English Edition
Dhivehi Edition

މިސްރުގެ ޕިރަމިޑް ތަކުގެ ހަގީގަތް ހޯދައި ބެލުމަކީ، ދުނިޔޭގެ އެތަން މިތަނުގައި ދިރިއުޅޭ މީހުން، ޝައުގުވެރިކަންދޭ އެއްކަމެވެ.

އެ ޕިރަމިޑް ތަކުގެ ހަގީގަތް ހޯދުމުގައި ރެއާއިދުވާލު ބުރަ މަސައްކަތްކުރާ މީހުންނަށް އަދާހަމައަށް ވެސް އޭގެ ފުރިހަމަ ހަޤީގަތް ވަނީ ނުހޯދިފައެވެ.

ކޮންމެއަކަސް، މިސްރުގައިވާ ހައިރާން ކުރުވަނިވި ޕިރަމިޑު ތަކުގެ ހަގީގަތް ހޯދާ ބަލާ ފަރާތްތަކަށް އަނެއްކާވެސް އިތުރު ހިތްވަރެއް ލިއްބައިދޭ ކަހަލަ “ހަތިޔާރެއް” ދިރާސާ ކުރާ ފަރާތް ތަކުން ހޯދައިފިއެވެ.

މިފަހަރު ހޯދާފައިވާ މި ހަތިޔާރަކީ، ޕިރަމިޑް ބިނާ ކުރުމުގެ އަމަލީ ބައެއް މަސައްކަތްތައް ކޮށްފައިވާ ގޮތާބެހޭ ގޮތުން ލިޔެފައިވާ ޑައިރީ އެކެވެ.
މި ޑައިރީ އަކީ ޕިރަމިޑެއް ބިނާ ކުރުމުގެ މަސައްކަތުގައި އުޅުނު މީހަކު ލިޔެފައިވާ ޑައިރީއެއް ކަމަށް ލަފާ ކުރެވެއެވެ. އޭގައިވަނީ، އެ ޕިރަމިޑް ބިނާ ކުރުމުގައި ވަރުބަލި ކަމެއްނެތި، ރެއާއި ދުވާލުގެ ބުރަ މަސައްކަތުން، ޖީލުތައް ސިއްސުވާލާ ފަދަ ފުރިހަމަ ބިނާ ތަކެއް ހަދައިފައިވާ، މިސްރުގެ ވަރުގަދަ މޭސްތިރީން ތަކުގެ ވާހަކައެވެ. އެ މީހުން ކައި އުޅުނު ގޮތުގެ ވާހަކައެވެ. ކާން ބޭނުން ކޮށްފައިވާ އެއްޗެހީގެ ވާހަކައެވެ. ކެއުމުގައި މަސް ބޭނުން ކޮށްފައިވާ މިންވަރުގެ ވާހަކައެވެ. މިސްރުގެ ކަނޑުގެ އެކި ސަރަޙައްދު ތަކުން ބޮޑެތި ގާތައް ނަގައި، ޕިރަމޑް ބިނާ ކުރުމަށް ޓަކައި އެތަކެތި އެއްތަނުން އަނެއް ތަނަށް އުފުލި ގޮތުގެ ވާހަކައެވެ.

އެ ޑާއިރީ އަކީ މިސްރުގައި ވެރިކަން ކޮށްފައިވާ ފިރުޢައުނު ޚުފޫ ގެ ވެރިކަމުގެ ދުވަސްވަރުގެ ލިޔުންތަކެއް ކަމަށް ގަބޫލު ކުރެވެއެވެ. ބުނެވޭ ގޮތުގައި ފިރުޢައުނު ޚުފޫ އަކީ މިސްރުގައި ވެރިކަންކުރި ފިރުޢައުނުންގެ 4 ވަނަ ދަރިކޮޅުގެ ދެވަނަ ފިރުޢައުނެވެ. “ދަ ގްރޭޓް ޕިރަމިޑް އޮފް ޣިޒާ” ބިނާ ކޮށްފައިވަނީ އޭނާގެ އަމުރަށް ކަމަށްވެއެވެ.

މިސްރުގެ ވެރިރަށް ޤާހިރާގެ ދާރުލްއާސާރެއްގައި، ޕިރަމިޑް ތަކާބެހޭ ގޮތުން ފެނުނު އެންމެ ދުވަސްވީ ލިޔުމުގެ ގޮތުގައި، އެތަނަށް ޒިޔާރާތް ކުރާ ފަރާތް ތަކަށް ފެންނާނެ ހެން މި ޑައިރީ ބޭއްވުމުގެ އިންތިޒާމު އެގައުމުގެ ސަރުކާރުން ވަނީ ފަށައިފައެވެ.

އެކަމާ ގުޅިގެން، އެގައުމުގެ އެންޓިކުއިޓީސް މިނިސްޓަރ ޚާލިދް އަލް އަނާނީ ވިދާޅުވެފައިވަނީ މިފަދަ ލިޔުމެއް މީގެ ކުރިން ފެނިފައިވަނީ 2013 ވަނަ އަހަރު، ފްރާންސާއި މިސްރު ގުޅިގެން ހިންގި މިޝަން އެއްގައި ކަމަށެވެ. އެ ފަހަރު ފެނުނު ލިޔުންތައް ފެނިފައިވަނީ އަލް ޖަރުފް ވާދީ ބަނދަރުގައިވާ ހޮހަޅައެއްގެ ތެރެއިން ކަމަށެވެ.
އެ ބަނދަރަކީ މީގެ 4500 އަހަރުއްސުރެ ބޭނުން ކުރަމުން އަންނަ ބަނދަރެކެވެ. އެއީ ސުއެޒް ސިޓީއާއި ގާތްގަނޑަކަށް 74 މޭލު ދުރުގައިވާ ތަނެކެވެ. އަދި އެ ބަނދަރަކީ ތާރީޚީ ތަނެއްގެ ގޮތުގައި ހަމަޖައްސާފައިވާ ތަނެކެވެ.

މީގެ އިތުރަށް މިނިސްޓަރު ވިދާޅުވެފައިވަނީ، މި ފަހަރު މިފެނުނު ލިޔުން ތަކަކީ މިސްރުގެ ތާރީޚުގައިވެސް، އަދާހަމައަށް ފެނުނު، މިސްރުގެ ގަދީމީ ޒަމާނުގެ އެންމެ ދުވަސްވީ ލިޔުން ކަމަށެވެ.

މިސްރުގައިވާ އާދަޔާޚިލާފު ޕިރަމިޑް ތަކާބެހޭ ގޮތުން މީގެ ކުރިން، ދިރާސާ ކުރާ ފަރާތް ތަކުން ހޯދާފައިވާ ލިޔުން ތަކުގެ ތެރޭގައި އިހުޒަމާނުގައި މިސްރުގައި ކުރަމުން އައި ވެރިކަމުގެ ދުވަސްވަރު، ސަރުކާރުގެ އިސް އޮފިޝަލަކު ލިޔުއްވާ ފައިވާ ޑައިރީ އެއް ހިމެނެއެވެ.

މެރެރ ނަމަކަށް ކިޔުނު އެ އޮފިޝަލުގެ ޑައިރީގައި، ޕިރަމިޑް ހެދުމުގެ މަސައްކަތުގެ ތަފާސްހިސާބު ތަކާއި، އިދާރީ މަސައްކަތް ތަކުގެ ވާހަކަ އާއި، ސަރުކާރު ގެ އިދާރާގައި އޭނާ ކުރި މަސައްކަތް ތަކުގެ ވާހަކަ ލިޔެފައި ހުއްޓެވެ.

މީގެ އިތުރުން ފާހަގަ ކޮށްލެވޭ އަނެއް ލިޔުމަކީ ސަރުކާރުގެ އިސް މަގާމެއް އަދާ ކޮށްފައިވާ މާރް ނަމަކަށް ކިޔުނު މީހަކު ލިޔެފައިވާ ކަމަށް ގަބޫލު ކުރެވޭ ލިޔުން ތަކެކެވެ. އޭގައިވާ ގޮތުން އޭނާ ވަނީ ޕިރަމިޑް ހެދުމުގެ މަސައްކަތުގައި މުހިންމު ދައުރެއް އަދާ ކޮށްފައެވެ. އެ ލިޔުމުގައި މުޅިން ވެސް ވަނީ ޕިރަމިޑް ހެދުމުގައި އޭނާ އަދާ ކޮށްފައިވާ ދައުރުގެ ވާހަކައެވެ. އެގޮތުން ޕިރަމިޑް ހެދުމަށްޓަކައި ނެގި ގާތަކާއި ހިލަތައް ނީލު ކޯރާއި ބިމުގެ އަޑީގައި ހަދާފައިވާ އެކިއެކި މަގުތަކުން، އަމާން ކަމާއި އެކު ޕިރަމިޑް ހަދާ ސަރަޙައްދަށް ގެންދެވޭތޯ ބެލުމަކީ އޭނާގެ ޒިންމާ އެކެވެ.

މިސްރުގައިވާ ޕިރަމިޑް ތަކަށް ބަލާލާއިރު، އެ ޕިރަމިޑްތައް ހަދާފައިވަނީ އެކި އެކި ޗެމަބަރު ތަކަކަށެވެ. އެއިގެ ތެރޭގައި ރަސްރަސްކަލުންނަށް ޚާއްސަ ޗެމްބަރެއް ހަދާފައި ހުރެއެވެ. އެގޮތުން އެޒަމާނުގައި، ޕިރުއައުނު މަރުވުމުން އޭނާގެ ސަންދޯއް ޕިރަމިޑްގެ ތެރޭގައިވާ، ރަސްކަލުންނަށް ޚާއްސަ ޗެމަބަރުގެ ތެރޭގައި ބަހައްޓައެވެ. އެޒަމާނުގެ މީހުން ގަބޫލު ކޮށްފައިވާ ގޮތުގައި، ފިރުއައުނުން މަރުވުމަށް ފަހުވެސް އެމީހުންގެ ރޫހު އެމީހުންނާއި އެކުގައި ވެއެވެ. އެހެން ކަމުން ދުނިޔޭގައި އުޅުނު އިރު އެމީހުން އެންމެ ލޯބިވީ ކަމަށް ބެލެވޭ ތަކެތީގެ ތެރެއިން ބައެއް ތަކެތި ސަންދޯކު ތެރެއަށް ލައެވެ. އޭގެ ތެރޭގައި ރަންރިހީގެ ގަހަނާ އާއި ޖަވާހިރު ތަކާއި އެހެނިހެން ވެސް ތަކެތި ހިމެނެއެވެ.