ސަރުކާރުގެ ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް އަށް ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަބްދުއްﷲ ޖާބިރު އިންޒާރު ދެއްވައިފިއެވެ.
އަސްލަމް އަށް ޖާބިރު އިންޒާރު ދިނީ މަޖިލީހުގެ ތެރެއިން އަސްލަމް ގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ޖެހިދާނެ ކަމަށް ބުނެއެވެ.އެނގިފައިވާ ގޮތުގައި ޖާބިރު މިހެން ވިދާޅުވީ މިނިސްޓަރ އަސްލަމް ދައުލަތުގެ ފައިސާއިން އޭނާގެ ފޯނުބިލް ދައްކާފައި އެއަށް މަޢާފް ނުކުރާތީ އެވެ . “އަޅުގަނޑެއް ނޫން ދައުލަތުގެ ފައިސާ އިން ފޯން ބިލް ދެއްކީކީ. އަސްލަންޓޭ ދައުލަތުގެ ފައިސާ އިން ފޯން ބިލްދެއްކީ. އަސްލަންޓޭ ޖެހޭނެ މަޢާފަށް އެދެން. ނޫނިއްޔާ އޭނާގެ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހަޅާނަން.” ޖާބިރު ވިދާޅުވިއެވެ.
މިއަދު ޖާބިރު ވިދާޅުވީ މި ސަރުކާރަކީ އޭނާ ޚަރަދުކޮށްގެން ގެނައި ސަރުކާރެއް ކަމަށާއި މިސަރުކާރުގެ ސީނިއާ މިނިސްޓަރަކު ރަށްރަށަށް ވަޑައިގެން އޭނާ އާއި ދެކޮޅަށް ކެމްޕޭން ކުރަން ލަދުގަންނަން ޖެހޭނެ ކަމަށެވެ.
ޖާބިރު އިތުރަށް ވިދާޅުވީ އެމްޑީޕީން މަޖިލީހުގެ ގިނަ ގޮނޑިތަކެއް ނަގާފައި ވީނަމަވެސް އެހުރިހާ މެންބަރުން އެމްޑީޕީން ބުނިހާ ގޮތަކަށް ވޯޓް ނުދޭނެ ކަމަށާއި، އޭގެތެރޭގައި ތިބޭނެ ޖާބިރު ޚަރަދުކޮށްގެން ހޮވުނު މެންބަރުން ވެސް ތިބޭނެ ކަމަށެވެ. އޭގެ ރިޓާން ޖާބިރަށް ލިބޭނެ ކަމަށްވެސް ވިދާޅުވިއެވެ.