައީސް ނަޝީދު މިގޮތަށް ވިދާޅުވެފައިވާއިރު 19 ވަނަ ރައްޔަތުންގެ މަޖިލީހުގެ ރައީސްކަމަށް ކުރިމަތިލައްވާނެކަމަށް ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އަބްދުއްﷲ ޖާބިރު ވެސް ވަނީ ވިދާޅުވެފައެވެ. އަދި މަޖިލިހުގެ ރައީސްގެ މަގާމަށް ކުރިމަތިލެއްވުމަށް ތައްޔާރުވަމުންދާ ކަމުގައި ޖާބިރުވަނީ ވިދާޅުވެފައެވެ މީގެ އިތުރުން ޖާބިރު ވިދާޅުވީ އަސްލަމް މަޖިލީހުގެ ރައީސް ކަމަށް ޝައުގުވެރިކަން ހުރެއްޖެނަމަ، ދެން އޮންނާނީ ދެ ބޭފުޅުންގެ ދެމެދުގައި ކޮމްޕެޓިޝަނެއް ކަމަށެވެ.
އިންތިހާބުގެ ކުރިންވެސް ޖާބިރުވަނީ ރައްޔަތުންގެ މަޖިލީހުގެ ރައީސްކަމަށް ކުރިމަތިލައްވާނެކަމަށް ވިދާޅުވެފައެވެ.